ވިކްޓަރީ

އުމުރުން 15 އަހަރުގައި ޒައުލް ވިކްޓަރީގެ ސީނިއާ ޓީމަށް!

މިހާރު ކުރިއަށްދާ، ޔޫތު ޗެމްޕިއަންޝިޕްގައި، ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޒުވާން ޓީމުން ވިދާލި، އުމުރުން 15 އަހަރުގެ އަހްމަދު ޒައުލް ވިކްޓަރީ ސީނިއާ ޓީމަށް ސޮއި ކުރުވައިފި އެވެ.

ސެމީ ފައިނަލުން ފުރުސަތު ނުލިބުމުން، ވިކްޓަރީއަށް މިހާރު ވަނީ، ޔޫތު މުބާރާތް ނިމިފަ އެވެ. ކުޅުނު ތިން މެޗުންވެސް އެޓީމު ވީ އެއްވަރެވެ. އެ މުބާރާތުގައި، ޒުވާން ޓީމުން ވިދާލި ހަތަރު ކުޅުންތެރިޔަކު ލައްވައި، ވިކްޓަރީން ވަނީ، ދިގު މުއްދަތަކަށް ސީނިއާ ޓީމަށް ސޮއި ކުރުވާފަ އެވެ. އޭގެ ތެރޭގައި، އުމުރުން 15 އަހަރުގެ ޒައުލްވެސް ހިމެނެ އެވެ.

ސްޕެއިންގެ ވެލެންސިއާގެ، އެކެޑެމީގެ ކޯޗުން ރާއްޖެ އައިސް އައްޑޫގއި ހިންގި ފުޓްބޯޅަ ކޭމްޕުގައި ޒައުލު ވަނީ ބައިވެރިވެފަ އެވެ. އެ ކޭމުޕުގައި ބައިވެރިވި، މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗު މުހައްމަދު ނިޒާމްއަށް ޒައުލުގެ ހުނަރު ފާހަގަ ކުރެވުނެވެ. އޭނާގެ އެހީ ހޯދަން އެންމެ ފުރަތަމަ ދިޔައީ ވިކްޓަރީއިންނެވެ. ވިކްޓަރީގެ ޒުވާން ޓީމާ އޭނާ ގުޅުނީ ދެ ވަނަ މެޗު ކުޅުމުގެ އެއްދުވަސް ކުރިންެވެ.

ވިކްޓަރީގެ ޓީމާ އޭނާ ގުޅުނީ މުބާރާތް ފެށެން ހަތަރު ދުވަހަށް ވެފައި ވަނިކޮށެވެ. މުބާރާތަށް އޭނާ ނިކުތީ މަދު ޕްރެކްޓިސް ތަކަކާއެކު އެވެ. ދެ ވަނަ މެޗުގައި ޓީސީ އަތުން ވިކްޓަރީ ބަލިވާން ދަނިކޮށް، ވިކްޓަރީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޒައުލް ކާމިޔާބު ކުރި ލަނޑުންނެވެ. ވިކްޓަރީގެ ޔޫތު ޓީމުގެ ކޯޗް، ފަރީދު މުހައްްމަދު 'ފަރިއްޓޭ' ބުނީ، އުމުރުން 15 އަހަރުގައި ގަލަޅު ދަނޑަށް މުޅިން އަލަށް އައި ކުޅުންތެރިޔަކާ ބަލާފައި ޒައުލުގެ ކިބައިން ތަފާތު ފެނުނު ކަމަށެވެ.

"އޭނަ ބޯޅައަށް ހަރަކާތްތެރިވާ ގޮތާއި، ޕާސްދޭ ގޮތާ ބޯޅަ ގެއްލުނީމަ ދެން ހަރަކާތް ކުރާ ގޮތް ބެލިއަސް އެ އުމުރުގެ އެހެން ކުޅުންތެރިންނާ އޭނާއާ ތަފާތު ހުރިކަން އެނގޭ،" ފަރީދު ވާހަކަ ދެއްކި އެވެ. "ވިކްޓަރީގެ މިއޮތީ ތިން އަހަރުގެ ޕްލޭނެއް، ތިން އަހަރު ފަހުން ތައްޓަށް ވާދަކުރެވޭ ވަރަށް ޓީމު ބިނާ ކުރުން، ތިން އަހަރު ތެރޭ ޒައުލްއަށް ބޮޑެތި ކުރިއެރުންތަކެއް އިރާދަ ކުރެއްވިޔާ އަންނާނެ."

ސީނިއާ ޓީމަށް ރޭ ސޮއި ކުވި ޖޫނިއާ ޓީމުގެ ކުޅުންތެރިންނަކީ، މާހީ އަބްދުﷲ، މުހައްމަދު ވިގާމް އަދި އަލީ ޖިނާހް އެވެ. ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ކީޕަރު މާހީ،19 ވަނީ، ގަލޮޅު ދަނޑުގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައިވެސް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

ފުރަތަމަ މެޗުގައި، ދަ ގްރޭންޑް އަމީގޯސް ނިއު ޖެނަރޭޝަން އާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި، ގްރޭންޑް އަމީގޯސްއަށް ލިބުނު ޕެނަލްޓީ، މާހީ ދިފާއުކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އެވެ.

ވިކްޓާރީން، ބުނީ އަދި އިތުރު ޒުވާން ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދޭނެ ކަމަށެވެ. ރޭ ވިކްޓަރީއަށް ސޮއި ކުރި ހަތަރު ކުޅުންތެރިންނަކީ، ޖޫން މަހު ފަށާ 2019/2020 ވަނަ އަހަރުގެ ސީޒަނަށް ތައްޔާރު ވުމަށް އެ ޓީމުން ހެދި ފުރަތަމަ ޓްރާންސްފާގެ އެއްބަސް ވުމެވެ.