ދުނިޔެ

އެންމެ މުއްސަނދި އެއް ސައުދީ ޕްރިންސްގެ މިލްކިއްޔާތު އެއްކޮށް ސަދަގާތަށް!

Jul 2, 2015
1

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އިސް ބޭފުޅެއް ކަމަށްވާ، ޕްރިންސް އަލްވަލީދު ބިން ތޮލާލްގެ މިލްކިއްޔާތުގައި ހިމެނޭ 32 ބިލިއަން ޑޮލަރު އެއްކޮށް އެހީގެ ގޮތުގައި ދެއްވުމަށް ނިންމަވައިފި އެވެ.

ދުނިޔޭގެ 34 ވަނަ އަށް އެންމެ މުއްސަނދި މީހާ ކަމަށް ފޯބްސް މަޖައްލާ އިން ކަނޑައަޅާފައިވާ އަލްވަލީދު އިއްޔެ ވިދާޅުވީ މުޅި މިލްކިއްޔާތު އޭނާގެ އެހީދޭ ޖަމާއަތް، އަލްވަލީދު ފިލެންތްރޮޕީސް އަށް ދެއްވާނެ ކަމަށެވެ. އެ ކަމަށް އެންމެ ބޮޑަށް ހިތްވަރު ލިބިވަޑައިގަތީ، އޭނާ ވިދާޅުވި ގޮތުގައި، މައިކްރޮސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާ ބިލް ގޭޓްސް އާއި އަނބިކަނބަލުން މެލިންޑާ ގޭޓްސްގެ އެހީދޭ ޖަމާއަތް، ދަ ގޭޓްސް ފައުންޑޭޝަންގެ މަސައްކަތްތަކުންނެވެ.

މިލްކިއްޔާތުގެ ތެރެއިން 3.5 ބިލިއަން ޑޮލަރު މީގެ ކުރިން ވެސް އަލްވަލީދު ވަނީ އޭނާގެ އެހީދޭ ޖަމާއަތަށް ބަދަލުކުރައްވާފަ އެވެ. އަލަށް ބަދަލުކުރާ ބައި ބޭނުންކުރާނީ، އޭނާ ވިދާޅުވި ގޮތުގައި އަންހެނުން ބާރުވެރިކުރުމަށާއި ސަގާފީ ކަންކަން ދިރިވުމަށާއި ކާރިސާތަކުގައި އެހީ ފޯރުކޮށްދިނުން ފަދަ ކަންކަމަށެވެ.

"ހައިރާތް ކުރުމަކީ އަހަރެން މީގެ 30 އަހަރުކުރިން ފެށި، ހަޔާތުގެ މުހިއްމު ބައެއް. އެކަން ވަނީ އަހަރެންގެ މުސްލިމްކަމާ ވެސް ގުޅިފައި،" އަލްވަލީދު ވިދާޅުވި އެވެ.

ސައުދީ ޝާހީ އާއިލާގެ ނަން ހިނގާ މެމްބަރަކަށް ވިޔަސް، އަލްވަލީދުގެ އެއްވެސް ރަސްމީ ހައިސިއްޔަތެއް ރަސްކަމުގެ ތެރެއަކު ނޯވެ އެވެ. އޭގެ ބަދަލުގައި އޭނާ އަކީ ސައުދީ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި، ދަ ކިންގްޑަމް ހޯލްޑިންސްގެ ވެރިޔާ އެވެ. އެ ކުންފުނިން ވަނީ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ހިއްސާ ގަނެފަ އެވެ. އޭގެ ތެރޭގައި ދަ ފޯ ސީސަންސް، ނިއުސް ކޯޕަރޭޝަން، ސިޓީގްރޫޕް، ޓުވިޓާ އަދި އެޕަލް ހިމެނެ އެވެ.