ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުން ފެއްޓެވި "ހިޔާ" މަޝްރޫއާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓަރު އާތިފާ ޝަކޫރު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ނޯޓިސް ފޮނުވައިފި އެވެ.
ހިޔާ ފްލެޓުތަކުގެ މައުލޫމާތު އޮޅުން ފިލުވުމަށް މިނިސްޓަރު އާތިފާ މަޖިލީހަށް ހާޒިރުކޮށް އޭނާއާ ސުވާލު ކުރުމަށް އެދިފައި ވަނީ ޕީޕީއެމްއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމަށް ކޮންމެ ވުޒާރާއެއްގެ ވަޒީރަކު ވެސް ހާޒިރުކޮށް މެންބަރުން ބޭނުންވާ ސުވާލުތައް ކުރެވޭނެ އެވެ.
ރިފާއު، އާތިފާ ހާޒިރު ކުރަނީ ހިޔާގެ 7000 ފްލެޓުތަކުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓާއި މަސައްކަތް ފަށާފައި ނުވާ 2500 ފްލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓުތަކަށް ބަދަލުތަކެއް ގެންނަން ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވާތީ އޭގެ ހަގީގަތަކީ ކޮބައިކަން ސާފު ކުރުމަށެވެ. އަދި ސަރުކަރުން ގެޒެޓުކޮށްފައިވާ ފްލެޓުތަކުގެ ހައްގުވެރިންނަށް ވާނީ ކިހިނެތްކަން ވެސް ސާފު ކުރުމަށް ރިފާއު ވަނީ ހުށަހަޅައިފަ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތައް ބެހި ގޮތާ މެދު ސުވާލު އުފެދޭ އެތަށް ކަމެއް ހުރި މައްސަލަތަކެއް ފެންމަތިވި އެވެ. އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޓީއެއް ނަގާ ފްލެޓުތަކުގެ މައްސަލަތައް އަންނަނީ ބަލަމުންނެވެ.
އެ ފްލެޓުތަކާ ގުޅޭ ގޮތުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ފްލެޓުތައް ހުރީ މީހުންނަށް ދިރިއުޅެވޭ ހާލަތުގައި ނޫން ކަމަށެވެ. އަދި ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.