މަޖިލިސް އިންތިހާބު 2019

ލޭބާ ޕާޓީގެ ޓިކެޓް އިތުރު 10 މީހަކަށް ދީފި

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބާ ޕާޓީ) ގެ ފަރާތުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 10 ފަރާތަކަށް ޓިކެޓް މިއަދު ދީފި އެވެ.

އެ ފަރާތްތަކަށް ޓިކެޓް ހަވާލްކުރުމުގެ ގޮތުން މިއަދު ހަވީރު ލޭބާ ޕާޓިން ސައިރިސް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރެއްވީ ޕާޓީގެ ލީޑާ ކޮމިޓީގެ ރައީސް އަހްމަދް ޝިހާމް އެވެ.

ލޭބާ ޕާޓިއިން މަޖިލިސް އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވަނީ މިދިޔަ މަހު ޖެނުއަރީ އެއް ވަނަ ދުވަހު ލަވެންޑްރާ ރެސްޓޯރެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ދުވަހު އެ ޕާޓީގެ ޓީކެޓު އެރުވީ އެންމެ މީހަކަށެވެ.

ލޭބާ ޕާޓީން ވާދަކުރާ ނިންމާފައިވާ ދާއިރާތަކަކީ ހދ. ނޮޅިވަރަމް ދާއިރާއާއި، ށ. މިލަންދޫ ދާއިރާއާއި، ޅ. ހިންނަވަރު ދާއިރާއާއި، ބ. އޭދަފުށީ ދާއިރާއާއި، އދ. މާމިގިލީ ދާއިރާއާއި، ތ. ކިނބިދޫ ދާއިރާއާއި، ގއ. ދާންދޫ ދާއިރާއާއި، ސ. މީދޫ ދާއިރާއާއި، ވިލިމާލެ ދާއިރާގެ އިތުރުން، ހުޅުމާލެ ދާއިރާއާއި، ހެންވޭރު ދެކުނު ދާއިރާއެވެ.

ސައިރިސް ކޮލެޖުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓިގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަސީން ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން އިތުރު ކެންޑިޑޭޓުން ނުކުތުން އެކަށީގެންވާ ކަމަށެވެ.

ހަސީން ވިދާޅުވީ ލޭބާ ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަ ކުރާ ކެންޑިޑޭޓަކު ވޯޓު ގަތުމުގެ އަމަލު ނުހިންގާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އޭނާ ވިދާޅުވީ، ކެންޑިޑޭޓުން ކެމްޕޭނަށް ހަރަދުކުރާ ފައިސާއަކީ ކޮންމެހެން ވެސް ހަރަދު ކުރަން ޖެހިގެން ހަރަދު ކުރާ ފައިސާތޯ ބަލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ލޭބާ ޕާޓީން އަދި އެހެން ސިޔާސީ ޕާޓީއަކާ ގުޅެން ނިންމާފައި ނުވާ ކަމަށެވެ. އަދި އެހެން ޕާޓީއަކުން އެފަދަ ދައުވަތެއް އައިނަމަވެސް އެ ޕާޓީއަކާ ގުޅޭނީ ލޭބާ ޕާޓީގެ އަސާސްތަކަށް އެކަށީގެންވާ ޕާޓީތަކާ ކަމަށެވެ. ލޭބާ ޕާޓިއަކީ މަސައްކަތްތެރިންނާ ގުޅިގެން އެމީހުންގެ ހައްގު ހޯދައި ދިނުމަށާ ވަކާލާ ކުރުމުގެ ބޭނުމުގައި އުފެއްދި ޕާޓީ އެއް ކަމަށް މީގެ ކުރިން އެ ޕާޓީން ވަނީ ބުނެފަ އެވެ.

ހަސީން ވިދާޅުވީ، އެހެން ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި މަޖިލިހަށް ވާދަ ކުރާ ފަރާތްތައް ވެސް ލޭބާ ޕާޓީގެ ތާއީދު ހޯދަން އެދުުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް އެފަރާތަށް ވާންޖެހެނީ ލޭބާ ޕާޓީގެ އަސާސްތަކުގެ މިންގަނޑަށް ފެތޭ އަދި ފަސްބައިގައި ކިލަބުކަމެއް ނެތް ކެންޑިޑޭޓުންނަށް ކަމަށެވެ.