މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ޓީސީއަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި އަލީ އަޝްފާގް (ދަގަނޑޭ) އެނބުރި ޓީސީއަށް ބަދަލު ވެއްޖެ އެވެ.
އަޝްފާގް، މި ސީޒަން ފެށީ ކުލަބު ގްރީން ސްޓްރީޓާއެކު އެވެ. އެ ކުލަބަށް އޭނާ ސޮއި ކުރިއިރު ވެސް އެ ކުލަބުން އެއްބަސްވެފައި އޮތީ ޖެނުއަރީ ޓްރާންފާގައި އޭނާ ޓީސީއަށް ދޫކޮށްލުމަށެވެ. އެއީ ޓީސީއަށް އޭއެފްސީ ކަޕް ކުޅުމުގެ ފުރުސަތު ލިބިފައި ވުމުން އެ ކުލަބު ވަރުގަދަ ކުރުމުގެ ގޮތުންނެވެ.
ގްރީން ސްޓްރީޓުން އިއްޔެ ބުނެފައި ވަނީ، އަޝްފާގް އެ ކުލަބަށް ކޮށްދިން މަސައްކަތް އަގު ވަޒަން ކުރުމުގެ ގޮތުން، އޭނާ ބޭނުން ކުރި ހަތް ނަންބަރު ޖޯޒީ މި ސީޒަންގެ ބާކީ އޮތްބައިގައި އިތުރު އެއްވެސް ކުޅުންތެރިޔަކު ބޭނުން ނުކުރާނެ ކަމަށެވެ.
މިދިޔަ ސީޒަން އަޝްފާގް ފެށީ ނިއު ރޭޑިއަންޓާއެކު އެވެ. އެހެންނަމަވެސް އެ ކުލަބުން އޭނާ އަށް މުސާރަ ނުދޭތީ އެ މައްސަލަ އެފްއޭއެމްއަށް ހުށަހެޅުމުން އެފްއޭއެމުން ވަނީ މައްސަލަ ބެލުމަށް ފަހު ނިއު އިން އަޝްފާގް އާއެކު ހަދާފައިވާ އެއްބަސްވުން ބާތީލު ކޮށްފަ އެވެ. އޭނާ ޓީސީ އާ ގުޅުނީ އެއަށް ފަހު އެވެ. އަޝްފާގް ޓީސީގައި ބޭނުން ކުރި 12 ނަންބަރު ޖޯޒީ އެވެ. އަލުން ޓީސީއަށް އޭނާ ބަދަލު ވާ ގޮތަށް ކުރިން ވެސް ހަމަޖެހިފައި ވުމުން އެކުލަބުން ވަނީ އަޝްފާގަށް އެ ޓީމުގެ ހަތް ނަންބަރު ޖޯޒީ ހާއްސަ ކޮށްފަ އެވެ.
މިދިޔަ ބުދަ ދުވަހު ޓީސީން ވަނީ، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބަށް ކުޅުނު ޕާކިސްތާންގެ ކީޕަރު ސާގިބް ހަނީފް އާއި މިސްރުގެ ޑިފެންޑަރު ސައްޔިދު މުހައްމަދު އާއި އާލީ ޝާމިސް (ތޮއްޕެ) ސޮއި ކުރުވާފަ އެވެ. ގުރީންގެ މުހައްމަދު އުމޭރުވެސް ޓީސީ އާ ގުޅޭނެ ކަމުގެ ވާހަކަތައް ވަނީ ފެތުރިފަ އެވެ.