(6 ފެބްރުއަރީ 2019 އާ ގުޅޭ)
ވިޝާލް އާއި ކޮންމެވެސް އިރަކުން ކުރިމަތި ލާން ޖެހޭނެކަން މަންހާއަށް އެނގި އެކަމާއި އޭނަގެ ހިތްއަވަސްވަނީއެވެ. އެހިތާ ސިކުނޑި ވިސްނަމުންދަނީ ހަމައެއްމެ ކަމާއިމެދުއެވެ. އެއީ ވިޝާލްގެ އެތަކެއް ސުވާލުތަކެއް ކުރިމަތިވާ ހިނދު ދޭނެ ޖަވާބަކާއި ދޭތެރެއެވެ.
"މަންހާ......" ލޯގަނޑު ކުރިމަތީ އުނުގައި ހުދު ތުވާއްޔެއް އަނދެލައިގެން ހުރި ވިޝާލް ދުލުން ކިޔާލިއެވެ. އަދި ހަމަ އެއާއިއެކު އެފިރިހެންވަންތަ ތުންފަތަށް ވެރިވި ރަކި ހިނިތުންވުމަކާއިއެކު ދަތްތައް ފެނިގެން ދިޔައެވެ. ވިޝާލް ލޯގަނޑާއި ދިމާލަށް އިސްތަށިގަނޑު އަތުން ފޮޅާލިއެވެ. މޮޔައަކު ފަދައިން ވިޝާލްގެ ކަމަކީ އެއީއެވެ. ހިޔާލީ ދުނިޔެއެއްގައި ކޮޓަރީގެ ހަތަރު ފާރާއި ވާހަކަދެއްކުމެވެ. ކޮންމެ ދިމާލަކުންވެސް އޭނައަށް ހީވަނީ މަންހާ ސިފަވާހެންނެވެ. ބޯއަރިކޮއްލަމުން އެތޫނުފިލި ދެދޮލުން ވިޝާލްއަށް ނުސީދާކޮށް ދޭ ބަލާލުމުން އަބަދުވެސް އޭނައަށް ހާއްޞަވާނެއެވެ. ގިނައިން ދޫކޮއްލާފައި އޮންނަ މަންހާގެ ކަޅުކުލަ ގަދަ ދިގު އިސްތަށިގަނޑުގެ ތެރެއިން އެރީތި ދޮންމޫނު ފެންނައިރު ހީވަނީ އަލިވެގެންވާ އިރެއްހެންނެވެ. އެއިރަށް އިތުރު އަލިކަމާއި ފުރިހަމަކަން ގެނެސްދެނީ ކުދިއަންނާރު އޮއްތަކެއްފަދަ ދަތްތައް ދައްކާލުމާއިއެކު މަޑު ފިޔާތޮށި ކުލައިގެ ފިނިފެންމާ ފިޔައެއްފަދަ ދެތުންފަތުން ދޭ ހިނިތުންވުމެވެ. ވިޝާލްގެ ހިތުގައި މަންހާގެ ކޮންމެ އަދާއެއްވަނީ ބިންވަޅުނެގިފައެވެ. ދުވަހަކުވެސް އެހިތް އަންހެން ކުއްޖަކަށް މަންހާއަށް ތަޢުރީފު ކުރާވަރަކަށް ނުކުރެއެވެ. އަދި ދުވަހަކުވެސް މިވަރަކަށް އަންހެން ކުއްޖަކު ބޭނުންވެގެން އެހިތް ނުގޮވައެވެ. ހިތުގެ މުރާދު ފުރިހަމަވުމުން އެލިބޭ ހިތްހަމަޖެހުން މިއަދު ވިޝާލް އެއަންނީ އިޙްސާސްކުރަމުންނެވެ.
އަލަމާރީގައި ހުރި ގަމީހާއި ޓީޝާރޓު އެއްކޮޅުން އަނެއްކޮޅަށް ބެލިއިރުވެސް ވިޝާލްއަށް ކަމުދާކަހަލަ ގަމީހެއްވެސް އަދި ޓީޝާރޓެއްވެސް ނެތެވެ. އެނދުކައިރީ ހުރި ކުޑަ ސައިޑް ކަބަޑްގެ މަތީ އޮތް އޭނަގެ އަތުކުރީ ގަޑިނަގާ ބަލާލިއެވެ.
"އޯ ނޯ.......ކަމޯން ވިޝާލް........ހަރީ އަޕް..........." ވިޝާލް އަމިއްލައަށް ބުނެލިއެވެ.
އަނެއްކާވެސް އަލަމާރި ކުރިމަތީ ހުއްޓިލަމުން އަވަސް ބަލާލުމަކާއިއެކު މަޑު އޮރެންޖުކުލައިގެ ޓީޝާރޓެއް ނެގިއެވެ. އަދި ވަގުތުން ނެގި ކަޅު ކުލައިގެ ޖިންސު ލާންފެށިއެވެ. ވިޝާލްގެ ހަރަކާތްތައް ހުރީ ވަރަށް އަވަސް އަރުވާލާފައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އޭނަ ތައްޔާރުވަމުން އެދަނީ އެހިތުގެ މަލަކާއާއި ބައްދަލު ކުރުމަށެވެ. މަންހާ ޔުނިވާރސިޓީ ނިމެންވާއިރަށް އޭނަ ބަލާދިއުމަށެވެ. ވިޝާލް ޑްރެސިންގ ޓޭބަލްމަތީ ހުރި ޔޫފޯރިއާ އިންޓެންސް ސެންޓުފުޅިން އެހިތްގައިމު ހަށިގަނޑަށް ޖަހާލުމާއިއެކު އަނެއްއަތުގައި އޮތް ޓީޝާރޓް ލިއެވެ. އަދި ލޯގަނޑަށް ބަލާލަމުން އިސްތަށިގަނޑު ރީތި ސްޓައިލަކަށް ހަދާލަމުން ކޮޓަރިން ނުކުތެވެ.
"މާހަލުވިކޮށް ކޮންތާކަށް؟ ހިނގާ ސައިބޯން......." މޫސައަށް މާހަލުވިކޮށް ސިޑިންފައިބަމުން އައި ވިޝާލް ފެނުމާއިއެކު ބުނެލިއެވެ. އޭރު މޫސަ އާއި ނާޒިޔާ ކާކޮޓަރިއަށް ސައިބޯން ދަނީއެވެ.
"މި.....މިދަނީ.........މަންހާ ބަލާ.....ޔުނިވާރސިޓީއަށް......." ވިޝާލްއަށް މޫސަމެންގެ ދެމަފިރިން ފެނުމާއިއެކު ހުއްޓުން އަރާގޮތްވިއެވެ. އަދި އަޅައަޅައިގަންނަމުން ލަސްލަހުން ދާންއުޅޭތަނެއް ބުނެލިއެވެ.
"ކޮބާ ނީލް، އޭނަ ދާނެ ކޮންމެ ދުވަހަކުވެސް މަންހާ ބަލާ......ދަރިފުޅު އަންނަންވީނު ސައިބޯން......" މޫސައަށް ވިޝާލްގެ ޖުމްލަ އަޑުއިވުމާއިއެކު ބުނެލިއެވެ. އޭރު ވިޝާލްގެ ހަރަކާތްތަކަށާއި އެމޫނަށް އަރާފައިބަމުންދިޔަ ކުލަވަރު ބަލަން ހުރި ނާޒިޔާ ވާހަކަދެއްކީ އޭނައަށް ކަމެއް އެނގުނު ހެންނެވެ.
"އަހަރެން ބުނީއޭ ވިޝާލް ކައިރީ މަންކޮ ބަލާ ދާށޭ، އޭރުން ވިޝާލްއަށްވެސް މިކޮޅުގެ މަގުތަކުގައި ކާރުގައި އުޅެން ދަސްވާނެތީއޭ........ވިޝާލް، ދަރިފުޅު ދޭ.......ގޮސް މަންކޮ ގޮވައިގެން އާދޭ، އޭރުން ތިދެކުދިން އެއްކޮށް ސައިބޯން އެރޭނެ، އެހެންނޫނީ މަންކޮވެސް އެކަނިވާނެ ދޯ.......މޫސަ ދެން އޭނަ ފޮނުވާލާފަ އަހަރުމެން ހިނގާ ސައިބޯން ދާން...." ނާޒިޔާ ވިޝާލްއަށް ބަލާލަމުން ވާހަކަދެއްކިއެވެ. ވިޝާލްގެ މޫނުމަތީގައި ކުރިންހުރި ހިނިތުންވުން އެނބުރި އަތުވެއްޖެއެވެ. މޫސަ ހުއްދަދިނުމާއިއެކު އޭނަ އަވަސްވެގަތީ ކާރުގެ ތަޅުދަނޑިނެގުމަށެވެ.
އެހެން ދުވަސް ދުވަހު ޔުނިވާރސިޓީ ނިމުމާއިއެކުހެން މަންހާގެ ކަމަކީ ނީލް ކާރުގައި އަންނާނެ އިރެއް ލަސްވެގެން އިރުއިރުކޮޅާ ގަޑިބެލުމެވެ. އެކަމަކު މިއަދު އޭނައަށް ރަނގަޅީ ނީލް ވީހާވެސް ލަހުން އަންނާނެނަމައެވެ. ޔުނިވާރސިޓީގެ ދޮރުމަތީގައި ހުރި ބޮޑެތި ހަރުފަތްތަކުގެ ތެރެއިން ހަރުފަތެއްގައި މަންހާ އިށީނދެލައިގެން އިންއިރު އޭނަ އާއި ދާތި ގާތުގައި އެހެން ދެކުދިންވެސް ތިއްބެވެ. ދޭތެރެއަކުން މަންހާވެސް އެކުދިންގެ ވާހަކައަށް ހޫން ލައްވާލުމާއިއެކު ބޯޖަހާލައެވެ. އެއީ އޭނަ އާއި އެއްކުލާހެއްގައި ކިޔަވާ ކުދިންނެވެ.
ސަމާލުކަން ކުޑަވެފައިވާ މަންހާގެ ލޮލަށްވުރެ ކަންފަތުގެ ހިއްސު މަސައްކަތްކުރިލެއް އަވަހެވެ. ކާރެއްގެ ބަރުގޮނުގެ އަޑުއިވުމާއިއެކު އެދިމާލަށް މަންހާ ބަލާލިއެވެ. އާއެކެވެ. އެއީ އޭނަ ބަލާއައިސް އޮތް ކާރެވެ. އެކަމަކު މަންހާއަށް ކޮންމެވެސް ވަރަކަށް ފަސްޖެހެވުނެވެ. އެހެންދުވަސްތައް ފަދައިން މިއަދުވެސް ކާރުގެ ފަހަތުގައި ވިޝާލް އޭނަގެ އިންތިޒާރުގައި އިންނާނެކަން މަންހާއަށް އިނގޭތީއެވެ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭ އެދެމެދުގައި ވި ގާތްކަމަށް ވިޝާލް ލޯބީގެ ނަން ދީފާނެ ކަމަށް އޭނަ ހީވެސް ނުކުރެއެވެ. ކުއްލިއަކަށް މަންހާ ދެފަޔަށް ލެވުނުހާ ބާރެއްލާފައި ހިނގައިގަތެވެ. އެވަގުތު މަންހާގެ ސިކުނޑި ވިސްނާދިންގޮތަށް ކަންތައްކުރުމަށެވެ. އާދައިގެ މަތިން ވިޝާލް ފަހަތުގެ ދޮރުހުޅުވާލަންވާއިރަށް މަންހާ ދިޔައީ ކާރުގެ ކުރީ ސީޓަށް އެރުމަށެވެ.
"ނީލް....ލެޓްސް ގޯ......." މަންހާ ކާރުގެ ފަހަތުން ލާފައިގޮސް ކުރީދޮރުހުޅުވާލަމުން ކާރަށް އެރިއެވެ. އަދި އަވަސް އަވަހަށް ދޮރުލައްޕަމުން ވާހަކަދެއްކިއެވެ.
"ހާއި........." ވިޝާލް މަންހާގެ އަޑު އިވުމާއިއެކު ބުނެލިއެވެ.
"ވިޝް.....ވިޝާލް.........ނީލް......ކޮބާ ނީލް......." މަންހާއަށް ކުއްލި ސިހުމެއްލިބިގެންދިޔައެވެ. އަދި ވާހަކަ ދެއްކުމަށް އުނދަގޫވިއެވެ.
"އައި ޖަސްޓް ވޯންޓެޑް ޓު މީޓު ޔޫ..........." ވިޝާލް މަސްތުކުރުވަނިވި ލުއި ހިނިތުންވުމަކާއިއެކު ބުނެލިއެވެ. މަންހާއަށް އޭނަގެ އުނގުގައި އޮތް ބޮޑުފޮތުގައި ދެއަތުން ބާރަށް ހިފަހައްޓާލެވުނެވެ. މުޅިހަށިގަނޑު ފިނިވެގެންގޮސް ހީވީ ގަނޑުވެ ހަރަކާތްކެނޑެން އުޅެނީހެންނެވެ. ނޭވާލާންވެސް މަންހާއަށް ދަތިވިކަހަލައެވެ.
"ވިޝާލް........ޕްލީޒް......." ވިޝާލް އިރުކޮޅަކު މަންހާއަށް ބަލަން އިނުމަށްފަހު އޭނަގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމާލުމާއިއެކު މަންހާ މޫނު ދުރަށް ޖައްސާލަމުން ބުނެލިއެވެ. އެކަމަށްވެސް ވިޝާލް ދިނީ ލުއި ހިނިތުންވުމެކެވެ. އަދި ކާރު ދުއްވާލިއެވެ.
ގެއާއިހަމައަށް އާދެވުނުއިރު އިރުއޮއްސެން ކައިރިވެއްޖެއެވެ. މަންހާއަށް މިއަދު ކާރުގައި މާގިނަވަގުތު ހޭދަކުރެވުނުހެން ހީވެ ގަޑިބަލާލިއެވެ. އާއެކެވެ. ވިޝާލް މިއަދު ގެއަށް އެއައީ މާދުރު މަގުތަކުންލާފައެވެ. މަންހާ އަވަސްވެ ގަތީ ކާރުން ފައިބައިގެން ގޭތެރެއަށްވަނުމަށެވެ. އެހެންނަމަވެސް އެތަށްއިރެއްވަންދެން މަންހާގެ ހަރަކާތްތަކަށް ބަލަމުންދިޔަ ވިޝާލް މާކުޅަދާނައެވެ. ދޮރުހުޅުވާލުމާއިއެކު ވިޝާލް މަންހާގެ އަތުގައި ހިފިއެވެ.
"ވިޝާލް........ޕްލީޒް........." އަނެއްކާވެސް މަންހާއަށް ބުނެލެވުނެވެ. އަދި އެބާރުގަދަ ބޮޑު އަތްތިލައިގެ ތެރެއިން އޭނަގެ އަތް ދަމައިގަނެވޭތޯ އުޅުނެވެ.
"ހަމަ ދޫކޮއްލަންވީތަ........." ވިޝާލް އެހެން އަހާލީ ވަރަށް އަސަރާއިއެކުއެވެ. ހަމައެހެން ބުނުމާއިއެކު މަންހާ އަވަސް އަވަހަށް ބޯޖަހާލިއެވެ. މަންހާގެ ނިތަށް ރޫއަރުވާލަމުން އަނެއްކާވެސް އަތް ދަމައިގަންނަން މަސައްކަތްކުރިއެވެ.
ކާރު ތެރޭގައި ވިޝާލްގެ ލުއި ހީލުމުގެ އަޑު ފެތުރިގެންދިޔައެވެ. އަދި ހަމައެވަގުތު އޭނަ މަންހާގެ އަތުންވެސް ދޫކޮއްލައިފިއެވެ. މަންހާ އަވަސް އަރުވާލާފައި އެތެރެއަށް ވަންނަން އޮތް މަގުން ހިނގައިގަތެވެ. ވިޝާލްއަށް އެމަންޒަރު ފެނުމާއިއެކު އޭނަވެސް ލަސްނުވެ ކާރުން ފައިބައިގެން ހިނގައިގަތީ މަންހާގެ ފަހަތުން އެތެރެއަށް ވަނުމަށެވެ.
ވިޝާލް ދުވެލާފައި މަންހާއަށްވުރެ ކުރިން ގޮސް ދޮރުހުޅުވާލަދިނެވެ. މަންހާ ވިޝާލްއަށް ބަލާލުމެއްނެތި ގޭތެރެއަށްވަދެ އަވަސްވެގަތީ މައްޗަށް ދާންހުރި ސިޑިން އޭނަގެ ކޮޓަރިއަށް ދިއުމަށެވެ. ވިޝާލް މަންހާ ސިޑިން އަރާތަން ބަލަން ހުއްޓުންއަރާފައި ހުއްޓެވެ.
"މަންކޮ.......ތިއައީ ދޯ......ހިނގާ ސައިބޯން..." އެތެރެ ސިޓިން ރޫމުގައި ވިޝާލް މަންހާ ގޮވައިގެން އަންނާނެ އިރެއްގެ އިންތިޒާރުގައި އިން ނާޒިޔާއަށް އެދެކުދިން ފެނުމާއިއެކު ދުވެފައި ކަހަލަ ގޮތަކަށް އާދެވުނެވެ.
"ދައްތާ، ސައިބޯހިތެއްނެތް، އެހާ ބަނޑުހައެއްވެސް ނުވޭ......" ނާޒިޔާ ގޮވާލި އަޑުއިވިގެން މަޑުކުރަން މަޖުބޫރުވި މަންހާ ބުނެލިއެވެ.
"އަނެއްކާ ތިދެކުދިން ތިއައީ ތަނަކަށްގޮސް ކައިގެންތަ؟" ނާޒިޔާ ސިޑީގެ އަރިމަތީ ތޭރިތަކުގައި އަތްއަޅުވާލަމުން ކަމެއް އޮޅުން ފިލުވަން ބޭނުންވާފަދަ ގޮތަކަށް އަހާލިއެވެ.
"ނޫން ބޮޑުމަންމާ، އަޅުގަނޑުމެން އެއްވެސް ތަނަކަށް ނުދަން، ޔަގީނުންވެސް އަޅުގަނޑު ވަރަށް ސައިބޯން ބޭނުން" ވިޝާލް ޖިންސުގެ ޖީބަށް ދެއަތްޖަހާލަމުން ދެކޮނޑު އަރުވާލާފައި ވާހަކަދެއްކިއެވެ.
"ދެން އާދޭ މަންކޮ، ވިޝާލް ސައިނުބޮއެ މަޑުކުރީވެސް މަންކޮ ގޮވައިގެން އައިސް ސައިބޯން ވެގެން، ދެން އާދޭ، ދުވާލު ހަތަރުދަމު ތިހެން ލުއިއެއްޗެއް ކާލައިގެން އުޅޭއިރު ދައްތައަށް އެނގޭ ބަނޑުހައިނުވެއެއް ނުހުންނާނެކަން، ވިޝާލްވެސް އެކަންޏެއްނުވާނެ އެއްނު މަންކޮ އާއި ދެކުދިން ސައިބޯން ދިޔައީމަ" ނާޒިޔާ އެއްގޮތަކަށްވެސް ގޮތްދޫކުރާކަށް ބޭނުމެއްނުވެއެވެ. އޭނަ ބޭނުންވަނީ ވިޝާލް އާއިއެކު މަންހާވެސް ކާކޮޓަރީގެ ސައިމޭޒު ދޮށުގައި އިނުމެވެ. އެކަމަކު މިއަދު އެހެން ދުވަސް ދުވަހާއި ތަފާތު ކަމެއް މަންހާގެ ހަރަކާތްތަކުގައި ހަރުލާފައިވާކަން ނާޒިޔާއަށް ފަސޭހަ ކަމާއިއެކު ނަގައިގަނެވިއްޖެއެވެ.
"އަނެއްކާ ވިޝާލް އާއި މަންހާ ދެބަސްވީބާ، މަންހާ ހީވަނީ ވިޝާލް ދެކެ ނުރުހިފައި ހުރިހެން، އެހެންނޫނީ ދޮރުން ވަދެގެންވެސް އަންނާނީ އެކަކު އަނެކަކާއި ހީ ސަމާސާ ކުރަމުން، އަނެއްކާ ކިހިނެތްބާ ވީ" ނާޒިޔާ މަންހާގެ ޖަވާބަކަށް މަޑުކޮށްލައިގެން ހުރި މަދު ސިކުންތުކޮޅުގެ ތެރޭގައި އެސިކުނޑިއަށް އަރަމުންދިޔައެވެ.
"އޯކޭ.........އެކަމަކު މިއަންނަނީ ފޮތްތައް ބަހައްޓާލާފަ.......ޖަސްޓް ގިވްވީ ފައިވްމިނިޓްސް...." މަންހާ ހިނިތުންވެލަން މަސައްކަތްކުރަމުން ބުނެލިއެވެ.
"ވަރަށް ހައިވެފަ މިހިރީ، އެހާ ގިނަ އިރު އިންތިޒާރު ނުކުރުވައްޗޭ......ހެ ހެ ހެ ހެ" ވިޝާލް ލުއިގޮތަކަށް ހީލިއެވެ. އޭނަގެ ކުރިމަތީގައި ކަހަލަ ގޮތަކަށްހުރި ނާޒިޔާވެސް ކުޑަކޮށް ހީލިއެވެ.
މަންހާ ކޮޓަރިއަށް ވަތްގޮތަށް ދޮރު ތަޅުލިއެވެ. އަދި ދޮރުގައި ލެގިލަމުން އަތުގައި އޮތް ބޮޑު ފޮތް ގެނެސް މޭގާ ޖައްސާ ބާރުކޮއްލިއެވެ. ދެލޯ މަރާލުމާއިއެކު މަންހާއަށް ހަށިފުރާ ދިގު ނޭވާއެއް ބޭރުކޮއްލެވުނެވެ. އެއްއަތުން ކަރުގައި އަތްލެވުނީ އެކަރަށް ފެތެމެދުން ދާ މަޅިއަށް ވާންވެދާނެކަމުގެ ބިރާއިއެކުއެވެ. މަންހާ މަޑުމަޑުން ގޮސް އެނދުގައި އިށީނެވެ. އަނެއްކާވެސް ހިޔާލާ ފިކުރުގެ ކަނޑަށް ގެބެންފެށީއެވެ.
ނާޒިޔާ މަންހާގެ ދޮރުގައި ޓަކި ދިނީ އެންމެ ފަސްވަރަކަށް މިނެޓެއް ފޮތްތައް ބަހައްޓަން ދިޔަ މަންހާގެ ހަބަރެއް ނުވެ ގިނަ އިރުވުމުންނެވެ.
"މަންކޮ.......މަންކޮ.......ދޮރުހުޅުވަބަލަ" ނާޒިޔާ ގޮވާލިއެވެ. އެއަޑާއިއެކު ގިނައިރުތަކެއްނުވެ މަންހާ ދޮރުހުޅުވާލުމާއިއެކު ކޮޓަރިން ނުކުތީ ތިރިއަށް ދިއުމަށެވެ.
"ސޮރީ ދައްތާ.........ފާހާނާއަށް ވަދެލީ، މާގިނައިރުވީ ދޯ، ހިނގާ އަވަހަށް ސައިބޯން، ކޮބާ ބޭބެ" މަންހާ ނާޒިޔާއަށް ޝައްކުވާނޭފަދަ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއްނޫނެވެ.
"ބޭބެ އެބަ އުޅުއްވާ ކޮޓަރީގަ، މަހުގެ ކުރީކޮޅުވީމަ، މާލޭގައި ހުރި ގޭގެ ކުލީގެ ކަންތައްތަކާ އުޅުއްވަނީ، މަންކޮ މިއަންނަނީ އޭ ބުނީމަ ވިޝާލް އެބައިން ކަރަށް ފެންފޮދެއްވެސް އެތެރެނުކޮށް........" ނާޒިޔާ ބުނި ޖުމްލަތައް ނިންމާލީ ލާނެތް ރާގަކަށް މަންހާ އާއި ދިމާކޮއްލަމުންނެވެ.
ސައިމޭޒު ދޮށުގައި ވިޝާލް އިނދެ ވަތުތަށީގައި އޮތް ކުޑަ ސަމްސަލާއި ކުޅެމުންދިޔައެވެ. މަންހާ ފެނުމާއެކު އޭނަގެ އަތުން ސަމްސާ ދޫވެ ވަތުތަށީގައި ޖެހި ބާރު އަޑެއް ކިޔައިގެން ދިޔައެވެ. ނާޒިޔާ ވިޝާލް އާއި މަންހާ އާއިއެކު އެތަނުގައި މަޑުކުރިއެވެ. އެދެމެދުގައި ހިނގާ ކަންތައްތައް ދެނެގަތުމުގެ ބޭނުމުގައެވެ. ކޮންމެއަކަސް ނާޒިޔާ ވިޝާލްގެ ލޮލުގައިވާ އާދަޔާއި ހިލާފު ވިދުން ކަނޑައިގެން ނުދާކަން ފާހަގަކުރިއެވެ. އަދި ވިޝާލް އާއި މަންހާ އާއި ދެމެދު ބަދަލު ކުރެވެމުންދިޔަ ސިއްރު ސިގްނަލްތައް ފެންނަމުންދިޔައެވެ. އެހެންނަމަވެސް މަންހާ އެކަންކަމަށް އިންކާރު ކުރާތަން ފެންނަމުންދިޔައެވެ. ސައިބުއިމުގަވެސް މަންހާވަނީ އަވަސްއަރުވާލާފައެވެ. އެހެންދުވަސް ދުވަހާއި ހިލާފަށް ސައިމޭޒު ކައިރީވެސް މަންހާ އެހާ ގިނައިރަކު ނީނެވެ. އަވަސް އަވަހަށް ފިލާވަޅު ހަދަން ހުރިކަމުގައި ބުނެ އެތަނުން ދިޔައެވެ.
މަންހާއަށް ވިޝާލް ލޯބި ހުށައެޅިތާ ތިންދުވަސް ވީއިރު ވިޝާލްގެ ލޯމައްޗަށް އޭނަ ގެއްލެން މަސައްކަތް ކުރާކަން ވިޝާލްއަށް ފާހަގަ ކުރެވިއްޖެއެވެ. ވިޝާލް ކަންބޮޑުވެ ހާސްވީ ދެނެވެ. ވެގެން އުޅޭގޮތެއް އޮޅުންފިލުވުމަށް އޭނަގެ ހިތްވަނީ ބޭގަރާރުވެފައެވެ. މަންހާ ވިޝާލް އާއި ވާހަކަ ދައްކަނީކީ ނޫނެވެ. އަދި ވާހަކަ ދެއްކުމަށް ފުރުޞަތުވެސް ނުދެނީއެވެ. ވިޝާލް ލޯބިން ސަމާސާ ކޮއްލިއަސް ހުންނަނީ ރުޅިއަންނަ ގޮތްވެފައެވެ.
ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަނޑުފަނޑުކޮށް ފާޅުވަމުން އަންނަ ހަނދުގެ އަލި ބެލްކަންޏާ ހަމައަށްވެސް ނުފޯރައެވެ. ތަރިތަކުގެ ވިދުން ކިތަންމެ ގަދަވިޔަސް މިރޭ އެމީހުންވެސް ތަފާތު ލަވައެއް ކިޔާރެޔެއް ކަންނޭގެއެވެ. ވިޝާލްއަށް ބޭއިޙްތިޔާރުގައި ބޮލުގެ އިސްތަށިގަނޑުގައި އަތްހަކާލެވެއެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު އޭނަގެ މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް އަދި ހިތްހަމަޖެހުމެއްވެސްނެތެވެ.
"މަންހާ..........ކީއްވެތަ ތި ފިލަނީ އަހަންނަށް، މަންހާ......މަންހާ.......މަންހާ.........އަހަރެން މޮޔަވެދާނެ........އަހަރެން އިތުރަށް ތަޅުވަންތައް ބޭނުންވަނީ، ކޮންކަމެއްތަ ބޭނުންވަނީ..........މަންހާ..........މަން........" ވިޝާލްއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. އަދި ދެފަރާތަށް ބޯހޫރުވާލިއެވެ.
ވިޝާލް ދެކޮޅަށް ހިނގުން ހުއްޓައެއްނުލައެވެ. ދޭތެރެއަކުން ލައިގެން ހުރި ސޯޓުގެ ޖީބަށް ދެއަތްޖަހާލާނެއެވެ. ނޫނީ ޑްރެސިންގ ޓޭބަލްގެ ލޯގަނޑު ކުރިމަތީ ހުއްޓި އަމިއްލަ ސޫރައަށް ބަލައެވެ. އޭނަގެ އުނީ ކޮންކަމެއްތޯ އަމިއްލަ ނަފްސާ އެތަށް އިރަކު ސުވާލުކުރެއެވެ. އެކަމަކު މަންހާގެ ހިތުގެ އޮއެވަރު ހުރިގޮތެއް އެނގިގެން ނޫނީ ވިޝާލްގެ ނައު ދުއްވާކަށް ޔަގީނުންވެސް ނޭގޭނެއެވެ. ބޭރުކޮއްލި ފުންނޭވާ އާއިއެކު ވިޝާލް ގޮސް ބެލްކަންޏަށް ނުކުންނަން އިން ދޮރުހުޅުވާލިއެވެ. އަދި އަވަސް ފިޔަވަޅުގައި ގޮސް މަންހާގެ ކޮޓަރީގެ ބެލްކަނި ދޮރުގައި ޓަކިދޭން ފެށިއެވެ.
އެނދުގައި ސީލިންގުގައި ހަދާފައިވާ ޑިޒައިންތަކަށް ނަޒަރު ހުއްޓާލައިގެން ނުނިދިފައި އޮތް މަންހާ ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ތެދުވެވުނެއްކަމަކު އެނދުގައި މަޑުކޮއްލައިގެން އިނީއެވެ.
"މަންހާ............މަންހާ.........މީ ވިޝާލް އޭ، ޕްލީޒް ހުޅުވަބަލަ" ދެތިން ފަހަރު ޓަކި ޖެހުމުންވެސް ދޮރުނުހުޅުވުމުން ވިޝާލް ކެތްތެރިކަން ކުޑަ ރާގެއްގައި ބުނަމުންދިޔައެވެ.
މަންހާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ހަދާނެ ގޮތަކާއި މެދު ވިސްނާކަށް ވަގުތެއްނެތެވެ. އެއަށްވުރެ ވިޝާލްގެ ގޮވުން އަވަސްވެފައި ސިކުނޑި ވިސްނާދެމުން ދިޔައީ ދޮރުހުޅުވުމަށެވެ. މަންހާ ހާސްވެ ކަންބޮޑުވެފައި ހުރެވެސް ބެލްކަންޏަށް ނުކުމެވެން އިންނަ ބިއްލޫރި ދަމާދޮރު ނިވާކުރެވިފައިވާ ދޮރުފޮތިގަނޑު އެއްފަރާތަކަށް ކުޑަކޮށް ކަހާލިއެވެ. ބިއްލޫރިގަނޑުގެ އަނެއްފަރާތުން ވިޝާލް ހުރިގޮތް ފެނުމުން މަންހާ އިތުރަށް ޖެހިލުންވާގޮތްވިއެވެ. ހާމަވެފައިވާ މޭމައްޗާއިއެކު ސޯޓެއްލައިގެން ހުރި ވިޝާލްގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ.
"ޕްލީޒް.....ދޮރު ހުޅުވާލަބަލަ" ވިޝާލް އަތުގެ އިޝާރާތާއިއެކު މަންހާއަށް ބަލަންހުރެ ބުނެލިއެވެ.
މަންހާ ވިޝާލްއަށް ބަލަންހުރިގޮތަށް ހުރެ މަޑުމަޑުން ދޮރުގެ ތަންޑުނައްޓާ ދޮރު އެއްފަރާތަށް ކަހާލިއެވެ. ވަށައިގެންވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން ފަނިފަކްސާއެއް ގޮވާލާއަޑު ނޫނީ ނީވެއެވެ. އެވަގުތު އެގޭގަވެސް ހޭލާއުޅެނީ އެދެމީހުން އެކަނި ކަންނޭގެއެވެ.
ހަމަހިމޭންކަމުގެ ތެރެއިން އެހިމޭންކަން ފޫދުއްވާލީ ވިޝާލްއެވެ.
"ވަންނަންތަ؟" ވިޝާލްއަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަން ހުރި މަންހާގެ ގާތުން އޭނަ އަހާލިއެވެ. އެއާއެކު މަންހާ އެއްފަރާތަށް ޖެހިލީ ވަކިއެއްޗެއް ނުބުނެއެވެ.
ވިޝާލް އެކޮޓަރިއަށްވަދެ ކޮޓަރި މެދެއްހާ ހިސާބުގައި މަޑުކޮއްލިއެވެ. އަދި މަންހާއަށް ވަރަށް ފުންކޮށް ބަލާލިއެވެ. އޭނަ ހުރިތަނުން ގުޑާލަންވެސް ނޭގިފައި ހުއްޓެވެ. ވިޝާލް އަތުގެ އިޝާރާތުން އޭނަގެ ގާތަށް އައުމަށް މަންހާއަށް އެދުނެވެ.
"ވިޝާލް...." މަންހާގެ ތުރުތުރު އަޅައަޅާ އޮތް އަޑުން ވިޝާލްގެ ނަންކިޔާލެވުނެވެ.
"ޝްޝްޝްޝް.............ވައި އަރ ޔޫ ސްކެއަރޑް، އަހަރެން ނޫޅެމޭ މަންހާއަށް ގޮތެއް ހަދާކަށް، އެއަށްވުރެ މާ ލޯބިވޭ.....ކޮންކަމަކާތަ މަންހާ ތިހާވަރަށް ޖެހިލުންވަނީކީ، އަހަރެން ޔަގީނުންވެސް މަންހާއާއި ރައްޓެހިވެފަ ދޫކޮށެއްނުލާނަން، ޔަގީނުންވެސް މަންހާ ދެރަވާފަދަ އެއްވެސް ކަމެއް ނުކުރާނަން، މަންހާ.........ތީ މިހާރު މިހިތުގެ ހިތްހަމަ ޖެހުން، ބަލަ މަންހާއެއްނު ބުނީ ހިތް އެދޭ ފަރާތަށް އެހިތުގެ ވާހަކަ އަޑުއިއްވަން ގިނަދުވަސް ނަގާކަށް ނުވާނެއޭ، އަހަރެން ލޯބިވަނީ ހަމައެކަނި މަންހާދެކެ، އަހަންނާ ދުރައްދަނީ ކީއްވެތަ، މަންހާ އަހަރެންނާ ގުޅެން ބޭނުންނުވަނީތަ؟" ވިޝާލް މަންހާގެ ގާތަށް މަޑުމަޑުން ދިޔައެވެ.
(ނުނިމޭ)