ޓްރާންސްފާ މާކެޓް

2022 އަށް ލަބާން، ގްރީން ސްޓްރީޓްގެ އެއްބަސްވުން އާ ކޮށްފި

ޒުވާން ކީޕަރު އިބްރާހިމް ލަބާން ޝަރީފް، 2022 ގެ ނިޔަލަށް ގްރީން ސްޓްރީޓްގައި ދެމިހުންނަށް އޭނާގެ އެއްބަސްވުން އާ ކޮށްފި އެވެ.

މެއި، އެކެއް 2015 ގައި، އޭރުގެ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވެ، މަގުމަތިން ފުލުހަކަށް ހަމަލާ ދިން ކަމުގެ މައްސަލައިގައ، ތިން އަހަރު ޖަލުގައި ހޭދަ ކުރުމަށް ފަހު، މިދިޔަ އަހަރު މިނިވަން ވުމުން، ގްރީން ސްޓްރީޓުން ލަބާންގެ ސޮއި ހޯދި އެވެ.

އޭރު ކުލަބު އީގަލްސްއަށް ކުލެމުން ގެންދިޔަ ލަބާން ހައްޔަރު ކުރީ، މުޒާހަރާގެ ދެ ދުވަސް ފަހުން، ޓާފް ދަނޑުގައި އީގަލްސްގެ ޕްރެކްޓިހުގައި ހުއްޓަ އެވެ. ފަސް އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ކާފާލަތުގެ ދަށުން ކޯޓުން އޭނާ މިނިވަން ކުރީ، މިދިޔަ އަހަރު މެއި މަހު ގަ އެވެ. އޭނާ މިނިވަން ކުރިއިރު ޖޫންގެ ޓްރާންސްފާ ޕީރިއަޑް ހުޅެވެން އޮތީ ކުޑަ ދުވަސް ކޮޅެކެވެ. އޭނާގެ ސޮއި ހޯދަން، ވިކްޓަރީ އާއި ގްރީން ސްޓްރީޓުން މަސައްކަތް ކުރިއިރު އޭނާ ދިޔައީ ގްރީންއަށެވެ. އެކުލަބަކާއެކު އޭނާ އެންމެ ފުރަތަމަ ސޮއި ކުރީ ދޮޅު އަހަރުގެ އެއްބަސްވުމެކެވެ. އެ އައްބަސްވުން މި އަހަރު ހަމަ ވާނެ އެވެ.

އަލީ އަޝްފާގް 'ދަގަނޑޭ' އާއި މުހައްމަދު އުމޭރު، ގްރީން ސްޓްރީޓަށް ސޮއި ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ލަބާން ވަނީ ގްރީންގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒޭން ވަނީ ލަބާން އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އަދި ލަބާން ޓީމުގައި ބަހައްޓަން، އޭނާ ފަރާތުންވެސް ކުރި ޑިމާންޑްތައް ފުރިހަމަ ކޮށްދިނުމަށް ގްރީން ސްޓްރީޓްގެ މެނޭޖުމެންޓުން ކުރި މަސައްކަތް ސުޒޭން ވަރަށް ބޮޑަށް ފާހަގަ ކުރި އެވެ.

"ލަބާންއާ މެދު ސުވާލެއްވެސް ނެތް، ގާތްގަނޑަކަށް (ތިން އަހަރު ދުވަހުގެ ބްރޭކަކަށް ފަހު) އެނބުރިއައިސް ލަބާން ސާބިތުކޮށްދީފި އޭނާއަކީ މިހާރު ރާއްޖޭގެ ނަންބަރ ވަން ކަން،" ލަބާންއަށް ތައުރީފް ކުރަމުން ސުޒޭން ބުންޏެވެ. "ގްރީން ވެސް އެކަން ވަރަށް ރަނގަޅަށް ގަބޫލުކޮށް އޭނަ ބޭނުންވާ ހުރިހާ ކަމެއްކޮށްދީ ގްރީންގައި ބަހައްޓައި ދިން ކަމަށްޓަކައި ގްރީންގެ މެނޭޖުމެންޓަށް، ހާއްސަކޮށް ރައީސް [މުއާވިޔަތު ހަލީލް] އަށް ޝުކުރު އަދާކުރަން."

"ލަބާން (ގެ ނަން) އަޅުގަނޑު މި ފާގަގަ ކުރަނީ ވަރަށް ބޮޑު ސަބަބެއް އޮތީމަ، އެއީ ފުޓްބޯޅައިން ބޭރުގައި ވަރަށް އެހަން ކަހަލަ ހާލަތެއްގައި ހުރެފައި، އޭނާގެ އެހީ އަޅުގަނޑަށް ބޭނުންވި ދަނޑިވަޅުގައި، ހަމަ އުމޭރުންމެން ގޮތަށް އަޝްފާގް މެން ގޮތަށް، މިދިޔަ އަހަރު ލަބާންގެ އެހީ އަޅުގަނޑަށް ލިބިގެން ދިޔައީމަ، އެ ކޮމިޓްމެންޓް އަޅުގަނޑަށް ލިބިގެން ދިޔައީމަ، އެކަން ވަރަށް ބޮޑަށް ފާހަގަ ކުރަން ޖެހޭ."

ލަބާން، ބުނީ އޭނާއަށް އިތުބާރު ކޮށްފައި ގްރީންއިން އާ އެއްބަސްވުމެއް އާ ދިނުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނު ކަމަށެވެ.

"ކޯޗު ބޭނުން ވެގެން މެނޭޖުމެންޓުން ވާހަކަ ދެއްކީ، ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނު ކޯޗު އަޅުގަނޑަށް އިތުބާރުކުރާކަން އެނގުމުން."

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ، އޭޝިއާގެ 23 އަހަރުން ދަށުގެ ކޮލިފިކޭޝަނަށް ތައްޔާރުވާ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހުގައި ލަބާން ވަނީ ހިމަނާފަ އެވެ. އޭގެ ކުރިންވެސް ގައުމީ ޓީމުން އޭނާއަށް ފުރުސަތު ލިބުނެވެ. އެއީ މިދިޔަ ނޮވެމްބަރު މަހު ތިން ވަނަ ދުވަހު މެލޭޝިއާ އާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗަށެވެ. ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލްއަށް އަނިޔާވުމުން، ތިން ވަނަ ކީޕަރެއްގެ ގޮތުގައި ލަބާން ގެންދަން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް މަސައްކަތް ކުރި ނަމަވެސް އޭނާއަށް ޓީމާއެކު ނުދެވުނީ، ކަފާލާތުގައި ހުރުމުން ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ނެތުމުންނެވެ.

ނޮވެމްބަރު 20 ގައި ކަފާލަތުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. މިހާރު އޭނާއަށް ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގައި ހުރަހެއް ނެތެވެ. އޭޝިއަން ޗެމްޕިއަންޝިޕަށް ދާ ގައުމީ ސްކޮޑުން އޭނާއަށް ޖާގަ ދޭނެ ކަމަށް ބެލެވެއެވެ.