އަލީ އަޝްފާގު (ދަގަނޑޭ)

ކުލަބުތަކުން ފާރަލަމުން ދަނިކޮށް ދަގަނޑޭ ގްރީން ސްޓްރީޓަށް

ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން، އެ ކުޅުންތެރިޔެއްގެ ސޮއި ހޯދަން ފާރަލަމުން ދަނިކޮށް، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ، އަލީ އަޝްފާގް 'ދަގަނޑޭ' ކުލަބު ގްރީން ސްޓްރީޓަށް ސޮއި ކުރަން އެއްބަސް ވެއްޖެ އެވެ.

ގްރީން ސްޓްރީޓްގެ އޮފިޝަލަކު މީގެ ކުރިން ވަނީ، އެކަން އަވަސްއަށް ކަށަވަރު ކޮށްދީފަ އެވެ. އެ ކުލަބުގެ ހާއްސަ ރަސްމިއްޔާތެއް މިރޭ ޓާމިނަލް ކެފޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ބެލެވޭ ގޮތުގައި އެއީ އަޝްފާގް އެ ކުލަބަށް ސޮއި ކުރުމުގެ ރަސްމިއްޔާތެވެ.

އަޝްފާގްގެ އިތުރުން އޭނާއާއެކު ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ކުޅުނު މުހައްމަދު އުމޭރު ވެސް ގްރީންއަށް ސޮއި ކުރުމަށް ވަނީ ހެމަޖެހިފަ އެވެ.

ދިވެހި ލީގް އެންމެ ގިނަ ޓީމުތަކުގައި އަދި އެންމެ ގިނައިން ހޯދ ކުޅުންތެރިޔަކީ އަޝްފާގެވެ. ވޭތުވެދިޔަ ތިން އަހަރުގައި ދިވެހި ލީގް ހޯދި ކޮންމެ ކުލަބެއް ލީގް ހޯދާފައި ވަނީ އެ ކުލަބަށް އަޝްފާގް ސޮއި ކުރުމަށް ފަހު، އޭނާގެ ބޮޑު ހިއްސާއަކާ އެކު އެވެ.

އިންޓަ ސްކޫލް މުބާރާތުގައި، މަޖީދިއްޔާ ސްކޫލުން ވިދާލި، އަޝްފާގްގެ ސީނިއާ ކެރިއާ އޭނާ ފެށީ 2001 ވަނަ އަހަރު ކުލަބު ވެލެންސިއާއިންނެވެ. އޭނާ ކުޅެން ފެށިފަހުން، ރާއްޖޭގައި އޭނާ ކުޅުނު ސީޒަންތަކުގައި އޭނާގެ ކަރުގައި ދިވެހި ލީގް މެޑަލް އަޅާލަން ފުރުސަތު ނުލިބުނީ އެންމެ ތިން ފަހަރު އެވެ.

މިދިޔަ އަހަރު، އޭނާ ފުރަތަމަ ކުޅުނީ ނިއު ރޭޑިއަންޓަށެވެ. އެ ކުލަބާއެކު މާލޭ ލީގް ހޯދި އެވެ. އޭއެފްސީ ކަޕުގައި، އިންޑީއާގެ ވަރުގަދަ ބާރު ބެންގަލޫރު އެފްސީ ބަލިކޮށް، ދެ ވަނަ ބުރާ ވަރަށް ގާތަށް ނިއު ރޭޑިއަންޓް ގެންގޮސް ދިނެވެ. ނިއު އިން އޭނާއަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުން، އޭނާގެ ފަރާތުން އެ މައްސަލަ އެފްއޭއެމްއަށް ހުށަހެޅި އެވެ. އެފްއޭއެމްގެ ޕްލޭއާސް ކޮމިޓީން މައްސަލަ ބެލުމަށް ފަހު، ނިއު ރޭޑިއަންޓާއި އޭނާއާ ދެމެދު އޮތް ކޮންޓްރެކްޓް ބާތިލު ކުރި އެވެ. އެއަށް ފަހު، އޭނާ ސޮއި ކުރީ ޓީސީއަށެވެ.

އުމުރުން އެންމެ 16 އަހަރުގައި ކުލަބު ކެރިއާ ފެށީ ކުލަބު ވެލެންސިއާއިންނެވެ. ވެލެންސިއާގެ އިތުރުން ނިއުރޭޑިއަންޓަށާއި ވީބީ އައްޑޫ އެފްސީ އަށާއި ބުރުނާއީގެ ޑީޕީއެމްއެމް އެފްސީ އަދި މެލޭޝިއާގެ ޕީޑީއާރްއެމް އަށާއި މާޒިޔާއަށް ވެސް ދަގަނޑޭ ވަނީ ކުޅެފައެވެ.