ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިންގައި ވަރަށް ގިނަ ވައުދުތަކެއް ވަނީ ވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި 30 ދުވަހުގެ ތެރޭގައި ފުއްދަވާނެ ވައުދުތަކާއި 100 ދުވަހުގެ ތެރޭގައި ފުއްދަވާނެ ވައުދުތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން ކޯލިޝަންގެ އެއް ބައިވެރިޔާ ރައީސް މައުމޫންގެ ސަޕޯޓަރުންނަށް ވެސް ވައުދެއް ވެވަޑަައިގެންނެވި އެވެ. އެ ވައުދަކީ "ޕީޕީއެމް އޭގެ ހައްގުވެރިންނަށް" ހޯދައި ދިނުމެވެ.
ޕީޕީއެމް އޭގެ ހައްގުވެރިންނަށް އަބުރާ ރުޖޫއަ ކުރެވޭނެ ވާހަކަ ރައީސް ވިދާޅުވި ނަމަވެސް، އެއީ އެމަނިކުފާނު މިހާތަނަށް ވެވަަޑައިގެންނެވި ވައުދުތަކުގެ ތެރެެއިން "ފެއިލް" ވި ހަމައެކަނި ވައުދެވެ. ޝަރުއީ މަރުހަލާގެ އެންމެ މަތީ ކޯޓުން އެކަމަށް ގޮތެއް ކަނޑައެޅުމުން އޭގައި އެމަނިކުފާނަށް ކުރެވޭނެ ކަމެއްވެސް ނޯންނާނެ އެވެ. އެކަމުގައި ގޮތެއް ނިންމީ ޝަރުއީ ކޯޓަކުން ކަމަށްވާތީ އެކަމާ ވާހަކަ ދައްކަން ބޭނުންވަނީ ވެސް ވަރަށް މަދު މީހެކެވެ. މަސްލަހަތައްޓަކައި ރައީސް މައުމޫންގެ އަރިސް ބައެއް ބޭފުޅުން ވެސް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.
ޕީޕީއެމް ހިންގުން ރައީސް މައުމުން ހުއްޓުވާލާފައިވާ ކަމަށްބުނެ ސިވިލް ކޯޓަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ދެ މެމްބަރަކު ހުށަހެޅި މައްސަަލައަށް ބަލައި އޮކްޓޯބަރު 16، 2016 ގައި ކުރި ހުކުމުގައި ބުނެފައިވަނީ، ޕީޕީއެމް ހިންގުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަންދެން ޕާޓީ ހިންގުމުގެ އެންމެހާ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެ ޕާޓީގެ މުޝްތަޝާރު ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބޭއްވުމަށެވެ.
ރައީސް މައުމުންގެ ފަރާތްޕުޅުން ފާހަކަ ކުރަމުންދިޔަ ނުކުތާއަކީ ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ މުޝްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫނެވެ. މުޝްތަޝާރަކީ ޕާޓީގެ ރައީސަށް ފަހު އެންމެ ގަދަރުވެރި މަގާމެވެ. އަސާސީ ގަވައިދުގައި އެހެން އޮވެމެ، އެކަން ޝަރުއީ އެއްވެސް މަރުހަލާއެއްގައި ރައީސް މައުމޫނަކަށް ވިއްކޭ ގޮތެއް ނުވި އެވެ.
ޕީޕީއެމްގެ މައްސަލަ ގޯސްވެ، ޕާޓީ އޮފީހަށް ރައީސް މައުމޫން ވަނުމަށް ހުރަސްއެޅި ހިސާބުން، އޮކްޓޯބަރު 27، 2016 ގައި ރައީސް މައުމޫންގެ މަސައްކަތާއެކު އޭރު ވެރިކަަމުގައި އޮތް ސަރުކާރަށް އެމަނިކުފާނު ކުރެއްވި ތައީދު އަބުރާ ގެންދެވީ ޝީބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
"މިހިނގާ ސަރުކާރަކީ ޕީޕީއެމްގެ ވިސްނުމާއި ޕީޕީއެމްގެ އާންމު އުސޫލުތަކާ އެއްގޮތަށް ހިންގާ ސަރުކާރެއް ނޫނޭ. އަދި މިސަރުކާރުން ހިންގާ ކަންތައްތައް، އަޅުގަނޑު މި މަގާމުގައި ހުރީމާ ކޮންމެވެސް ވަރަކަށް އަޅުގަނޑުގެ ބޮލުގައި މި ޒިންމާ އެބަ އެޅޭ. އެހެންވީމާ އަޅުގަނޑު މި ގަސްތު ކުރަނީ މިހާތަނަށް ޕީޕީއެމްގެ މި ސަރުކާރަށް އަޅުގަނޑު ދެއްވާ ތާއީދު މިއަދުން ފެށިގެން އަނބުރާ ގެންދިއުމަށް،" މިއީ އެދުވަހު ރައީސް މައުމޫން ވިދާޅުވި ވާހަކަ އެވެ.
ސިޔާސީ މަޝްރަހުގައި އޭރު އޮތް އިދިކޮޅަށް ވުރެ ވެސް ބޮޑަށް އެ ސަރުކާރުގެ ދުއްތުރާއާއި ރައީސް މައުމޫން ކުރިމަތިލާން ޖެހުނެވެ. ޕާޓީގެ އޮފީސް އެމަނިކުފާނަށް ގެއްލުނެވެ. އެ އޮފީހުގައި ހުރި ތަކެތި ފުލުހުންގެ އެހީއާއެކު ހުސް ކުރިފަހުން އެ ތަނަށް ވަދެވުނު އިރު އޮތީ އެމަނިކުފާނަށް ނިސްބަތްކޮށް، ހަޑި ހުތުރު ބަސް ލިޔެފައެވެ. މި ހުރިހާ ކަމެއް ހިގަމުން ދިޔަ އިރުވެސް ރައީސް މައުމޫން ހުންނެވީ ވަރުގަ ދަކޮށެވެ. އެތަނަށް ވަދެވަޑައިގެން އެ ފާރުތައް ކައިރީ ހުއްޓިވަޑައިގެން ނެންގެވީ ފޮޓޯތަކެކެވެ. އެ ފޮޓޯތައް އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން އެމަނިކުފާނަށް މޮޅެއް ލިބޭ ކޮންމެ ފަހަރަކު ސަރުކާރަށް މެސެޖެއް ދޭން ބޭނުންވެސް ކުރި އެވެ. އެހެން ނަމަވެސް ޝަރުއީ ތިން މަރުހަލާއިން ވެސް ރައީސް މައުމޫންވީ ބައްޔެވެ.
ޕީޕީއެމްގެ މައްސަލަ ނިމިދިޔަ ގޮތާބެހޭ ގޮތުން ވާހަކަ ދެއްވި ވަކީލަކު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މައްސަލައަކީ ދިރާސާ ކުރުމަށްފަހު ފަހުގެ ތާރީހެއްގައި ގާނޫނީ ދާއިރާއިން ކިޔަވާކުދިންނަށް ރަނގަޅު ފިލާވަޅުތަކެއް ނަގައިދެވިދާނެ ފަދަ މައްސަލައެކެވެ.
ގާނޫނީ ގޮތުން ހަމަނުޖެހޭ ބައެއް ކަންކަން އެ މައްސަލައިގައި ހުރިކަން އޭނާ ފާހަަގަ ކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ކަންކަމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރަން ސަރުކާރުން ކުރާ މަސައްކަތުގައިވެސް ފިލާވަޅު ލިބިގަނެ، ވިސްނަންޖެހޭ ވަރުގެ ކަމެކެވެ.
ރައީސް މައުމޫނަށް ތާއީދު ކުރާ ބައެއް އާންމުން ދައްކާ ވާހަކައެއްވެސް އެބައޮތެވެ. އެއީ ރައީސް މައުމޫނަށް މި ދަނޑިވަޅުގައި ޕާޓީ ނުދިނުމުގައި ސަރުކާރު ހިންގާ ކޯލިޝަންގެ އަތެއް އޮތް ވާހަކައެވެ.
ސަރުކާރުން ބޭނުންވި ހުރިހާ ކަމެއް ކުރަމުންދާ އިރު، ހާއްސަކޮށް، ބޮޑެތި ހުކުމްތަކުގައި ތިއްބެވި ސިޔާސީ ބޭބޭފުޅުުން މިނިވަން ކުރުމާއި، އެފަދަކަންކަން ކުރަމުންދާ އިރު، ޕީޕީއެމްގެ މައްސަލަ އެހާ ސާފުކޮށް އޮއްވާ ރައީސް މައުމޫނާއި ދެކޮޅަށް އެމައްސަލަ ނިމުމުގައި ސިޔާސީ ބައެއްގެ އަތެއްވާ ކަމަށް އެމީހުން ގަބޫލު ކުރެއެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަދަ މުހިންމު އިންތިހާބެއް ކުރިމަތީގައި އޮއްވާ ރައީސް މައުމޫނަށް ޕީޕީއެމް ލިިބިއްޖެ ނަމަ "ފިޔަފަޅާލާނެ" ކަމުގެ ބިރު ކޯލިޝަން ތެރޭގައި އޮތް ވާހަކަ އެވެ.
"ރައީސް މައުމޫނަކީ އަސްލު މި ގައުމުގައި އޮތް ބޮޑު ފިކުރެއް. އެ ފިކުރަށް ތާއިދުކުރާ ވަރަށް ގިނަ މީހުން ތިބޭނެ. މިހާރުވެސް ރައީސް މައުމޫނަށް ދިމާވެގެން އުޅޭ މައްސަލައަކީ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތު ނެތުން، ޕާޓީއެއްގެ ހައިސިއްޔަތު އޮތް ނަމަ، މަޖިލީސް އިންތިހާބުގައި ވާދަކޮށް، އެ ޕާޓީއަކަށް ގިނަ ގޮނޑިތަކެއް ހޯދާނެ. މިއީ ކޯލިޝަންގެ ދެންތިބި ޕާޓީތަކަށް އޮތް ބޮޑު ބިރެއް. މިހާރުވެސް އެމްޑީޕީއާއި، ޖޭޕީން ތަޅާފޮޅަނީ، އެދޭތެރެއިން ރައީސް މައުމުން ފާޅުވެއްޖެއްޔާ އިތުރު ކޮމްޕެޓީޝަނެއް އެ އުފަން ވަނީ" ރައީސް މައުމޫނަށް ތާއިދު ކުރާ ބޭފުޅަކު ވިދާޅުވި އެވެ.
ޕީޕީއެމްއިން ބޭއްވި ކޮންގްރެސް ސްޕްރީމްކޯޓުން ސައްޙަ ކަމަށް ނިންމުމާއެކު ރައީސް މައުމޫން ދެއްވީ ވަރަށް ކުރު މެސެޖެކެވެ. އެއީ "އިރާދަކުރެއްވިއްޔާ މި އަޒުމެއް ނުގުޑާނެ. މި ހިތްވަރެއް ނޭލޭނެ" ކަމަށެވެ. އެއާއެކު ރައީސް މައުމޫން ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި ޕާޓީއެއް އުފައްދާނެ ކަން އިއުލާން ކުރައްވާފަ އެވެ. އެޕާޓީ މަޖިލިސް އިންތިހާބާ ހަމަޔަށް ރަޖިސްޓްރީ ނުވި ނަމަވެސް، ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ތާއިދާއެކު މަޖިލީހަށް ކުރިމަތިލާނެ ފަރާތްތަކެއް ކަނޑައަޅާފައެވެ. އެހެން ކަމުން އެއްގޮތުން ނުވިއްޔާ އަނެއްގޮތަކުންވެސް ރައީސް މައުމޫންގެ ކެނޑިޑޭޓުން މިފަހަރުގެ އިންތިހާބުގައި ވާދަކުރާނެ އެވެ. އެހެންކަމުން ޕީޕީއެމް ނުލިބުނު ނަމަވެސް ސިޔާސީ ގޮތުން އެމަނިކުފާނުގެ ފަޅާފައި ހުރި ދިގު ފިޔަތައް ކޮށާލައި މަޑުން ބެހެއްޓޭނެ ގޮތެއް މިފަހަރު ނުވީއެވެ.