ވާހަކަ

އީޝަލް

(10 ފެބްރުއަރީ 2019 އާ ގުޅޭ)

"އެއީ ހަމަ އަހަރެންގެ ބައްޕަ، އެ ނޫނީ އަހަރެންގެ ޢާއިލާއެއްނެތް... އަހަރެން އުފަންވުމަށްފަހު އަހަރެންގެ ހުރިހާކަމެއް ބެލެހެއްޓީ އެ ބައްޕަ" ސުވާލު އުފެދިފައި އިނދެ ރައުލް ވާހަކަދެއްކިއެވެ. މީކާޢިލްއާއި ޒިޔަޒެލް އެކަކުއަނެކަކަށް އެވަގުތު ބަލާލިއެވެ.

"ބޭރީތު ބުނެފިނަމަ އީޝަލްއާ އޮތް ގުޅުން ނިމިދާނެތަ؟" މީކާޢިލް އެއްސެވެ. އެ ސުވާލަށް ކުއްލިއަކަށް ޖަވާބުދޭން ރައުލްއަށް އުނދަގޫވިއެވެ. ބޭރީތުގެ ޚިޔާލެއް އޭނާއަށް އެއްގޮތަކަށް ވެސް ބުނާކަށް ނޭނގެއެވެ. އެހެންވިޔަސް ރައުލް ޤަބޫލުކުރަން ބޭނުންވަނީ އޭނާއަށް ބޭރީތު ކުރާ އިތުބާރުގެ ސަބަބުން ރައުލްގެ ނިންމުންތަކަށް ބޭރީތު ފާޑުނުކިޔާނޭ ކަމުގައެވެ.

"ބައްޕަ... އެހެންބުނާނޭ ހިޔެއްނުވޭ" ރައުލްގެ ނަޒަރު މީކާޢިލްއާއި ޒިޔަޒެލްއާ ދެ މީހުންނަށް ހުއްޓާލިއެވެ.

"ޔަގީނެއްނޫން ދޯ... ދެން އަދި އެއްކަންތައް... އަހަރެން ރައުލް ގާތުން ތި އުޅޭތަން ދޫކޮށް އަހަރެމެންގެ ގާތަށް މުޅި އުމުރަށް އައުމަށް އެދެފިނަމަ އަތުވެދާނަންތަ؟" މީކާޢިލް ހުރީ ރައުލްގެ މޫނުން ފާޅުވާ އަސަރުތަކަށް ފަރުވާތެރިކަމާއެކު ބަލާށެވެ.

"އަނެއްކާ ބަސް ނީއްވަނީސް އޭނާގެ މައްޗަށް ބަސްބުނުމުހެ ހައްޤެއް އަހަރެންނަކަށްނެތް، ބައްޕަ ބުނާ އެއްޗެއް ޔަގީންވާނީ ބައްޕައާ ބައްދަލުވުމުން އެކަނި، އެކަމަކު އަހަންނަށް އީޝަލް ހިބަކޮށްދީފިނަމަ، އީޝަލް ހިތްހަމަޖެހޭ ކޮންމެ ނިންމުމަކާ އަހަރެން ހުންނާނީ ރުހިގެން... އެ ނިންމުމަކީ އޭނާގެ ބައްޕަގެ ގާތުގައި އުޅުން ކަމުގައިވާނަމަ އެގޮތަށް އެކަންވާނީ" ރައުލް ބުންޏެވެ. އޭނާގެ ދެ ލޮލުން އީޝަލްއާ ގުޅުވައި ރައުލް ސަމާސާއެއް ނުކުރާނޭކަން ފާޅުވެއެވެ.

"އެހެންވީރު ދޭ... ބޭރީތުއާ މަޝްވަރާކޮށްފައި އެނބުރި އާދޭ، އޭނާގެ ބާރާއި އަނިޔާވެރިކަމުގައި އަހަރެންގެ އީޝަލް ބައިވެރިކުރާކަށް ޤަބޫލެއްނުވެވޭނެ، ރައުލްއަށް އީޝަލްގެ ހަޤީޤަތް އޮންނާނީ އެނގިފައި، ބޭރީތުގެ ކަންފަތަށް އެފަދަ ވާހަކައެއް އަޑުއިވިއްޖެނަމަ އޭނާގެ ނިޔަތް އީޝަލްއާ މެދު ބަދަލުވާނެ" މީކާޢިލްގެ ވާހަކަ ހުއްޓުވުމަށް ރައުލް އަތްތިލަ ހިއްލާލިއެވެ.

"އަހަރެން ބުނީމެންނު އީޝަލް ރައްކާތެރިކުރާނަމޭ، ބައްޕަގެ ގޮތް އަހަންނަށް ރަނގަޅަށް އެނގޭ، އީޝަލްއާމެދު ކަންބޮޑުނުވޭ، އަހަރެންނަށް ބައްޕައާ ވާހަކަދައްކާނޭ ގޮތް އެނގޭ" ރައުލް ބުންޏެވެ. އިތުރު ވާހަކައެއް މީކާޢިލް ނުދެއްކުމުން ރައުލް އަނެއްކާ ވެސް ވާހަކަދެއްކިއެވެ.

"ބައްޕަގެ ރުހުން ގެނެސްފިނަމަ އަހަރެންނަށް އީޝަލް ދޭނަންތަ؟" ރައުލް އެއްސެވެ. އިރުކޮޅަކު ހިމޭނުން ހުރެފައި މީކާޢިލް ބަލާލިއެވެ. އަދި ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. މީކާޢިލްގެ އެ އިޝާރާތާއެކު ރައުލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"އަހަރެމެން އިރުއަރަންވާއިރަށް އެނބުރި ދާންނަ، ދެން މިރަށަށް އަންނާނީ އީޝަލްއާ ކައިވެނިކުރަން" ރައުލް ބުންޏެވެ.

"ކަލޭ އެނބުރި އަންނައިރު އަހަރެންނާއި އީޝަލް މިތަނުގައި ނުތިބެދާނެ، އެހެންވިޔަސް ކަލެއާ ޒިޔަޒެލް ބައްދަލުކުރާނެ، އީޝަލް ދަސްކުރަންޖެހޭ ކަންކަމާއި އޭނާގެ ތަމްރީނުތައް އަދި ނުނިމޭ، ކަލޭގެ ބަހަށް އެކަނި އަހަރެންނަށް އީޝަލް ދުލެއްނުކުރެވޭނެ، އެހެންވީމަ އޭނާ ތައްޔާރުވަންދެން ކަލޭ ޖެހޭނީ މަޑުކުރަން" މީކާޢިލް ބުންޏެވެ.

"އެންމެ ރަނގަޅު... ތި ޝަރުތު ވެސް ޤަބޫލު، އެކަމަކު މިބުނާހެން އީޝަލް އަހަރެންނަށް ހިބަކޮށް ދޭން ޖެހޭނެ" ރައުލް ބުންޏެވެ. އިރުކޮޅަކު އޭނާއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރެފައި މީކާޢިލް ބޯޖަހާލީއެވެ. އެ އިޝާރާތުން ރައުލް ހިނިތުންވެލިއެވެ.

"ދެން އެންމެ ރަނގަޅު ދިޔަޔަސް" މީކާޢިލް ބުންޏެވެ.

"މި ގެއިން ނުކުތުމުގެ ކުރީން އީޝަލްއާ ބައްދަލުވެދާނެތަ؟ މިރޭ އަހަރެމެންގެ ދަތުރު ފެށޭނެކަން ބުނެލަން ބޭނުން، ދެން ބައްދަލުވާނޭ ދުވަހެއް ނޭނގޭތީ" އިންތަނުން ރައުލް ތެދުވެ މަޑުކޮށްލައިފައި ބުންޏެވެ.

"އެންމެ ރަނގަޅު، އޭނާ އެބަހުރި މަތީ ފެންޑާގައި" މީކާޢިލް އަނގައިން ނުބުނެ ހުންނަން ފެށުމުން ޒިޔަޒެލް ކުރިއަށް ނުކުމެ ވާހަކަދެއްކިއެވެ. ރައުލް މަޑުކުރުމެއްނެތި އީޝަލްއާ ބައްދަލު ކުރަން ދިޔައެވެ.

އީޝަލްގެ ގާތުން ރައުލް ފާޅުވިއެވެ. އީޝަލްއާއެކު އެތަނުގައި ލުގަލްބަންދާ އިނެވެ. ރައުލް އައުމުން ލުގަލްބަންދާ ނުދާން އިންދާ ވެސް އީޝަލް އޭނާ އެތަނުން ފޮނުވާލީއެވެ. އެ މަންޒަރު ދުށް މިޒަރެން ހޭންފެށުމުން އޭނާއާ ދިމާއަށް އައި ލުގަލްބަންދާ އަރުން ނުރުހުމުގެ އަޑެއް ލައްވާލިއެވެ.

"އަހަރެން އިންތިޒާރު ކުރާނަން" ރައުލްއާއެކު އެކަނިވުމުން އީޝަލް ބުންޏެވެ.

"އަޑު އެހީތަ؟" ރައުލް އަހާލިއެވެ. އެއާއެކު އީޝަލް ބޯޖަހާލިއެވެ.

"އަހަރެންނަށް އެނގޭ އަހަރެންގެ ބައްޕައަކީ އަނިޔާވެރި ޖިންނިއެއްކަން، އެކަމަކު ބައެއްފަހަރު ބާރަކީ އެފަދައިން ހޯދޭ އެއްޗެއް، އަހަރެންނަށް އަހަރެންގެ ބައްޕަ ބަދަލުނުކުރެވުނަސް އީޝަލްއާއި ތި ޢާއިލާއަށް ދެރަގޮތެއް މެދުވެރިވިޔަކަ ނުދޭނަން، އަހަރެން ވަރަށް އަވަހަށް އެނބުރި އަންނާނަން، އޭގެ ފަހުގައި އަހަރެމެންގެ މުސްތަޤުބަލާމެދު ވާހަކަދައްކާނީ، އެންމެ ރަނގަޅުތަ؟" ރައުލް ބުންޏެވެ.

"އެންމެ ރަނގަޅު" އީޝަލް އެއްބަސްވެލިއެވެ.

އެނބުރިދާންވަންދެން ވެސް އީޝަލްއާއެކު ވަގުތު ހޭދަކުރަން ރައުލް ބޭނުމެވެ. އެހެންނަމަވެސް އެކަން އެގޮތަށްވާން ނެތްކަން އޭނާ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އީޝަލްގެ ދެއަތްތިލައާއި ނިތްކުރީގައި އޭނާ ބޮސްދިނެވެ. އެނބުރި އައުމުގެ އުންމީދުގައި ހުރެ ކުރި ވަދާޢުގެ ސަލާމެއްގެ ގޮތުންނެވެ. އެންމެ ފަހުގެ ބަހެއްގެ ގޮތުގައި ރައުލް އެނބުރި އަންނަންދެން އޭނާގެ ހައްޤެއްގެ ގޮތުގައި އިނުމަށް އީޝަލްގެ ކަންފަތްދޮށުގައި ބުނެލިއެވެ. ވަކިވެގެން ދިޔަ ރައުލްއަށް މަޢުނަވީ ހިނިތުންވުމެއް އީޝަލް ރައްދުކުރަމުން ބޯޖަހާލިއެވެ. ހިތަށް ލިބެމުންދިޔަ ނުތަނަވަސްކަން އިތުރުވަމުން ދިޔައެއްކަމަކު އެކަން މޫނުން އީޝަލް ފާޅުނުކުރީ ރައުލް ވަކިވެގެންދާއިރު އެ މޫނުން އޭނާއަށް ފެންނަ ހަމައެކަނި އަސަރަކީ އުންމީދުން ފުރިގެންވީ ހިނިތުންވުމަކަށް ހެދުމުގެ ގަސްދުގައެވެ. ލުއި ހިނިތުންވުމެއް ރައުލްގެ މޫނުން ފާޅުވާއިރު އޭނާގެ ހާލަކީ ވެސް އެއީކަން އީޝަލްއަށް ޔަގީންވެއެވެ. އެ ހިނިތުންވުމުގައި ދެމިހުންނަން އިތުރު ހިތްވަރެއް އީޝަލްއަށް ލިބުނީ އެހެންވެއެވެ.

* * * * *

"ރައުލް" އެންމެންގެ ތެރެއަށް ރައުލް އެނބުރި އައުމުން ރާވިން ގޮވާލިއެވެ. އެންމެން ވެސް ތިބީ ކަންތައް ހިނގި ގޮތެއް އެނގެން ބޭނުންވެފައެވެ.

"އެނބުރިދާންވީ ވަގުތު ޖެހިއްޖެ" ރައުލް ބުންޏެވެ.

"އީޝަލް... އޭނާ ނުލާތަ ދަނީ" ދާރިއުސް އެއްސެވެ. ސޭމެސް ނޫނީ ދެންތިބި އެންމެންނަށް ލިބުނީ ހައިރާންކަމެވެ.

"އެމީހުން އީޝަލް ދޭން އެއްބަހެއްނުވި ދޯ" ސޭމެސް ބުންޏެވެ. އެއާއެކު ރައުލް ދެފަރާތަށް ބޯހޫރުވާލިއެވެ.

"ބައްޕައަށް އަހަރެން މީހަކާ އިންނަން އުޅޭކަން އެނގެން ޖެހޭނެއެއްނު، ހަމައެކަނި އީޝަލްގެ ޢާއިލާގެ ބަހެއް އެނގިގެން ނުފުދޭނެއެއްނު" ރައުލް ބުންޏެވެ.

"ބޭރީތު ޤަބޫލެއްނުވާނެ" ސޭމެސް ބުންޏެވެ.

"ސޭމެސްއަށް އީޝަލް ކަމުނުދަނީތަ؟ އެހެންވެތަ ފެށުނީއްސުރެން ރައުލްގެ ގުޅުމަށް އެއްބާރުލުން ނުދެނީ" ހަތޯރު ބުންޏެވެ.

"ކަލޭމެންނަށް ބޭރީތުގެ ގޮތް ނޭނގެނީތަ؟ އޭނާ އާދައިގެ ޖިންނިއަކާ ރައުލް ކައިވެނި ކުރަން އެއްބަސްވާނެތަ؟ އޭނާ ރައުލްއަށް ޓަކައި އަންހެނަކު ހޯދާކަން ޚުދު ރައުލްއަށް ވެސް އެނގޭނެ، އެކަން އެހެން އޮތްއިރު ފަހަރެއްގައި... ހަމަ ފަހަރެއްގައި... އީޝަލްގެ ޅަކަމާއި ރީތިކަން ބޭރީތަށް ކަމުގޮސްފާނެ، ރައުލް އެހާވަރަށް އީޝަލްއަށް ބޭނުންވާނަމަ، ބޭރީތުގެ ގާތުގައި ގެންގުޅޭ އަންހެނުން ފަދައިން ރައުލްއަށް ހުއްދަ ދީފާނެ ޖާރިޔާއެއް ފަދައިން ދާން ފަޅުފިލުވައިދޭން އީޝަލް ގެންގުޅެން، އެފަދަ އަންހެނެއްގެ ގޮތުގައި ރައުލްގެ ގާތުގައި ހުރެގެން އީޝަލްއަށް އޮތީ ކޮންއުފަލެއް، އެހެން އުޅޭން އީޝަލްގެ ޢާއިލާމީހުން އޭނާ ދޫކޮށްލާނެތަ؟ އަހަރެންނަށް އީޝަލް ކަމުނުދަކީނޫން، އެ އަންހެންކުއްޖާގެ މަޢުސޫމްކަން ގެއްލެން ބޭނުންނުވަނީ، އަހަރެމެންގެ ތެރެއަށް އެ އަންހެންކުއްޖާ ގެންދިއުމަކީ ރަނގަޅުކަމަކަށް އަހަރެންނަށް ނުފެންނަނީ، ރައުލްދެކެ އޭނާ ލޯބިވާކަން އެނގޭ، ރައުލްގެ އުފާވެރިކަން ވެސް އަހަރެންނަށް ފެނޭ... ތި ދެ މީހުން އެކުގައިވާތަން ދުށުމަށް ހިތް އެދޭ... ހަމައެއާ އެއްވަރަށް އަހަރެންގެ ހިތް ބިރު ވެސް ގަނޭ، ރައުލް... ކަލެއަކީ ބޭރީތަށް މުހިންމު ޖިންނިއެއް، އަނެއްކޮޅުން އެ މީހުންގެ ތެރޭގައި ކަލެއަށް ހަމަޖެހޭ ދިރިއުޅުމެއް ލިބިދާނޭ ހީވޭތަ؟ އަހަރެން މިދައްކަނީ ކަންއޮތް ގޮތުގެ ވާހަކަ، ބޭރީތު ޚިޔާރުކުރާ އަންހެނަކާ ކަލޭ ކައިވެނިކޮށްފިނަމަ ފަހަރެއްގައި ކަލެއަށް ހަމަޖެހޭ ދިރިއުޅުމެއް ލިބިދާނެ، އޭރުން ކަލޭގެ ފުރާނައަށް ފާރަލާ ޖިންނީންގެ ކިބައިން ވެސް ސަލާމަތެއް ލިބިދާނެ" ސޭމެސްގެ ވާހަކައިން އެންމެން ހިމޭންވިއެވެ. އޭނާ ހާމަ އެކުރީ ތެދުކަން އެންމެނަށް ވެސް ޤަބޫލުކުރެވެއެވެ.

"އީޝަލްއަށް ދެރަގޮތެއްނުވާނެ" އިރުކޮޅަކު އިނދެފައި ހަތޯރު މަޑުމަޑުން ބުންޏެވެ.

"ތެދެއް... އަހަރެމެން ވެސް މިތިބީނު" ރާވިން ބުންޏެވެ. އޭނާގެ ބަހަށް ގާތުގައި އިން ޔާފިއާ ވެސް އެއްބަސްވެއްޖެއެވެ.

ދާރިއުސް އިސްޖަހާލި ގޮތަށް އިސް އުފުލާ ވެސް ނުލިއެވެ. ގަނޑުވަރުގައި އޭނާގެ މަންމައާމެދު ކަންތައްވާ ގޮތް ދާރިއުސްއަށް އެނގެއެވެ. އެފަދައިން އީޝަލްއަށް ކަންތައްވުމަކީ އޭނާ ކުޑަކޮށް ވެސް އެދެނޭ ކަމެއްނޫނެވެ. އަނެއްކޮޅުން ރައުލްއަށް އޭނާ ވަރަށް އިތުބާރުކުރެއެވެ. އީޝަލްއާމެދު އެފަދައިން ކަންތައްވާން ރައުލް ދޫކޮށްނުލާނޭކަން ދާރިއުސް ޤަބޫލުކުރެއެވެ. ނަމަވެސް ކަންބޮޑުވަނީ ބޭރީތުގެ ޢަމަލުތައް ހުންނާނޭ ގޮތެއް ނޭނގޭތީއެވެ.

"ކަންތައްވާނޭ ގޮތެއް ބުނާކަށް އަހަރެންނަކަށް ވެސް ނޭނގޭ... މިތަނުގައި މިތިބީ އަހަރެން އެބަޔަކަށް ވަރަށް އިތުބާރުކުރާ ބައެއް، ދަތަރު ފެށުމުގެ ކުރީން އަހަރެންނަށް ވަޢުދުވޭ މި ރަށުން ފެނުނު ކަންތައްތަކާއި އިވުނު އަޑުތަކުގެ ވާހަކަތައް އެއްވެސް ޖިންނިއަކަށް ކިޔައިނުދޭނަންކަމުގައި، ޚާއްޞަކޮށް އީޝަލްގެ އެއްވެސް ކަމެއް... އޭނާގެ ވާހަކަ ބައްޕައާ ހަމައަށް ގެންދާނީ ޚުދު އަހަރެން" ރައުލް ވަކިވަކިން އެތަނުގައި ތިބި ކޮންމެ މީހަކަށް ބަލާލިއެވެ.

"ވަޢުދުވަން... ޚާއްޞަކޮށް އަހަރެންގެ ޢާއިލާގެ ގޮތް އަހަންނަށް އެނގޭ، ރައުލް ކަންބޮޑުނުވޭ" ހަތޯރު ބުންޏެވެ. އެއާއެކު ދެން ތިބި އެންމެން ވެސް ރައުލް އެދުނު ކަންތަކަށް ވަޢުދުވިއެވެ.

"ދާރިއުސް، އަހަރެންގެ އެއްޗެހި ނަގާ" އިންތަނުން ރައުލް ތެދުވެ ބުނެލިއެވެ. އެއާއެކު ދާރިއުސް ހަލުވިކަމާއެކު މޫދަށް ފައިބައިގެން ހިނގައްޖެވެ. ރައުލް ވެސް ފޭބީ މޫދަށެވެ. އަލިފާންގަނޑު ހުލިވެފައި ހުއްޓެއްކަމަކު އޭގެ މައްޗަށް ވެލިއަޅައި އެކޮށް ނިއްވާލުމަށްފަހު އެންމެން ރައުލްގެ ފަހަތުން މޫދަށް ފޭބިއެވެ.

ލޮނުގަނޑުގެ ތެރެއަށް އެންމެން ފީނައިގަތެވެ. ސޭމެސްއެކޭ ރަނާއި ކަޅުގެ ދިހުން އަރާ ފެން ހަރުފައެކޭ އެއްގޮތެވެ. ހަމައެކަނި ތަފާތަކީ އޭނާ ހަރުފައަކަށް ދެވޭ ހިސާބަށްވުރެ ފުނަށް ދަތުރުކުރާކަމެވެ. ފެނުގައި ޖެހުމުން އެންމެންގެ ހަންގަނޑު ވެސް އިހުނަށްވުރެ ކަޅުވިއެވެ. ބަދަލު ނާންނަނީ ރައުލްއަށެވެ. ފެށުނީއްސުރެން ސޭމެސްއެކޭ އެއްގޮތަށް އޭނާއަކީ ތަފާތު ޖިންނިއެކެވެ. އެ އެންމެނަށްވުރެ ރައުލްގެ ޝަޙުޞިއްޔަތު ވަރުގަދައެވެ.

މޫދު ވިނައިގައި އައްސާފައި އޮތް ބޮނޑިވަރު ދާރިއުސް ނިއުޅާލިއެވެ. އަދި ރައުލްގެ ކުރިމަތީ ހުއްޓި އެ ތަކެތި އޭނާއަށް ދިއްކޮށްލިއެވެ. އެހިނދު ރައުލްގެ ގައިގާވާ ތުނި ފޮތިގަނޑު ދޫކޮށްލައި ދާރިއުސްގެ އަތުގެ ތެރޭގައި ހުރި އެއްޗެހި ލާންފެށިއެވެ. ވައަތު ހިކަނދި މަސްގަނޑުގައި ބޭރީތުގެ ރަސްކަމުގެ ނިޝާން ޖެހި އެއްކޮޅުން ކެނޑި، ރަން އުޅައެއް ރައުލް އެޅުވިއެވެ. އެއީ އޭނާގެ މަޤާމާއި ރަސްކަމުގެ ޝަރަފު އަންގައިދޭ ރަމްޒެކެވެ. ކަނާތު ކަންފަތުގައި އަބަދުވެސް ލާފައި ހުންނަ ރަނުގެ ކަންފަތުމުދި އެލުވާލިއެވެ. އެއީ ޔާޤޫތެއްގައި ދޫނިފިޔައެއް އެލުވާފައިވާ ގޮތަށް ހަދާފައިވާ ކަންފަތު މުދިއެކެވެ. އަދި ރަސްކަމުގެ ޝާހީ ހެދުންކޮޅެއް އޭނާ އެޅިއެވެ. ހަނގުރާމައިގައި ރައުލްގެ ބާރަކީ ވައަތަށް ވާއިރު އޭނާގެ ޝަހީ ކަނޑި އޮތީ ވައަތްފަރާތުން އުނުގައި އަޅުވާފައެވެ. ރީތިހާ ކުލަކުލައިގެ ޖަވާހިރުން ފަރުމާކޮށްފައިވާ ރަނުގެ އުރައެއްގައެވެ. އެންމެ ފަހުގެ ކަމަކަށް ބޮލުގައި އޭނާއަކީ މަހާކަލަމިންޖާއެއްކަން އަންގައިދޭ "ތާޖު" އެޅިއެވެ. މިހާރު ފެންނަން ހުރި ރައުލްގެ ހައިބަތު އެތައްގުނައެއް އިތުރުވެއްޖެއެވެ. އޭނާގެ ގާތުގައި ތިބި އެންމެންގެ މޫނުތަކުގައި އިހު ފެންނަމުންދިޔަ ހިނިތުންވުން ފިލައި ހިނގައްޖެއެވެ. އެންމެންގެ ތަބީޢަތް ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމީހުން އެޅި ފޭރާމާއެކު ބަދަލުވީ ކަހަލައެވެ.

ވެނެއް ފަދައިން ލޮނުގެ ތެރޭގައި ދަތުރުކުރަމުން މާކަނޑަށް ނުކުމެ ލޮނުގަނޑުން މައްޗަށް ރައުލް ބޯހިތްލާލިއެވެ. އަދި ދޫކޮށްފައި އައި ރަށަށް ބަލާލިއެވެ. އޭނާގެ މޭގައި އެއްއަތް ޖައްސާލެވުނީ އެ ހިތުން އީޝަލްގެ ނަން ގޮވާތީއެވެ. އޭނާ ފަދައިން ދެން ތިބި އެންމެން ވެސް ލޮނުގަނޑުން މައްޗަށް ބޯހިއްލައިލާ ބަލަން ތިއްބެވެ. ރައުލްގެ އިޝާރާތަކަށް މަޑުކޮށްގެންނެވެ. ރަށުގެ ރީތި މަލަމަތި ލޮލުގައި ފޮރުވާލާ ފަދައިން ދިގު ނޭވާއަކާއެކު ރައުލް ދެ ލޯ މަރާލިއެވެ. އަދި އަޑިއަށް ފީނައިގަތެވެ.

* * * * *

ނިދަން ނުވަދެ އިރުމަތީ ފެންޑާގައި އީޝަލް ހުރިކަން އެނގި މީކާޢީލް އެތަނަށް އައެވެ. އޭރު އީޝަލްއަށް ބަލަހައްޓައިގެން ދުރުގައި ލުގަލްބަންދާ އިންތަން މީކާޢިލްއަށް ފެނުނެވެ. މަޑުމަޑުން އައިސް ލުގަލްބަންދާއަށް އެތަނުން ދިއުމަށް އިޝާރާތްކުރަމުން ދަރިފުޅުގެ ގާތުގައި މީކާޢިލް މަޑުކޮށްލިއެވެ.

"ރައުލް އޭނާގެ މަންޒިލަށް އެނބުރި ދިއުމަށް ދަތުރު ފަށައިފި" މީކާޢިލް ބުންޏެވެ. އީޝަލް މަޑުމަޑުން ބޯޖަހާލީއެވެ.

"ދަރިފުޅު ނިދަންދާންވީނު، މާ ދަމާ އަހަރެމެންގެ މަސައްކަތް ވެސް ފެށޭނެ" މީކާޢިލް ބުންޏެވެ.

"ބައްޕަ އަޅުގަނޑަށް އިތުބާރު ނުކުރަންތަ؟" ދުރު ބަލަހައްޓައިގެން ހުރެ އީޝަލް ބުންޏެވެ.

"ކިހިނެއްވީ؟ އީޝަލްއަށް މި ތަމްރީނުތައް މުހިންމުކަން ނޭނގެނީތަ؟" މީކާޢިލްއަށް އީޝަލްގެ ސުވާލުގެ މުރާދެއް ނުވިސްނުނުކަން އޭނާ ދެއްކި ވާހަކައިން އެނގުނެވެ. އެހިނދު އީޝަލް އެނބުރި މީކާޢިލްއާ ކުރިމަތިލިއެވެ.

"އަޅުގަނޑު ދިޔައީ ބައްޕަގެ ހުއްދަ ލިބުނީމަ، ރައުލްއާ ބައްދަލުކޮށްފައި އޭނާއާއެކު އަންނާނޭކަމުގެ ޔަގީންކަން އަޅުގަނޑު ދިނިން، ދެން ކީއްވެ އެތަނަށް އައީ؟ ރައުލްއާއެކު އަޅުގަނޑު ބައްދަލުކޮށްލަން ލިބުނު ހަމައެކަނި ވަގުތުކޮޅުގައި ވެސް ބައްޕަ އަޅުގަނޑަށް ފާރަލާންޖެހުނީ ކީއްވެ؟ ރައުލް ހުއްޓުވީ ދުރުގައި ހުރީ ކާކުކަން އަޅުގަނޑަށް ޔަގީންވާތީ... އޭނާ އަބަދުވެސް ސަމާލުކަން ދޭ ވަށައިގެން އުޅޭ ޖިންނީންނަށް، އެހެން ޖިންނީން އަޅުގަނޑުމެންގެ ދެމެދުގައި ދެކެވޭ ވާހަކަތައް އަޑުއަހާފާނޭތީ އެކަމާ އޭނާ ފާރަވެރިވޭ.... އެއީ އަޅުގަނޑަށް ޓަކައި އޭނާ ކުރާކަމެއްކަން އެނގޭ، ޖިންނީންގެ ތެރޭގައި އަޅުގަނޑާ ގުޅުވައި ހުތުރު ދޮގުތަކެއް ފަތުރާފާނޭތީވެ، އެމީހުންގެ ނުފޫޒު އަޅުގަނޑަށް ފޯރާފާނެތީ" އީޝަލް ބުންޏެވެ. އެއާއެކު ކުށްވެރިއަކު ފަދައިން މީކާޢިލް އިސްޖަހާލިއެވެ.

"އީޝަލް، ދަރިފުޅު ބޮޑުވެއްޖެކަން ޤަބޫލުކުރަން ބައްޕައަށް ފަސޭހައެއްނޫން" އީޝަލް ހިމޭންވެ ހުރުމުން މީކާޢިލް ބުންޏެވެ.

"އަޅުގަނޑު ހުންނާނީ ފަތިހަށް ތައްޔާރުވެގެން، އިރާދަކުރެއްވިއްޔާ ރައުލް އެނބުރި އަންނަންވާއިރަށް އަޅުގަނޑުގެ މީހުންނާއެކު އެ މީހުންނާ އެއްސަފެއްގައި ހުރެ ނުރައްކަލާ ކުރިމަތިލެވޭނޭ ވަރަށް އަޅުގަނޑު ތައްޔާރުވާނަން، އަޅުގަނޑު ލޯބިވާ މީހުންގެ ދުޝްމަނުން އަޅުގަނޑުގެ ބުއްދިއާއި ދެއަތުން ﷲގެ ވާގިފުޅާއެކު ބަލިކުރާނަން" އީޝަލް ބުންޏެވެ. އަދި ކޮޓަރިއަށް ދިއުމަށް ހިނގައިގަންނަމުން މީކާޢިލްއާއި ކަރާކަރުޖައްސައި ސަލާމްކުރިއެވެ. ބައްޕައާ މެދު ހިތްބަރުކަމެއްނެތްކަމުގައި ބުނަމުން އީޝަލްއަށް އިތުބާރުކުރުމަށް އޭނާ އެދުނެވެ.

* * * * *

ފަތިސްވާން ކައިރިވެފައި ވަނިކޮށް ހިމޭންވެފައި އޮތް ގަނޑުވަރުގެ ތެރެއަށް ރައުލް ވަނީ ފާރަވެރީންނަށް އެނގުމެއްނެތިއެވެ. އެއީ އޭނާގެ ކުޅަދާނަކަމެވެ. އޭނާއާއެކު ދެން ތިބި އެންމެން ރައުލް ނިދަން ޚާއްޞަކޮށްފައި ހުންނަ ކޮޓަރިއަށް ޖަމާވިއެވެ. ނަމަވެސް އެއްވެސް ކަމަކާ މަޝްވަރައެއް ނުކުރެއެވެ. ދޫކޮށް އައި މަންޒިލާ ބެހޭ ގޮތުން އެކަކު ވެސް ބަހެއް ނުބުނެއެވެ. ކޮޓަރީގެ ހަތަރު ފާރަށް ވެސް ރައުލް އިތުބާރު ނުކުރަނީއެވެ.

"ލާވީއަށް އަހަރެން އަތުވެއްޖެކަން އެނގިއްޖެއްޔާ ހުންނާނެ ފޯރި" ރައުލްގެ އެނދަށް އުއްޑުން ވެއްޓިގަނެގެން އޮވެ ރާވިން ބުންޏެވެ. ރާވިންއާއި އޭނާގެ ބައްޕަ ލާވީ ވެސް މިހާރު ދިރިއުޅެނީ ގަނޑުވަރުގެ ބައެއްގައެވެ. ބޭރީތަށް ލާވީގެ ޚިޔާލުތަކާއި އޭނާގެ ލަފައާއި ނަޞޭޙަތުން ފައިދާކުރާއިރު އޭނާގެ ހުރިހާ ސިއްރެއް އެނގޭ މީހަކީ އެއީއެވެ. އެހެންވެ އޭނާއާ ގާތުގައި އުޅުމަށް ލާވީ ގަނޑުވަރަށް ގެނައީއެވެ. އެކަން އެގޮތަށް ނިންމީ ލާވީގެ އަނބިމީހާ މަރުވެ ރާވިން ވެސް ޒުވާންވީ ފަހުންނެވެ. އެހެންނަމަވެސް ރާވިންގެ ދިރިއުޅުން ގަނޑުވަރާ ގުޅުނީ އެއަށްވުރެ ކުރީންނެވެ. މުޅި ދުވަހު ބޭރީތުގެ އަރިހުގައި އުޅެން ޖެހިފައި އޮތް ލާވީގެ ހުރި ހަމައެކަނި ދަރިފުޅު ގަނޑުވަރު ތެރޭގައި އުޅޭ ރަސްގެފާނުގެ ފިރިހެން ބޭފުޅުންނާއެކު ބޮޑުވާން މެދުވެރިވީ ލާވީގެ މަޤާމުގެ ސަބަބުންނެވެ. އަނބިމީހާ ނެތުމުން ދަރިފުޅު ލޮލަށް ނުފެންނަ ހިސާބުގައި ހުރެ އެކުއްޖާ ރަނގަޅު ގޮތުގައި ބޮޑުނުކުރެވިދާނޭ ލާވީގެ ހިތުގައި އޮތްކަން ބޭރީތަށް އެނގުނީއެވެ. އެހެންވެ ލާވީގެ މަސައްކަތަށް އެކަމުން އަސަރުކޮށްފާނޭ ބޭރީތަށް ހީވާތީ އޭނާ އެފަދަ ނިންމުމެއްނިންމީއެވެ.

އިރުކޮޅަކު ތިބުމަށްފަހު ރައުލްގެ އެންގުމަށް ކޮންމެ މީހަކު އެ މީހެއްގެ ކޮޓަރިއަށް ދާން ނުކުތެވެ. އެންމެން ނުކުތުމުން ތަންމަތީގައި ރައުލް އޮށޯތެވެ. ކޮޓަރީގެ މަތީ ފަންގިފިލާގައި އަޅާފައިވާ ކުރެހުމަށް އޭނާ ނަޒަރު ހުއްޓާލައިގެން އޮތެވެ. ނަމަވެސް އޭނާ ބަލަމުންދިޔައީ އެ ކުރެހުމަކަށްނޫނެވެ. އޭނާގެ ސިކުނޑިއާއި ހިތްވަނީ އެއްފިކުރަކުން ބަނދެވިފައެވެ.

އިރުއަރައިދިޔައިރު ގަނޑުވަރު ތެރޭގައި ކޮޅުކޮޅަށް ހޭލަމޭލަވަމުން ދިޔަ ބާނދީންގެ ރަކި ހުނުމުގެ އަޑު އިވިއެވެ. އެ މީހުންގެ އަތްތަކުގެ މަތީ އެކި އެއްޗެހި އަތުރާފައިވާ ތަބަށްތަށް އުފުލުމުގައި ހޭބޯ ނާރާ އުޅޭ ކަހަލައެވެ. ރައުލްގެ ކޮޓަރީގެ އުސް ދޮރު ހުޅުވިގެން ދިޔަތަން ފެނި އެހިސާބުގައިވީ ބާނދީންގެ ލޯތަށް އެ ދިމާއަށް ހުއްޓުނެވެ. އޭރު އެބައިމީހުންގެ ލޯތަށް ތަރަތަރަޖަހައިގަތީ އެ ދޮރުން ނުކުންނަ މަޙުލޫޤު ދުށުމުގެ ޝައުގުވެރިކަމުގައެވެ. އެތަނުން ނުކުންނާނީ ކާކުކަން އެނގޭތީއެވެ. ޝަހުވާނީ އެދުންވެރިކަން އެ އަންހެނުންތަކުގެ ނިޔަތުގައިވާކަން އެ މޫނުތަކުން ވެސް ސިއްރެއްނުވެއެވެ. ނަމަވެސް ދޮރުން ނުކުތް ރައުލްގެ ނަޒަރު އެއިން ބާނދީއަކާ ހަމައަށް ނުފޯރިއެވެ. އެއްވެސް އަސަރެއްނުވާ މޫނަކާއެކު އޭނާ ކުރިއަށް ހިނގައިގަތީ މީހަކަށް ބަލާލުމެއްނެތިއެވެ. ފެންނަ ފެނުމަށް އޭނާއަކީ ހަރުކަށި ބޮޑާ ފިރިހެނެކެވެ.

"އޭތް... ކަލޭމެންނަށް އެނގޭތަ؟... އަމީރު ރައުލްއަށް ޓަކައި ޝާހީ ރަސްދަރިކަނބަލަކު ގަނޑުވަރަށް ގެންނަން ހަމަޖެހިފަޔޯވަނީ، އެކަމާ ގުޅިގެންނޯ އޭނާ ގަނޑުވަރުދޫކޮށް ފިލީ" ރައުލް ތަންކޮޅެއް ދުރަށް ދިއުމުން ބަނދީގެ ތެރޭގައި ހުރި އަންހެންކުއްޖަކު ވާހަކަދެއްކިއެވެ.

"އެ އަންހެންކުއްޖާގެ ދުވަސް ތިހެންޏާ ތި ދިޔައީ، އޭނާ ކަހަލަ، އަންހެނެކަށް ބޭނުންނުވާ ފިރިހެނަކު ކިހިނެއް ކައިވެނިކޮށްގެން އުޅޭނީ... ތިވާނީ ރަސްކަމުގެ ތެރެއިން ކުރެވޭ ސިޔާސީ ކައިވެންޏަކަށް" އެހެން ބާނދީއެއް ބުންޏެވެ.

"ކަލޭމެން ތިކަހަލަ ވާހަކަދައްކަން ބިރެއްނުގަނޭތަ؟ އަހަރެން ނެތިން މިތާ ހުންނާކަށް" އެމީހުންގެ ތެރޭގައި ހުރެފައި ބާނދީއަކު އޭނާގެ މަސައްކަތަށް އެނބުރިގަތެވެ.

ކާކޮޓަރިއަށް ދިއުމުގެ ކުރީން ބޭރީތާ ބައްދަލުކޮށް އެނބުރި އައިކަމުގެ ޚަބަރުދޭން ރައުލް ބޭނުންވީއެވެ. އޭނާ މަޑުކުރީ ހެނދުނުގެ ނާސްތާއަށް ބޭރީތު ހޭލާނޭ އިރަކަށެވެ. މަޑު ހިނގުމުގައި އައި ރައުލްއަށް ބާނދީގެ މެދުގައި ދެކެވުނު ވާހަކަ އަޑުއިވުނެވެ. އެހެންނަމަވެސް އޭނާއަކީ އެގޮތަށް ދެކެވޭ ވާހަކަތަކަށް އެއްވެސް އިރެއްގައި އަޅާލި ޒުވާނެއްނޫނެވެ. ކުއްލިއަކަށް ރައުލް ސިހިފައި ބަލާލެވުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. ހަމައެވަގުތު ގައިގާ ޖެހެން އެއްޗެއް އައުމުން އެކަމުން ރައުލް ރެކިލީ ހުސިޔާރުކަމާއެކުއެވެ. އެހިނދު ފިރިހެނެއްގެ ހުނުމުގެ އަޑުއިވުނެވެ. ރައުލްގެ ދާދި ގާތުން ފާޅުވި ޒުވާނާއަށް ބަލާލިއެވެ.

"ޒަގަން" ރައުލްގެ ކުރިމަތީ ހުރި ޒުވާނަށް ގޮވާލިއިރު އެ އަޑުގައި ކުޑަވެސް ގާތްކަމެއްނެތެވެ.

"ކަލޭ އެނބުރިއައީތަ؟" ހިނިއައިސްފައި ހުރެ ޒަގަން ބުންޏެވެ. އެ ސުވާލަށް ޖަވާބުދިނުން ރައުލްއަށް މުހިންމެނުވިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ ވެއްޓި ތަޅައިގެން ގޮސްފައިވާ ފެންކަންވާރަށެވެ. އޭގެ ކައިރީ ހުއްޓިލައިގެން ޒުވާން ބާނދީއެއް ހުރީ އަނގަމަތި އެއްއަތުން ނިވާކޮށްލައިގެން އަނެއްއަތުން މޭގައި އަތްއަޅާލައިގެންނެވެ. އޭރު އެ ދެ ލޮލުން ފާޅުވަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއި ބިރެވެ. ރައުލް ބަލަން ހުރިތަން ފެނި ޒަގަން ނިކަން އަވަހަށް އެ ބާނދީއާ ގާތްވެލިއެވެ. އޭނާގެ ޢަމަލުތައް ފެނި ރައުލްއަށް ދެ ލޯ މަރާލެވުނެވެ.

"ޒަ..ގަ..ން.." ރައުލްއަށް ދަތްކުނޑި ވިކާލެވުނެވެ. ގަސްދުގައި އޭނާގެ ކުރިމަތީ އެ ބާނދީގެ ހަށިގަނޑުގައިވާ ނިވާކަން ޒަގަން ނިއުޅައިގަތީއެވެ. އަދި އޭނާގެ ހަށިގަނޑުން ވަކިކުރި ފޭރާން ތަޅައިގެން ގޮސްފައިވާ ފެންކަންވާރުން އޮހިފައިވާ ފެންތަކުގެ މައްޗަށް އެއްލާލީއެވެ. މޫނު އަނބުރާލުމާއެކު ރައުލް ހިނގައިގަތީ އެއިން އެއްވެސް މަންޒަރެއް ނުބެލުމަށެވެ. އެހިނދު ދެން ވެސް އިވުނީ ޒަގަންގެ ހުނުމުގެ އަޑެވެ.

(ނުނިމޭ)