ދުނިޔެ

ތައި ޕްރިންސެސްގެ ކެނޑިޑެންސީއާމެދު ގޮތެއް ނިންމަނީ

Feb 11, 2019
1

ބެންގްކޮކް (ފެބްރުއަރީ 11) - ތައިލެންޑްގެ ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާފައިވާ މިހާރުގެ ރަސްގެފާނު ވަޖިރަލޮންގްކޯންގެ ދައްތާފުޅު ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލްގެ ކެންޑިޑެންސީ އާމެދު ގޮތެއް ނިންމަން އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެ އެވެ.

ތައިލެންޑްގެ އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަށް އިންތިޒާރު ކުރެވޭއިރު، ދައްތާފުޅުގެ އެ ނިންމެވުމާ ދެކޮޅަށް ހުދު ރަސްގެފާނު ވެސް ވަނީ އެކަމަށް ދެކޮޅު ހައްދަވާ ބަޔާނެއް ނެރުއްވައިފަ އެވެ.

ރަސްގެފާނު ވަޖިރަލޮންގްކޯންގެ ނެރުއްވި ބަޔާނުގައި ވިދާޅުވީ ޝާހީ އާއިލާއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ސިޔާސީ ކަންކަމުގައި ޝާމިލްވެ އުޅުމަކީ ޝާހީ އާއިލާގައި އަމަލުކުރަމުން އަންނަ ޒަމާންވީ އުސޫލުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި އެއީ ތައިލެންޑްގެ ގާނޫނު އަސާާސީގެ ރޫހާ މުޅިން ހިލާފު ކަމެއްގެ ގޮތުގައި ވެސް ރަސްގެފާނުގެ ބަޔާނުގައި ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ވެސް މަގުބޫލު އަދި ތައިލެންޑްގެ މަގުބޫލު އެކްޓްރެސްއެއް ކަމަށްވާ ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް ބޮޑުވަޒީރު ކަމަށް ވާދަކުރައްވަނީ، ކުރީގެ ބޮޑު ވަޒީރު ތަކްސިން ސިނަވަތުރާއަށް ތާއީދު ކުރާ، "ދަ ތައި ރަކްސާ ޗާޓް ޕާޓީ" އިން އެވެ.

ޕްރިންސަސް އުބޮލްރަޓަނާގެ ކެންޑިޑަސީގެ އިތުރުން، އެކަމަނާގެ ޕާޓީއަށް ވެސް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ވެސް އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމާނެ އެވެ.

އުމުރުފުޅުން 67 އަހަރުގެ، ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް ވަނީ، އެމެރިކާ ރައްޔިތަކާ ކައިވެނި ބައްލަވައި ގަތުމަށް ފަހު ޝާހީ ޝަރަފު 1972 ވަނަ އަހަރު ދޫކޮށްލައްވައިފަ އެވެ. އެ ކައިވެނި ރޫޅުމަށް ފަހު 2001 ވަނަ އަހަރު އެނބުރި ތައިލެންޑަށް ވަޑައިގެން ނަމަވެސް، އެކަމަނާއަށް ޝާހީ ޝަރަފް ދީފައެއް ނުވެ އެވެ.

ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލްގެ ކެންޑިޑެންސީއާ މެދު ޝައްކު އުފައްދާތީ އެކަމަށް ރައްދު ދެއްވާ އެކަމަނާ ވިދާޅުވަނީ، އޭނާއަކީ ޝާހީ އާއިލާގެ ބޭފުޅެއް ނޫން ކަމަށާއި އެކަމަނާ ދިރިއުޅުއްވަނީ ވެސް ޝާހީ އާއިލާއާ ވަކިން އާންމު ދިރިއުޅުމެއް ކަމަށެވެ. އެހެން ކަމުން އެކަމަނާ ބޮޑުވަޒީރު ކަމަށް ވާދަކުރެއްވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ވިދާޅުވެ އެވެ. ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް އެގޮތަށް ވިދާޅުވި ނަމަވެސް، ތައިލެންޑްގެ ރައްޔިތުން އަދިވެސް ގަބޫލު ކުރަނީ އެކަމަނާއަކީ ޝާހީ އާއިލާގެ މެންބަރެއްގެ ގޮތުގަ އެވެ.

ބޮޑުވަޒީރުގެ މަގާމަށް އެކަމަނާއާ ދެން ވާދަކުރައްވަން ހުށަހަޅުއްވާފައި ވަނީ، 2014 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބުގައި އިސްކޮށް ހުންނެވި ޖެނެރަލް އަދި ތައިލެންޑްގެ މިހާރުގެ ބޮޑުވަޒީރު ޗަން-އޮކަ އެވެ. ޕްރިންސަސްގެ ކެނޑިޑެންސީއާ ހެދި ޝާހީ އާއިލާ އާއި އެ ގައުމުގައި ނުފޫޒު ގަދަ އަސްކަރިއްޔާއާ ދެމެދު މައްސަލަތަކެއް އުފެދުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.