ބާސެލޯނާ

ބާސާއަށް ނަތީޖާ ނުނެރެވުމުން ރެއާލްއަށް ދޮރު ހުޅުވިއްޖެ

ދެ ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑާ ފަރަގު ބޮޑު ކުރަން ލިބުނު ފުރުސަތުގައި، އެތުލެޓިކް ކުލަބު ބިލްބާއޯއާ ދެކޮޅަށް، ބާސެލޯނާއަށް ނަތީޖާ ނުނެރެވުމުން ލީގް ހޯދުމުގެ ރޭހުގައި ރެއާލްއަށް ވެސް އިތުރަށް ދޮރު ހުޅުވިއްޖެ އެވެ. މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ބާސާއަށް، ބިލްބާއޯގެ މައްޗަށް ކާމިޔާބު ހޯދުނުނަމަ ރެއާލް މެޑްރިޑާ އަށް ޕޮއިންޓަށް ފަރަގު ބޮޑު ކުރެވުނީހެވެ. މެޗު އެއްވަރުވުމުން، ލީގް ހޯދުމުގެ ފުރުސަތު ރެއާލްއަށްވެސް މިހާރު އެބައޮތެވެ. އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް މޮޅުވުމަށް ފަހު ރެއާލްގެ ކޯޗް ސެންތިއާގޯ ސޮލާރީ ވަނީ ލީގް ހޯދުމުގައި އިތުރަށް އުންމީދު ލިބިފައިވާކަން ހާމަކޮށްފަ އެވެ.

ރޭގެ މެޗުގައި، ބާސާ ސަލާމަތްކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ކީޕަރު، މާކް އަންޑްރޭ ޓާ ސްޓެގަން އެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި ބިލްބާއޯއިން ފޮނުވާލި ނުރައްކާތެރި ބޯޅައެއް ސޭވް ކޮށްފަ އެވެ.

މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި، ބާސެލޯނާގެ ޑިފެންޑަރު ނެލްސަން ސަމޭޑޯ ބޯޅައަށް މަސައްކަތް ކުރަނިކޮށް ބިލްބާއީގެ ޑިފެންޑަރު އެ ބޯޅައަށް ހުރަސްއަޅަން މަސައްކަތް ކުރަނިކޮށް، ޕެނަލްޓީ އޭރިއާތެރެއަށް ސަމޭޑޯ ވެއްޓުނެވެ. އޭނާ ޕެނަލްޓީއަކަށް އެޕީލް ކުރި ނަމަވެސް، ރެފްރީ ކަށިގަނޑު ފުމުނީ މެޗު ގެ ފުރަިހަމަ ވަގުތު ނިމިއްޖެ ކަމަށެވެ.

އޭގެ ފަހުން ބާސެލޯނާގެ ކުޅުންތެރިން، އެޕީލް ކުރުމުން، ވީއޭއާރް މެދުވެރިކޮށް ބެލި އެވެ. އެހެންނަމަވެސް ވީއޭއާރުންވެސް ފެންނަ ގޮތުގައި ޕެނަލްޓީއަށް ދޭންޖެހޭ ވަރުގެ ކަމެއް ނުހިނގަ އެވެ.