ހޭޝްޓެގެއްގެ ގޮތު "ކަޕްލްގޯލްސް" ޖަހައިގެން ސޯޝަލް މީޑިއާގައި އެކި އެކި ފޮޓޯ ހިއްސާ ކޮށްފައިހުރެ އެވެ. އާއްމުކޮށް އެ ފޮޓޯތަކުގައި ފެންނަނީ ޒުވާން ދެމަފިރިއެއް ނުވަތަ ލޯބިވެރިންގެ ފޮޓޯތަކެކެވެ. ފިރިހެނަކު ކައްކާތަން ނުވަތަ ދެ މީހުން އެއްކޮށް ކޮންމެވެސް ގައުމަކަށް ޖައްސާލައި ނަގާ ފޮޓޯގަނޑެއް ނުވަތަ އެކީގައި ކަސްރަތު ކުރާ ތަނެވެ. ބައިވެރިޔާއާއެކު ކުރާ އެކި އެކި ސަޅިކަންތައްތަކުގެ ފޮޓޯ އެވެ. މިއީ މި ހޭޝްޓެގާއި އެންމެ އެކަށީގެންވާ ފޮޓޯތައް ހެއްޔެވެ؟ އަސްލު ކަޕްލްގޯލްސްގެ ހޭޝްޓެގަކަށް ވާނީ ކޮންކަހަލަ ފޮޓޯއެއް ހެއްޔެވެ؟
ދުވާ ޓްރެކުގައި މުސްކުޅި ފުރައިގެ އަންހެނަކާއި ފިރިހެނެއް ކަސްރަތަށް ހިނގަނީ އެވެ. ބަލާބެލުމަށް ފިރިހެންމީހާ އަންހެން މީހާއަށް ވުރެ ދުވަސްވެފައި ގައިބާރު ދެރަ އެވެ. ހިނގުން ވެސް ލަހެވެ. އަންހެންމީހާ ހިނގަނީ ފިރިމީހާގެ އަތުގައި ހިފައި ކުރީގައި ހުރެ، ކުޑަކޮށް ބާރަށެވެ. މިކަލަހަ މަންޒަރު މިއީ "ކަޕްލް ގޯލްސް" އަށް ވާންވީ މަންޒަރެވެ. މިއީ ދޮށީ އުމުރަށް ދިއުމުން ވެސް ލޯބިން އުޅޭ މަންޒަރެވެ. އެކަކު އަނެކަކަށް އަޅާލައި ބަލިން ގަދަވަންދެން ވެސް ހިތްވަރުދޭ މަންޒަރެވެ. ފޮޓޯއެއް ނުނެގުނަސް ކަޕްލް ގޯލްސްއަށްވާންވީ މިކަން ކަމެވެ. އަސްލު ކަޕްލް ގޯލްސް ގޮތުގައި ނަމޫނާއަކަށް ބަލަންވީ މީހުންނަކީ ގިނަ ދުވަހަށް ކައިވެންޏެއް ދަމަހައްޓާ އެ ކައިވެންޔަށް ކުދިން ލިބި މުޖުތަމައު ބަލައިގަންނަ މީހުންގެ ގޮތުގައި އެކުދިން ބޮޑެތި ކުރި ދެމަފިރިންނެވެ.
ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް މާބޮޑު ހަދިޔާތަކެއް ވެސް ދޭކަށް ނުޖެހެއެވެ. ނަމަވެސް ކޮންމެ މީހަކަވެސް ރަނގަޅު ބައިވެރިއަކު ލިބިއްޖެނަމަ ކައިވެނި ދަމަހައްޓަން ކުރެވިދާނެ ބައެއް ކަންކަން ހުރެ އެވެ.
މާފު ކުރުމާއި މާފަށް އެދުން
މީހަކު ދެކެ ލޯބިވާ ނަމަ އެމީހާއަށް އަބަދު، ކޮންމެ ދުވަހަކު ބޮޑު ހަދިޔާއެއް ދޭކެއް ނުޖެހެއެވެ. މާފަށް އެދިއްޖެ ނަމަ މާފު ކުރަންވީ އެވެ. އަދި ލޯބިވާ މީހަކު ގަސްދުގައި ދެރަވާ ކަމެއް ކުރެވިއްޖެނަމަ މާފަށް އެދެންވީ އެވެ. މިއީ ދެ މީހުންގެ ދެމެދު އޮންނަ ގުޅުން ވަރަށް ބަދަހިވާނެ ކަމެކެވެ.
އިތުބާރު ކުރުން
އެކަކު އަނެކަކަށް އިތުބާރު ކުރުމަކީ ވެސް ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ ލޯބި އާލާ ވާނެ ކަމެކެވެ. އަދި އެކަކު އަނެކަކުގެ ޒާތީ ކަންކަމަށް އިހްތިރާމް ކުރަންވީ އެވެ. ބައިވެރިޔާގެ ފޯނުވެސް ނުބަލަންވީ އެވެ. މެސެޖު ކުރީ ކާކަށްތޯ ކީއްކުރަންތޯ މި ހުރިހާ ސުވާލުތަކެއްގެ ޖަވާބު ހޯދަން ޖެހޭނަމަ އެއީ ދެމީހުންގެ މެދުގައި އިތުބާރު ނެތްކަމުގެ ހެއްކެކެވެ.
ބައިވެެެރިޔާއަަށް ކުރިމަތިވާ ކަންކަމުގައި އެހީތެރިވުން
ދިރިއުޅުމުގައި ތަފާތު އެކި އެކި ތަޖުރިބާތައް ކުރަން ޖެހެއެވެ. އެކަކު އަނެކަކަށް ލިބޭ ދެރައިގައި ބައިވެރިވެ އެހީތެރިކަމާއި ސަޕޯޓް ދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި މިގޮތަށް އެހީތެރިކަން ފޯރުވައި ނުދޭ ނަމަ އެ ގުޅުމަކީ ދިގު މުއްދަތަށް ދެމިގެންދާނެ ގުޅުމަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ހާއްސަ ނަމަކުން މުހާތަބުކުރުމާއި ތައުރީފު ކުރުން
ބައިވެރިޔާ ދެކެ ލޯބިވާ މިންވަރު އަންގައިދޭ އަނެއް ކަމަކީ ބައިވެރިޔާއަށް ހާއްސަ ނަމަކުން މުހާތަބު ކުރުމެވެ. މިގޮތަށް ވާހަކަ ދައްކާނަމަ ދެ މީހުންގެ މެދުގައި ލޯބި އިތުރު ވެއެވެ. އަދި ބައިވެރިޔާ އާއި މުހާތަބު ކުރުމުގައި އަބަދުވެސް އަދަބުވެރި ކަމާއެކު ވާހަކަ ދައްކަންވީ އެވެ. މީގެ އިތުރުން ވެސް ތައުރީފު ކުރަންޖެހޭ ފަހަރުތަކުގައި ބައިވެރިޔާއަށް ތައުރީފު ކުރަންވީ އެވެ.
އިހްތިރާމް ކުރުމާއި އިސްކުރުން
އެކަކު އަނެކަކަށް އިހްތިރާމް ކުރަންވީ އެވެ. އަދި އެހެން މީހުންގެ ކަަަައރީގައި ވެސް އެކަކު އަނެކާއާއި ދެމެދު އޮންނަ ގުޅުމާއި ޒާތީކަންކަން ހިއްސާ ނުކުރަަންވީ އެވެ. އަބަދުވެސް އިސް ކުރަންވީ ބައިވެރިޔާ އެވެ. މިއީ ދެމީހުންގެ މުސްތަގުބަލަށާއި ދަރިންގެ މުސަތަގުބަލަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަށް ވާނެ އެވެ.