ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމުގެ ބަހުސަކީ 2007 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުން އެއާމެދު ގޮތެއް ނިންމާފައިވާ މުގުރު ޖަހާފައިވާ ކަމެކެވެ. އެ އަހަރު އޮގަސްޓު 18 ގައި ނެގި ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް ރައްޔިތުން ތާއީދުކޮށްފައި ވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބާއްވާށެވެ. އެކަން މަޖިލީހުން އެންޑޯޒްކޮށް އާ ގާނޫނު އަސާސީ އާއި ގާނޫނުތައް ފަރުމާ ކުރީ އެ ނިޒާމަށް ފެތޭ ގޮތަށެވެ.
އޭގެ 11 ވަރަކަށް އަހަރު ފަހުން އަނެއްކާވެސް މިވަނީ އެ ބަހުސް ކުރަން ފަށާފަ އެވެ. ރިޔާސީ ނިޒާމުގައި ރާއްޖެ ފުރިހަމަައަށް "ހިންދެމި ނުލެވެނީސް" އެ ނިޒާމް ފެއިލްވެފައިވެ، ނިޒާމް ބަދަލު ކުރަން ޖެހޭ ކަމަށް ބުނާ ވާހަކަތަކުގެ އަޑުތަކެއް މިހާރު އިވެމުން ދެ އެވެ. އެއާ ދެކޮޅަށް ވާހަކަ ދައްކާ އަޑު ވެސް އިވެމުން އެބަދެ އެވެ. މި އަޑުތައް ފުރަތަމަ ފެންމަތިވެގެން ދިޔައީ ރިޔާސީ އިންތިހާބުގެ ކުރިންނެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައިި އޮވެގެން މިހާރު ވެސް ގާތްގަނޑަކަށް އިދިކޮޅު ޕާޓީއަކަށް ވެފައިވާ ޖުމްހޫރީ ޕާޓީގެ އިން އެމްޑީޕީއާ ދިމާލަށް ދަނީ މައްސަލާގައި "ގާ" އުކަމުންނެވެ.
ޖޭޕީގެ ލީޑަރު އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވަމުން ގެންދަވަނީ "ހޯ ހޯ" އެވެ. މައިގަނޑު ގޮތެއްގައި ތަކުރާރުކޮށް ހަތަރު ފަސް ޖަލްސާއެއްގައި "އެމްޑީޕީއަށް ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނީ ހުވަފެނުގަ"އި ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވި ގޮތުގައި އެމްޑީޕީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ބޭނުން ވަނީ ވެސް ބަރުލަމާނީ ނިޒާމްއަކަށް ރާއްޖެ ބަދަލު ކުރުމަށް މަސައްކަތް ފަށާށެވެ. މެޖޯރިޓީ ލިބިއްޖެ ނަމަ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރުމުގެ "ބިރު" އޮތް ކަމަށް އޭނާ ގަބޫލު ކުރައްވާތީ ވަރަށް ގިނަ ފަހަރު މަތީން އެވާހަކަ ދައްކަވައިފި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި އޭނާއަށް ޔަގީން ކުރެއްވެނީ އެމްޑީޕީ އިން މިހާރު ކުރާ ހުރިހާ މަސައްކަތެއް ބިނާކޮށްފައި ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ އަނބުރާލުމުގެ މަސައްކަތަށެވެ.
"އެމްޑީޕީން ކުރަނީ [ބަރުލަމާނީ ނިޒާމް ގެނައުމުގެ] އެ މަސައްކަތް. ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އާދެވޭ ދޮރު އެ އޮތީ ބަންދުވެފައި، ދެން [ކުރީގެ ރައީސް] ނަޝީދު އެ މަސައްކަތް ކުރައްވަނީ ޕްރައިމް މިނިސްޓަރަކަށް ވެވަޑައިގެން އެންމެ މައްޗާ ހަމައަށް ދެވޭތޯ. އެކަމަކު އެއީ ކުށް ހީއެއް. ބަރުމާނީ ނިޒާމަކަށް އާދެވޭނީ ރަައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން. އަަޅުގަނޑަށް އަދިވެސް ޔަގީން އެ ވޯޓުގައި އަދިވެސް ބަރުލަމާނީ ނިޒާމް ފެއިލް ވާނެ،" އިދިކޮޅު ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އުމަރު ނަސީރު ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމް ބަދަލު ކުރާ ވާހަކަ މިފަހުން އަލުން ފެންމަތި ކުރުވައިގެން އުޅުއްވަނީ ވެސް ރައީސް ނަޝީދެވެ. އެ ނިޒާމަށް ތާއީދު ކުރައްވާ ކުރިން ވެސް ރައްޔިތުން މަޖިލީހުގައި އެކަމަށް ވަކާލާތު ކުރެއްވި ރައީސް ނަޝީދު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ސްރީލަންކާގައި ހުންނަވައިގެން ފޭސްބުކް ލައިވެއްގައި ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން އެމްޑީޕީއަށް ހުށަހަޅާފައިވާނެއޭ ވިދާޅުވި އެވެ.
އެ ބަހުސްގެ ފޯރި އަރަން ފެށީ އެހާ ހިސާބުންނެވެ. އޭގެ ފަހުން އެމަނިކުފާނު އާންމު ތަނެއްގައި އެ ވާހަކަ ތަފުސީލްކޮށް ދައްކާފައެއް ނުވެ އެވެ. ނަމަވެސް ބަރުލަމާނީ ނިޒާމްގެ ވާހަކަ އެހާ ހިސާބަކުން ނުއެއް ނިމެ އެވެ.
ބައެއް އެނިލިސްޓުން ދެކެ ވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަކީ އެއީ ހަމައެކަނި ރައީސް ނަޝީދުގެ ވިސްނުންފުޅެއް ނޫނެވެ. އެމަނިކުފާނުގެ ޕޮލިޓިކްސް ހިނގާ، އެމްޑީޕީ އެކަމަށް ބެކް ކުރާނެ އެވެ. އެކަން ހާމަވެގެން ދިޔައީ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީ އިން ވަކިން ނެރުނު "ޖަޒީރާ މެނިފެސްޓޯ" އިންނެވެ. އޭގެ ފަހު ސޮފުހާތަކުގައި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަދަލު ކުރުމަށް ހުށަހަޅާ ވާހަކަތައް ހިމަނާފައި އޮވެ އެވެ.
އެމްޑީޕީ އިން ހުށަހަޅާފައިވާ ގޮތުން 2020 ވަނަ އަހަރުގެ ތެރޭގައި ގާނޫނު އަސާސީ ބަދަލުކޮށް ބޮޑު ވަޒީރަކު ހޮވަން ޖެހެ އެވެ. އަދި ރައިސުލްޖުމްހޫރިއްޔާ ސިފައިންނާއި ފުލުހުންގެ އިސް ވެރިޔާ ގޮތުގައި ހުންނެވި ނަމަވެސް މުޅި ދައުލަތް ހިންްގާނީ ބަރުލަމާނީ ނިޒާމުގައިވާ ގޮތުން ބޮޑު ވަޒީރެވެ. ގުޅިފައިވާ ޕާޓީތަކުގެ ރައީސެއް ބަދަލެއް ނުވާނެ އެވެ. ހުރިހާ ކަމެއް ކުރައްވާނީ ބޮޑު ވަޒީރެވެ.
އެމްޑީޕީގެ އެ ހުށަހެޅުން ގުޅިފައިވާ ޕާޓީތަކަށް ވިއްކޭ ގޮތް ވިހެނެއް ހީނުވެ އެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި އެބައި ވަނީ އުނިކޮށްފަ އެވެ. ނަމަވެސް ވެރިކަން ކުރާ އެމްޑީޕީގެ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމާއެކު އެމަނިކުފާނުގެ އެވާހަކަތައް ފެއްޓެވި އެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވާ އެކަން އިއުލާން ކުރެއްވި އެވެ. އަދި ބަރުލަމާނީ ސިފައެއް ކަމަށް ބުނަމުން އައި އެންޓި ޑިފެކްޝަން ފަދަ ގާނޫނުތައް ވެސް އޮންނަން ޖެހޭ ކަމަށް ވިދާޅުވަމުން ގެންދަވަ އެވެ.
މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރި ކަމެއް ނެތަސް މުޅި މަޖިލިސް ނަމޫނާއަކަށް ބަލާ ވަރުގެ ބޭފުޅަކަށް ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އެވެ. އޭގެ އިތުރުން އެމަނިކުފާނާ ގާތް އެމްޑީޕީ ބޭފުޅުން ވެސް ގެންދަވަނީ ބަރުލަމާނީ ނިޒާމު ދިފާއު ކުރައްވަމުންނެވެ.
"ނަޝީދު ކެމްޕެއިންގައި ދައްކަވާ ވާހަކަފުޅުތައް ބައްލަވާ. ވަގުން ހިފާ މަޖިލީހެއް، ހިޔާނާތް ނުކުރާ މަޖިލީހެއް، ވިޔަފާރިކޮށްގެން ފައިދާ ހޯދަން ނޫޅޭ މަޖިލީހެއް، ރައްޔިތުންނާ ވާހަކަ ދައްކާ މަޖިލީހެއް، މިހެން ދިގު ލިސްޓެއް އެމަނިކުފާނު ވިދާޅުވޭ. އެޖެންޑާ 19 ގައި ހުރި އިސްލާހުތަކަކީ ރައްޔިތުން ހަގީގަތުގައި ވެސް ވިސްނާނެ ކަންކަން. މަޖިލީހުގެ ނަން މިހާރު އޮތް ކިލަނބުކަން ނައްތާލާ ސާފުކޮށްލާ ފަދަ ގޮތަކަށް ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ، އެ މަޖިލީހަށް މީހުންގެ އިތުބާރު ހޯދޭނެ ގޮތަކަށް،" ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމެއް ގެނައުމަކީ އެމްޑީޕީގެ ފުރިހަމަ ވިސްނުމަކަށް ވެދާނެ އެވެ. އެކަމަކު ބަރުލަމާނީ ނިޒާމެއް ގެންނާނަމޭ ނުވަތަ ނުގެންނާނަމޭވެސް އެމްޑީޕީ އާއި ރައީސް ނަޝީދު ވެސް އަދިއެއް ވިދާޅެއް ނުވެ އެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވި ދުވަހު ވެސް އެ ސުވާލު ކުރެއްވުމުން ޖަވާބެއް ނުދެއްވަ އެވެ.
ވިދާޅުވި ވާހަކަފުޅަކީ ބަރުލަމާނީ ނިޒާމަކީ އެމަނިކުފާނު އަދިވެސް ތާއީދު ކުރައްވާ ނިޒާމެކޭ އެވެ. އޭގެ ފަހުން އެހެން ޕްރެސްތަކުގައި ވެސް އެ ސުވާލު ކުރެއްވުމުން އެހެން ސުވާލަކާ ގުޅުވާލައި އެ ވާހަކަ އޮއްބާލައްވަނީ އެވެ.
މިއީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ކުރިން ރައްޔިތުންނަށް އެނގެން ޖެހޭ މުހިންމު ކަންކަމެވެ. އެމްޑީޕީގެ އެޖެންޑާ 19 ގައި ނިޒާމް ބަދަލު ކުރުން ހިމެނޭ ހެއްޔެވެ؟ ނުވަތަ މެނިފެސްޓޯގައި ބުނެފައިވާ ގޮތަށް މެޖޯރިޓީ ލިބިއްޖެ ނަމަ 2020 ގައި އެ މަސައްކަތް ފައްޓަވާނެ ހެއްޔެވެ؟ މަޖިލީހުގެ ތެރެއިން ބަރުލަމާނީ ނިޒާމް ގެނައުމަށް އެއްވެސް މަސައްކަތެއް ކުރައްވާނެ ހެއްޔެވެ؟ އެ ސުވާލުތަކަށް ޖަވާބު ބޭނުންވެ އެވެ.
ރާއްޖޭގައި އޮތީ މަސްހުނިވެފައިވާ ނިޒާމެއް!
ރާއްޖޭގައި އަމަލު ކުރަމުން އަންނަނީ ރިޔާސީ ނިޒާމަކަށްތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ސުވާލު އުފައްދަވާ ވާހަކަފުޅު ދައްކަވައިފަ އެވެ. ސިޔާސީ ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ވެސް ރާއްޖޭގައި އޮތީ ބަރުލަމާނީ އާއި ރިޔާސީ ނިޒާމްގެ ސިފަތައް އެކުލެވޭ މަސްހުނި ނިޒާމެއްގެ ގޮތުގަ އެވެ.
ދުނިޔޭގައި ފުރިހަމަ ރިޔާސީ ނިޒާމެއް ގާއިމް ކުރި ފުރަތަމަ ގައުމަކީ އެމެރިކާ އެވެ. ގިނަ އެހެން ގައުމުތަކާ އެއްގޮތަށް ރާއްޖެއިން ވެސް ކޮޕީ ކުރަން މަސައްކަތް ކުރަނީ އެމެރިކާގައި އޮންނަ ފަދަ ފުރިހަމަ ރިޔާސީ ނިޒާމެއް ގާއިމް ކުރެވޭތޯ އެވެ. ނަމަވެސް ރާއްޖެ އާއި އެމެރިކާގެ ނިޒާމް ބައްޓަން ކުރެވިފައިވާ ގޮތް ވަރަށް ބޮޑަށް ތަފާތެވެ.
މިސާލަކަށް އެމެރިކާއެކޭ އެއްފަދައިން ރާއްޖޭގައި ވެސް ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ. ނަމަވެސް އެމެރިކާގެ ރައީސް އައްޔަން ކުރައްވާ ވަޒީރުންނާ ސުވާލެއް ނުކުރެވޭނެ އެވެ. ރައީސް ވަޒީރުން އައްޔަން ކުރައްވާ އިރު އެ ފަރާތްތައް ޖަވާބު ދާރީވާން ޖެހެނީ ވެސް ސީދާ ރައީސަވެ. ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ވަޒީރުންނަށް ސުވާލު ކުރެވޭނެ އެވެ. އަދި މައްސަލަތަކުގައި ހާޒިރު ކުރުމުން މެންބަރުންނަށް ވަޒީރުން ޖަވާބު ދާރީވާން ޖެހޭނެ އެވެ. އެއީ ސީދާ ބަރުލަމާނީ ނިޒާމްގެ ސިފަ އެކެވެ.
ބަރުލަމާނީ ނިޒާމް ނުވަތަ ޕާލިމެންޓާރީ ސިސްޓަމް އެންމެ ފުރިހަމައަށް ގާއިމްވެފައި އޮންނަ ގައުމަކީ އިނގިރޭސިވިލާތެވެ. އިންޑިޔާގައި ވެސް އޮންނަނީ އެ ނިޒާމެވެ. އެ ނިޒާމްގައި މަސައްކަތް ކުރާ ގޮތް ރިޔާސީ ނިޒާމާ ވަރަށް ބޮޑަށް ތަފާތެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ވެސް ހުންނަވާނެ އެވެ. ނަމަވެސް އެއީ ރަމްޒީ ދެ މަގާމް އެކެވެ. ދައުލަަތް ހިންގުމުގައި އެ ފަރާތްތަކަށް އެއްވެސް ބާރެއް ނުފޯރުވޭނެ އެވެ.
ހަގީގީ ވެރިކަން ހިންގުމުގެ ބާރު އަދި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީއެއްގެ ލީޑަރެކެވެ. ސަރުކާރުގެ އިސްވެރިޔަކަށް އޭނާ ވެގެންދާއިރު މުޅި ކެބިނެޓް ވެސް އެކުލަަވާލާނީ ބޮޑު ވަޒީރެވެ. މިނިސްޓަރުންގެ ގޮތުގައި ތިއްބަވާނީ ވެސް އޭނާ އައްޔަން ކުރައްވާ މަޖިލިސް މެންބަރުންނެވެ.
ރާއްޖޭގައި މި އޮންނަނީ ރިޔާސީ ނިޒާމުގައިވާ ގޮތަށް ރައިސުލްޖުމްހޫރިއްޔާއަށް އަދި ބަރުލަމާނީ ނިޒާމުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ވެސް ބޮޑެތި ބާރުތައް ބަހާލައިފަ އެވެ. މަސްހުނި ނިޒާމެކޭ ބުނެވޭނީ އެހެންވެ އެވެ.
ބަރުލަމާނީގެ ވާހަކަ: "ވަލު ދޮރާއްޓަކުން" ވެރިކަމަށް!
ރާއްޖޭގައ ރިޔާސީ ނިޒާމް ގާއިމް ކުރިތާ 11 އަހަރު ފުރުނު އިރު މި ހުރިހާ ދުވަަސްވަރު ނިޒާމް މައްސަލައަކަށް ނުވެ މިހާރު ނިޒާމް ބަދަލު ކުރުން އެހާ މުހިންމު ކަމަކަށް ވަނީ ކީއްވެތޯ ސުވާލު އުފެދެ އެވެ. ރިޔާސީ ނިޒާމް އެހާ އަވަހަށް ފެއިލްވީ ހެއްޔެވެ؟ ގައުމެއްގެ ނިޒާމް ފެއިލްވީތޯ ބަލަން އެއީ އެކަށީގެންވާ މުއްދަތެއްތޯ އެވެ؟ ނޫނީ އޭގެން ހާސިލް ކުރަން ބޭނުމީ އެހެން ސިޔާސީ މަގްސަދެއް ހެއްޔެވެ؟
"50 އަަހަރުގެ ތަޖުރިބާ އެބަހުރި އަޅުގަނޑުމެންގެ ރިޔާސީ ނިޒާމުގައި. މި ނިޒާމުގައި އެއްވެސް މައްސަލައެއް ނެތް، ވެރިކަމަށް އަންނަ މީހުން އަންނަން ވާނީ ވަރަށް އޯޕަންކޮށް، ރައްޔިތުންގެ ތާއީދާއެކީ. މަކަރު ހަދައިގެން ނުވަތަ އޮޅުވާލުމެއްގެ ތެރެއިން އާދެވިގެން ނުވާނެ. މިވަގުތު ހާލަތް ހުރި ގޮތުން މިދަނީ ވަލުދޮރާށިން ވަދެ ވެރިކަން ހޯދަން،" ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު [ސީނާ ޒާހިރު] "އަަވަސް" އަށް ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވި ގޮތުގައި ރިޔާސީ ނިޒާމެއް އޮތް ތަނެއްގައި ބަރުލަމާނީ ނިޒާމެއް ބަދަލު ކުރަން ބޭނުންވާ ސަބަބަކީ ފަސޭހައިން ވެރިކަމަށް އައުމެވެ. ނުވަތަ ވެރިކަމަށް ކުރު މަގެއް ހިޔާރު ކުރުމުގެ ބޭނުމުގަ އެވެ. އެއީ ރައްޔިތުންގެ އިތުރު ވޯޓަކަށް ދެވެން ނެތުމުން ނުވަތަ ވޯޓަކާ ނުލާ އުނދަގުލެއް ނެތި އެކަން ކުރުމުގެ ބޭނުމުގަ އެވެ.
"ރާއްޖޭގައި ނެތް އެނާގެ އަމިއްލަ ހިޔާލު ވިއްކައިގެން 50 [ޕަސަންޓު] ޕްލަސް ވޯޓް ހޯއްދެވުނު ބޭފުޅަކު. ރައީސް ޔާމީނަކަށް ވެސް ނުހޯއްދެވުނު. އޭގެ ކުރިން ރައީސް ނަޝީދު ވަޑައިގެންނެވި އެމަނިކުފާނުނަކަށް ވެސް ނުހޯއްދެވުނު. ރައްޔިތުންގެ އެހާ ތާއީދު އޮތިއްޔާ ކީއްވެތޯ ވެރިކަމަށް ކުރިމަތިލާން ޖެހިލުން ވަނީ. މިއުޅެނީ ނިޒާމް ބަދަލު ކޮށްގެން ވެރިކަމަށް ވަލުދޮރާށިން ވަންނަން،"
ނިޒާމް ބަދަލު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ޒާހިރު ވިދާޅުވެ އެވެ. ގާނޫނު އަސާސީގައިވާ ރައިސުލްޖުމްހޫރިއްޔާގެ ބާބު އެކުގައި އުވާލަން ނުވަތަ ބަދަލު ކުރަން ޖެހޭނެ އެވެ. އަދި އެ މިންވަރަށް މެޖޯރިޓީ ލިބިގެން ގާނޫނު އަސާސީ ބަދަލެއް ވެސް ނުކުރެވޭނެ އެވެ. ރައްޔިތުންގެ އާންމު ވޯޓަކުން ހިޔާރުކޮށްފައިވާ ނިޒާމެއް ބަދަލު ކުރެވޭނީ ވެސް ރައްޔިތުންގެ އާންމު ވޯޓަކުން ކަމަށް ޒާހިރު ވިދާޅުވި އެވެ.
ރިޔާސީ ނިޒާމް އޮވެގެން މިހާތަނަށް އުފުލަން ޖެހުނު އުނދަގުލެއް އެ ނިޒާމް ގެންނަ ވާހަކަ ދައްކަވާ ބޭފުޅުން ވިދާޅުވާން ޖެހޭނެ އެވެ. އެ ނިޒާމް ގެނައި ފަހުން މިހާތަނަށް ދިމާވެފައިވާ އުނދަގޫތަކަކީ ވެރިކަމަށް އަންނަ ބޭފުޅުން ނާޖާއިޒް ފައިދާ ނެގުމާއި ވައްކަން ކުރުމެވެ. މިއިން ދައްކައި ދިނީ ޗެކް އެންޑް ބެލެންސް ނެތީ އެވެ. ޗެކް އެންޑް ބެލެސް ސިސްޓަމެއް ނެތްނަމަ ރާއްޖެއަށް ކޮންމެ ނިޒާމެއް ގެނައި ނަމަވެސް އެ ކަންކަން ހިނގާނެ އެވެ.
ވެރިކަން ހިންގުމުގެ ނިޒާމްގެ ބަހުސް ކުރިޔަށް ގޮސް ނިމޭ ގޮތަކުން ރާއްޖޭގެ ސިޔާސީ މަސްހަރަށް ބޮޑެތި ބަދަލުތައް އަންނާނެ އެވެ. ކުރިޔަށް އޮތް މަޖިލީހުގެ ތެރޭގައި އެފަދަ ބޮޑެތި މައްސަލަތަކަށް އަލުން ރިއާޔަތް ކުރާ މަންޒަރު ވެސް ފެނިދާނެ އެވެ. އެހެންކަމުން އެފަދަ ކަމެއް ކުރަން އުޅޭ ނަމަ އެކަން ހާމަ ކުރަން މިހާރު އެބަޖެހެ އެވެ.