ސިއްހަތު

މާބަނޑުއިރު ކޮންމެހެން ބޭނުން ނިއުޓިރިއެންޓްސް!

އަބަދުވެސް ބަލަންވީ ސިއްހަތަށް ފައިދާ ހުރި ކާނާ ކެވޭތޯ އެވެ. މާބަނޑު ދުވަސްވަރު މިކަމަށް ވަކިން ހާއްސަ ކަމެއް ދޭން ޖެހެ އެވެ. މާބަނޑު ދުވަސްވަރު ކާ ކާނާއަކީ ބަނޑުގައި އޮންނަ ދަރިފުޅުގެ ހެދި ބޮޑުވުމަށް ބޭނުންވާ ނިއުޓިރިއެންޓްސް ގެ މާއްދާތައް އެންމެ ފުރިހަމައަށް ލިބޭ ކާނާ ކަމަށް ވެސް ވާންޖެހެ އެވެ. މާބަނޑު އިރު ދުޅަހެޔޮކޮށް ހުރުމަށް މައިގަނޑު ހަތަރު ނިއުޓިރެންޓެއް ބޭނުން ވެއެވެ. އެއީ ކެލްސިއަމާއި ފޯލިކް އެސިޑާއި އަޔަން އަދި ޕްރޯޓީން އެވެ.

ފޯލިކް އެސިޑް

ކާނާގައި ހުންނަ މި މާއްދާއަށް އާއްމުކޮށް ކިޔައި މި އުޅެނީ ފޮލޭޓް އެވެ. މިއީ ބީ ވިޓަމިން އެކެވެ. މި މާއްދާ މުހިއްމުވަނީ ވިހެއުމުގައި ހުންނަ ސްޕައިނަލް ކޯޑާއި ސިކުނޑީގެ އައިބުތަކުން ތުއްތު ދަރިފުޅު ރައްކާތެރިކޮށް ދޭތީ އެވެ.

ފޮލޭޓް މާއްދާ ހިމެނެނީ ބްރޮކޮލީ އަދި ފެހިކަން ގަދަ ފަތްތަކުގަ އެވެ. ފަތްތަކަށް ބަލާއިރު ސްޕިނޭޗް އަދި ކޭލް ގައި މާބަނޑު މީހުންނަށް ބޭނުން ވަރަށް ގިނަ ނިއުޓިރިއެންޓްސް ހިމެނެ އެވެ. މީގައި ފައިބާ ވިޓަމިން ސީ އާއި ވިޓަމިން ކޭ، ވިޓަމިން އޭ. ކެލްސިއަމް އަދި ޕޮޓޭސިއަމް ވެސް ހިމެނެ އެވެ. އަދި އެންޓިއޮކްސިޑެންޓްސް މަތިވުމުގެ އިތުރުން ޕްލާންޓް ކޮމްޕައުންޑް ގިނަވެ، ދިފާއީ ބާރު ވަރުގަދަ ކުރުމަށާއި ހަޖަމް ކުރުމަށް އެހީތެރިވެ ދެއެވެ.

މާބަނޑު މީހުންނަށް އާއްމުކޮށް ދިމާވާ މައްސަލައެއް ކަމުގައިވާ ބަނޑުހަރުވުމުން ވެސް މި ފަދަ ކާނަ ކެއުމުން ސަލާމަތްކޮށް ދެއެވެ. އަދި ވިހާއިރު ކުއްޖާގެ ހުންނަ ބަރުދަން ލުއިވުމުގެ މައްސަލައިން ވެސް ފެހިކަން ގިނަ ފަތާއި ބްރޮކޮލީ ކާނަމަ ސަލާމަތްކޮށް ދެއެވެ.

މޭވާތަކުގެ ތެރއިން އެވަކާޑޯ މިއީ މާބަނޑު މީހުން ނުކައި ދޫކޮށްލާވަރު އެއްޗެއް ނޫނެވެ. އެވަކާޑޯގައި މޮނޯސެޓުރޭޓަޑް ފެޓީ އެސިޑާއި ފައިބާ ފޮލޭޓް އަދި ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. މާބަނޑު ދުވަސްވަރު ފައި އަކުނި ވަޔަށް ދެމުމުގެ މައްސަލަވެސް މި މޭވާގެ ސަބަބުން ފަސޭހަ ވެއެވެ.

ކެލްސިއަމް

މިއީ ތުއްތު ދަރިފުޅުގެ ކަށިތަކާއި ދަތްތައް އުފެއްދުމަށް ކޮންމެހެން ބޭނުންވާ މިނަރަލް އެކެވެ. މާބަނޑު މީހުން އެކަށީގެންވާ މިންވަރަކަށް ކެލްސިއަމް ހުންނަ ކާނާގެ ބާވަތްތައް ނުކާ ނަމަ މި މިނަރަލް މައިމީހާ ގައިގައި ސްޓޯކޮށްފައި ހުންނަ ބައިން ބޭނުން ކޮށްގެން ނަމަވެސް ތުއްތު ދަރިފުޅަށް ފޮރުކޮށް ދެއެވެ. އަދި މާބަނޑު ދުވަސްވަރ ހާއްސަކޮށް ކެލްސިއަމް ބޭނުން ކުރަން ޖެހެނީ ވެސް މި ސަބަބަށްޓަކަ އެވެ.

އާއްމުކޮށް ކެލްސިއަމް އެންމެ ގިނައިން އެކުލެވިގެންވަނީ ޑެއިރީ ޕްރޮޑަކްޓްސް ނުވަތަ ކިރާއި ޔޯގަޓާއި ޗީޒްގަ އެވެ. މާބަނޑު ދުވަސްވަރު ކިރު ބޯން ޖެހެނީ ހަށިގަނޑުގައި ކެލްސިއަމް އިތުރު ކުރުމަށެވެ. މީގެ އިތުރުން ގްރީކް ޔޯގަޓް ވެސް ކެލްސިއަމް އިތުރު ކުރުމަށް ބޭނުން ކުރެވިދާނެ އެވެ. ޔޯގަޓަކީ މާބަނޑު ދުވަސްވަރު ހާއްސަކޮށް މި ދިމާވާ މޭ އެންދުން ފަސޭހަކޮށްދޭ އެއްޗެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަދުވެގެން 3 ނުވަތަ 4 ފަހަރު ކޮންމެވެސް ޑެއިރީގެ މާއްދާއެއް ހިމެނޭ އެއްޗެއް ކެއުން މުހިންމެވެ.

އަޔަން

މާބަނޑު އިރު ދުވަލާއްގެ މައްޗަސް 27 މިލިގްރާމް އަޔަން ބޭނުންވެ އެވެ. މިއީ މާބަނޑު ނޫން މީހުނާއި ބަލާއިރު ދެ ގުނަ އިތުރު މިންވަރެކެވެ. އިތުރަށް އަޔަން ބޭނުންވަނީ ހަށިގަނޑުގައި ލޭ އިތުރު ކޮށްދީ ބަނޑުގައި އޮންނަ ދަރިފުޅަށް ލޭ ފޮނުވުމުގެ މަގްސަދުގަ އެވެ. ހަށިގަނޑުގައި އެކަށީގެންވާ މިންވަރަކަށް އަޔަން ނެތް ނަމަ އެނީމިއާ ނުވަތަ ގައިގަ ލޭ މަދުވުމާ ކުރިމަތިވެ އެވެ.

އަޔަން ހަށިގަނޑަށް އެބްޒޯބް ކުރާވަރު އިތުރު ކުރުމަށް އަޔަން ގިނަ ކާނާއާއެކު ވިޓަމިންސީގެ މާއްދާ ހުންނަ އެއްޗެއް ކާންޖެހެ އެވެ. މިގޮތުން އަޔަން ރިޗް ސީރިއަލްއެއް ހެނދުނުގެ ނާސްތާގައި ހިމަނާ ނަމަ ވިޓަމިން ސީ ހިމެނޭ އޮރެންޖު ޖޫސްފަދަ ބުއިމެއް ބޯލުމުން ހަށިގަނޑަށް އަޔަންގެ މާއްދާ އެބްޒޯބް ކުރާނެ އެވެ.

ޕްރޮޓީން

މާބަނޑު ދުވަސްވަރު ހަށިގަނޑަށް ގިނަ ޕްރޮޓީން ބޭނުން ވެ އެވެ. އަދި ހަށިގަނޑަށް ބޭނުންވާ ޕްރޯޓީން ހޯދަން ގިނަ މީހުންނަށް އުދަގުލެއް ވެސް ނޫނެވެ. ޕްރޮޓީން އަކީ ބިލްޑާ ނުވަތަ އުފެއްދުމުގެ ނިއުޓިރިއެންޓެކެވެ. ޕްރޮޓީން އެހީތެރި ވަނީ މުހިއްމު ގުނަވަންތައް ކަމުގައިވާ ހިތާއި ސިކުނޑި އުފެއްދުމަށެވެ. އާއްމުކޮށް ޕްރޯޓީން މި ހިމެނެނީ މަހާއި، ކުކުޅާއި ބީންސް އާއި ޕީސް އަދި ބިހުގަ އެވެ.

އެންމެ ބިހެއްގައި ގާތްގަނޑަކަށް 77 ކެލޮރީ ހިމެނޭ އިރު، މިއިން ހައި ކޮލިޓީގެ ޕްރޮޓީން އަދި ފެޓް ހަށިގަނޑަށް ހޯދުމަށް ފަސޭހަ އެވެ. މީގެ އިތުރުން ހަށިގަނޑަށް ބޭނުންވާ މާއްދާއެއް ކަމުގައިވާ ކޯލިން ހޯދުމަށް ބިސް ބޭނުން ކުރެވިދާނެ އެވެ. ކޯލިން މަދުވެއްޖެނަމަ ސްޕައިނަލް ކޯޑްގެ އައިބުތަކާއި ސިކުނޑި ފަންކްޝަން ކުރުމުގެ މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.