ޓްރާންސްފާ މާކެޓް

ދަގަނޑޭއާ އެކު އުމޭރުވެސް ގްރީން ސްޓްރީޓަށް ސޮއިކޮށްފި

މިދިޔަ ސީޒަންގެ ބައެއްގައި އެކުގައި، ނިއުރޭޑިއަންޓަނަށް ކުޅުނު ދެ ފޯވަޑުން ކަމަށްވާ، އަލީ އަޝްފާގް 'ދަގަނޑޭ' އާއި މުހައްމަދު އުމޭރު ގްރީން ސްޓްރީޓަށް ސޮއި ކޮށްފި އެވެ.

ގައުމީ ޓީމުގައިވެސް، އުމޭރު އާއި ދަގަނޑޭގެ ކޮމްބިނޭޝަންއަކީ ރާއްޖގޭ ހަމަލާތައް ވަރުގަދަ ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ދެ ކުޅުންތެރިންނެވެ. މިރޭ، ދެ ކުޅުންތެރިން އެކުއެކީގައި ގްރީން ސްޓްރީޓަށް ސޮއި ކުރި އިރު، މިއީ ދެ ކުޅުންތެރިންވެސް އެކުއެކީގައި ކުޅޭ ހަތަރު ވަނަ ކުލަބެވެ. ނިއު ރޭޑިއަންޓްގެ އިތުރުން، ވީބީ އައްޑޫ އެފްސީ އާއި މާޒިޔާއަށްވެސް ދެ ކުޅުންތެރި އެކުގައި ކުޅުނެވެ.

ގްރީން ސްޓްރީޓްގެ މިހާރުގެ ކޯޗް، އަލީ ސުޒޭންގެ ކޯޗު ކަމުގެ ދަށުން، މާޒިޔާއިން 2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގް ހޯދިއިރު، ދެ ކުޅުންތެރިންވެސް ވަނީ މޮޅަށް ކުޅެފަ އެވެ. ލ. ކުނަހަންދޫއަށް އުފަން، އުމޭރު ފާހަގަވީ، އިންޓަ ސްކޫލް ފުޓްބޯޅަ މުބާރަތުގައި ގަލޮޅު މަދަރުސާގެ ޓީމުންނެވެ. ފުރަތަމަ ޑިވިޝަނަށް އުމޭރު ނެރެދިނީ، ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ އަދި އެ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް ލިރުގާމް ސައީދު 'ލަރޭ' އެވެ. ލަރޭއަކީ ކުނަހަންދޫގެ ރައްޔިތެކެވެ. އުމޭރުގެ ކެރިއާ އޭނާ ފެށީ ވިކްޓަރީންނެވެ. އޭރު ލަރޭ އަކީ ވިކްޓަރީގެ އެއް އެސިސްޓެންޓް ކޯޗެވެ. އަނެއް އެސިސްޓެންޓް ކޯޗަކީ ސުޒޭން އެވެ.

ވިކްޓަރީގައި އުމޭރު އެންމެ ފުރަތަމަ ކުޅުނީ، ޑިފެންޑަރަކަށެވެ. ޑިފެންޑަރަކަށްވެސް ކުޅެމުންވެސް އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް، އޭނާ ބަދަލުވީ ޖެހިޖެހިގެން ތިން އަހަރު މާޒިޔާގައި ހޭދަ ކުރުމަށް ފަހު އެވެ. ނިއުގައި ވަކިހިސާބަކުން މުސާރައިގެ މައްސަލަ ޖެހުމުން އަޝްފާގްގެ ކޮންޓްރެކްޓް ބާތިލު ކުރުމަށް، އޭނާގެ ފަރާތުން އެފްއޭއެމްއަށް ހުށަހެޅި އެވެ. އެފްއޭއެމްގެ ޕްލޭއާސް ކޮމިޓީން މައްސަލަ ބެލުމަށް ފަހު، ނިއު ރޭޑިއަންޓާ އޭނާއާ ދެމެދު އޮތް ކޮންޓްރެކްޓް ބާތިލު ކުރި އެވެ. އެއަށްފަހު ޖޫން ޓްރާންސްފާގައި އޭނާ ބަދަލުވީ، ޓީސީއަށެވެ. އެ ޓީމާއެކު ދިވެހި ޕްރިމިއާ ލީގް ހޯދި އެވެ.

ދިވެހި ޕްރިމިއާ ލީގް ގިނަ ޓީމުތަކުގައި އަދި އެންމެ ގިނައިން ހޯދި ކުޅުންތެރިޔަކީ އަޝްފާގެވެ. ވޭތުވެދިޔަ ތިން އަހަރުގައި ދިވެހި ލީގް ހޯދި ކޮންމެ ކުލަބެއް ލީގް ހޯދާފައި ވަނީ އެ ކުލަބަށް އަޝްފާގް ސޮއި ކުރުމަށް ފަހު، އޭނާގެ ބޮޑު ހިއްސާއަކާ އެކު އެވެ.

އިންޓަ ސްކޫލް މުބާރާތުގައި، މަޖީދިއްޔާ ސްކޫލުން ވިދާލި، އަޝްފާގްގެ ސީނިއާ ކެރިއާ އޭނާ ފެށީ 2001 ވަނަ އަހަރު ކުލަބު ވެލެންސިއާއިންނެވެ. އޭނާ ކުޅެން ފެށިފަހުން، ރާއްޖޭގައި އޭނާ ކުޅުނު ސީޒަންތަކުގައި އޭނާގެ ކަރުގައި ދިވެހި ލީގް މެޑަލް އަޅާލަން ފުރުސަތު ނުލިބުނީ އެންމެ ތިން ފަހަރު އެވެ.

ގްރީން ސްޓްރީޓަކީ އޭނާ ކުޅޭ އަށް ވަނަ ކުލަބެވެ. އުމުރުން އެންމެ 16 އަހަރުގައި ކުލަބު ކެރިއާ ފެށީ ވެލެންސިއާއިންނެވެ. ވެލެންސިއާގެ އިތުރުން ޓީސީ، ނިއުރޭޑިއަންޓް، ވީބީ އައްޑޫ އެފްސީ، ބުރުނާއީގެ ޑީޕީއެމްއެމް އެފްސީ އަދި މެލޭޝިއާގެ ޕީޑީއާރްއެމް އަށާއި މާޒިޔާއަށް ވެސް އަޝްފާގް ވަނީ ކުޅެފައެވެ.