ހަބަރު

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީއިން ރައީސަށް މައުލޫމާތު އަރުވައިފި

ފްލެޓްތަކުގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މައުލޫމާތު އަރުވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ހިޔާ މަޝްރޫއާ ގެދޮރުވެރިކުރުމާއި ގުޅީފަޅު ހައުސިން ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި އަދި ދެފުށް ފެންނަ ގޮތަކަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދިނުމަށް ރައީސް ސޯލިހް އެކުލަވައިލެއްވި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށެވެ.

ކޮމިޓީގެ މަސައްކަތްތައް ރާއްވާފައިވާ ގޮތާއި މަސައްކަތް ކުރިއަށް ގެންދިޔައިރު ފާހަގަ ކުރެއްވުނު ކަންކަމާ ބެހޭ މައުލޫމާތު ކޮމިޓީގެ ފަރާތުން ރައީސަށް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މައުލޫމާތުތައް އާންމުންނާ ހިއްސާ ކުރެއްވުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މީޑިއާ މެދުވެރިކޮށް އާންމުންނަށް މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށްވެސް ކޮމިޓީއިން ބުނެފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކޮމިޓީން ކުރައްވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށާއި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ކޮމިޓީން ކަންކަން ނިންމެވުމުގައި ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ކަންކަން ނިންމެވުމަށް އިސްކަން ދެއްވުމަށް ރައީސް ވިދާޅުވި އެވެ.

ފުލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގައި މިހާރު ތިއްބަވަނީ، މުހައްމަދު މުއިއްޒު އަދުނާނާއި، ޝީރީން ނާހިދާ ލަތީފާއި، ފާތިމަތު ރަޝީދާއާއި، އަހުމަދު ތޮލާލްގެ އިތުރުން ބަންޑާރަ ނައިބްގެ އޮފީހުގެ ވަކީލެއްގެ ހައިސިއްޔަތުން އަލީ ޝުހައިލް މުހައްމަދެވެ.