ރައްޔިތުންގެ މަޖިލިސް

ހިޔާ ފްލެޓްތައް ޑިޒައިންކޮށްފައި ހުރީ ދިރިއުޅެން އެކަށޭނަ ގޮތަކަށް ނޫން: މިނިސްޓަރު

Mar 5, 2019
17

ހިޔާ ފްލެޓްތައް ޑިޒައިންކޮށްފައި ހުރީ ދިރިއުޅުމަށް އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި އެހެން ކަމުން އެ ފްލެޓްތަކުގެ ޑިޒައިންއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭތީ އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ޖުމްލަ ފްލެޓްގެ އަދަދު 3588 ޔުނިޓަށް މަދުވެގެންދާ ކަމަށް ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތަކަށް ބަދަލުތަކެއް ގެންނަ ކަމަށް ބުނެ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހައުސިން މިނިސްޓަރު އާތިފާއާ މަޖިލީހުގެ ޖަލްސާގައި ކުރެއްވި ސުވާލާ ގުޅިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2017 ގެ ޑިސެމްބަރުގައި މަސައްކަތް ފެށި 6880 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ 25 ބުރީގެ 16 ޓަވަރުގައި ހުރީ، ދެ ކޮޓަރީގެ 550 އަކަފޫޓްގެ 6880 ކުދި ފްލެޓްތަކެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އާއިލާތައް ހުންނަ ގޮތަށް ބަލާނަމަ، ފްލެޓެއްގައި ފަސް މީހުން އުޅޭނެ ކަމަށް ބަލާ ނަމަ، އެ ޓަވަރުތަކުގައި ޖުމްލަ 34،400 މީހުން ދިރިއުޅޭނެ އެވެ.

އެހެން ނަމަވެސް މިފަދަ އާބާދީއަކަށް އެކަށީގެންވާ މިންވަރަށް ލިފްޓާއި އެހެނިހެން ހިދުމަތްތައް އިމާރާތުގައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެހެން ކަމުން ސަރުކާރުން ނިންމީ، އިމާރާތުގެ ސްޓްރަކްޗާއަށް ބަދަލު ނާންނާނެ ގޮތަށް ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ތިން ކޮޓަރީގެ ތަންތަނަށް ބަދަލު ކުރަން ކަމަށެވެ. އެ ބަދަލާ އެކު މިނިސްޓަރު ވިދާޅުވީ، ދެ ކޮޓަރީގެ 1104 ހައުސިން ޔުނިޓް އަދި ތިން ކޮޓަރީގެ 2484 ޔުނިޓް އެ ޓަވަރުތަކުގައި ހުންނާނެ ކަމަށެވެ.

ފްލެޓެއްގައި ފަސް މީހުން އުޅޭނެ ކަމަށް ބަލާ ނަމަ، އެ ޓަވަރުތަކުގައި ޖުމްލަ 34،400 މީހުން ދިރިއުޅޭނެ. އެހެން ނަމަވެސް މިފަދަ އާބާދީއަކަށް އެކަށީގެންވާ މިންވަރަށް ލިފްޓާއި އެހެނިހެން ހިދުމަތްތައް އިމާރާތުގައި ނެތް. އެހެންވެ މި ބަދަލު ގެންނަން މި ޖެހުނީ
އާތިފާ ޝަކޫރު -- ހައުސިން މިނިސްޓަރު

"މި ބަދަލާ އެކު ހައުސިން ޔުނިޓްތަކުގެ ޖުމްލަ އަދަދު ޖުމްލަ 3588 ހައުސިން ޔުނިޓަށް ބަދަލުވާނެ. ދެ ކޮޓަރީގެ ފްލެޓްތަކަކީ ފްލެޓަކަށް ފަސް މީހުން ކަމާއި، ތިން ކޮޓަރީގެ ފްލެޓަކީ ނިސްބަތުން ފްލެޓަކަށް ހަތް މީހުން ކަމަށް ބެލުމުން މިއީ ގާތްގަނޑަކަށް 34،400 މީހުން. ސަރުކާރުން އިސްވެ ދެންނެވި ބަދަލު ގެންނަނީ، ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ ބޯހިޔާވަހިކަމަކީ ދިރިއުޅުމަށް އެކަށީގެންވާ ތަންތަނަށް ހެދުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް އެޗްޑީސީއިން ޗައިނާގެ ސީސީސީއާ ހަވާލުކުރީ 20 ޖުލައި 2016ގަ އެވެ. އެ މަޝްރޫއުގެ ދަށުން ފްލެޓްތައް ހަދަން ފެށީ، 20 ޑިސެމްބަރު 2017ގަ އެވެ.

މިނިސްޓަރު ވިދާޅުވީ، މި ބަދަލުގެ ސަބަބުން މީގެ ކުރިން ރޭވިފައިވާ ވަރަށް ވުރެ ފްލެޓްތަކުގެ އަދަދު މަދުވި ނަމަވެސް، ފްލެޓް ދޭން ނިންމާފައިވާ ހައްގުވެރި ފަރާތްތަކަށް މި ސަރުކާރުން ފްލެޓް ފޯރުކޮށްދޭނެ ކަމަށެވެ. އެކަން ކުރުމަށް މި ސަރުކާރުން ވެސް އިތުރު ފްލެޓް އިމާރާތް އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމްޕީ ރިފާއުގެ ސުވާލާ ގުޅިގެން މެންބަރުން ކުރި އެހެނިހެން ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ، ކުރީގެ ސަރުކާރުން ޕްލޭންކޮށްފައި އޮތް އިތުރު 2،000 ފްލެޓް އެޅުމުގެ ޕްރޮޖެކްޓްގައިވެސް އޮތީ މުޅިން ވެސް ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ހެދުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން ތިން ކޮޓަރިއަށް އެ ތަންތަން ވެސް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ފްލެޓް އެޅުމަށް 16 ކުންފުންޏަކާ އެކު ސޮއިކޮށްފައިވީ ނަމަވެސް އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ އެފަދަ މަޝްރޫއެއް ހިންގުމުގެ މާލީ ގާބިލްކަން ހުރި ކުންފުނިތަކެއް ނޫން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެ މަޝްރޫއުގެ ދަށުން މަސައްކަތް ފެށުނީ އެންމެ ފަސް ކުންފުންޏެއްގެ ފްލެޓް އިމާރާތުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން ވެސް ބައެއް ފްލެޓްތަކުގެ އަގު ބޮޑުވެ މުވައްޒަފުންނަށް އެކަން ބުރަޔަކަށް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ފްލެޓް ދީފައިވާ ގޮތްތައް މި ސަރުކާރުން މިހާރު ކޮމިޓީއެއް ނަގައިގެން ބަލަމުން އަންނަކަށް ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ފްލެޓް ދޭނީ އެ މައްސަލަތައް ބެލުމަށް ފަހު ކޮމިޓީގެ ލަފާގެ މަތިން ހައްގުވެރިންނަށެވެ. ކުރިން ފްލެޓް ދީފައިވާ ގޮތާ ގުޅޭ ގޮތުން ގިނަ ޝަކުވާ ލިބޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮންމެ ދުވަހެއްގެ ވެސް މަސައްކަތުގެ ވަގުތުން މެންދުރުފަސް ހާއްސަކުރަން ޖެހެނީ އެފަދަ ޝަކުވާގެ ކަންކަމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އާ ރައީސް ހުވާ ކުރެއްވުމާ ހަމަޔަށް ވެސް މިނިސްޓްރީގައި ދިޔައީ އޭރުގެ ސަރުކާރުން ފްލެޓް ދިނުމުގެ ކަންކަން ކުރަމުން. އެހެންވެ، އަޅުގަނޑު މަގާމާ ހަވާލުވެގެން މިނިސްޓްރީއަށް އައިއިރު އެކި ތަންތަނަށް ހުރީ ފޯމްތައް ވެސް ލާފައި. ދެން އެ ހިސާބުން އަޅުގަނޑު އެކަން ހުއްޓުވާފައި އެތަން ވެސް ތަޅުލާފައި ކަމާ ބެހޭ ފަރާތްތަކާ އެކަން ހަވާލުކުރީ. މިހާރު ފްލެޓާ ބެހޭ ގޮތުން ލިބޭ ޝަކުވާތައް ވެސް މި ދަނީ ކޮމިޓީއަށް ބަރާބަރަށް ފޮނުވަމުން،" މިނިސްޓަރު ވިދާޅުވި އެވެ.