ދުނިޔެ

އެމެރިކާ ސަރުކާރު އަނެއްކާވެސް ހުއްޓުމުގެ ކުރިން އެއްބަސްވުމަކަށް އާދެވިއްޖެ

Feb 12, 2019

ވޮޝިންގްޓަން (ފެބްރުއަރީ 12) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާއި ހަރުކަށި އިމިގްރޭޝަން ސިޔާސަތުގެ ދަށުން، ބޯޑަރު ސެކިޔުރިޓީއަށް ބޭނުންވާ ބަޖެޓު ދިނުމަށް އިދިކޮޅު ޑިމޮކްރެޓުންނާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އިއުލާނުކޮށްފި އެވެ.

އެމެރިކާގެ ތާރީހުގައި ވެސް އެންމެ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮތް އޮތުން 35 ދުވަހަށް ފަހު މިދިޔަ މަހު ފަހު ކޮޅު ނިމުމަކަށް އައީ، ކުރިއަށް އޮތް ތިން ހަފްތާއަށް ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ބަޖެޓް އެމެރިކާގެ ހައުސް އާއި ސެނެޓުން ފާސްކުރުމާ އެކު ޓްރަމްޕް ގޮތް ދޫކުރައްވައި އެ ބަޖެޓްގައި ސޮއި ކުރެއްވުމުން އެވެ.

ސަރުކާރު ހުއްޓިފައި އޮތް އޮތުމަށް ގެނެވުނު ވަގުތީ ހައްލުގެ މުއްދަތު ހުކުރު ދުވަހުގެ ނިޔަލަށް ހަމަވާއިރު، ދެ ފަރާތުން ވަނީ ހޯމަ ދުވަހު މަޝްވަރާގެ މޭޒަށް އައިސްފަ އެވެ.

އެ މަޝްވަރާތަކަށްފަހު، އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ދެ ފަރާތުންވެސް ބުނި ނަމަވެސް، އެކަމުގެ އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޓްރަމްޕް މީގެ ކުރިން ވިދާޅުވަމުން ގެންދެވީ، ފާރު ރޭނުމަށް ބޭނުންވާ، ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް ގާނޫނޫ ހަދާ މަޖިލީހުން ފާސްނުކޮށްދޭހާ ހިނދަކު، ފާސްކުރާ އެއްވެސް ބަޖެޓެއްގައި ސޮއިނުކުރައްވާނެ ކަމަށެވެ. އަދި އެއާ އެކު އެމެރިކާގެ ސަރުކާރުގެ ބޮޑު ބައެއް ހުއްޓުމަކަށް އައިސް އެތައް ހާސް މުވައްޒަފުން މަގުމަތިވި އެވެ. އެމެރިކާގެ ހައުސް ކޮންޓްރޯލް ކުރާ ޑިމޮކްރަޓުން ގެންދަވަނީ، ޓްރަމްޕްގެ ފާރު ރޭނުމަށް ބާޖެޓް ފާސްކޮށްދޭން ދެކޮޅު ހަދަމުން އެވެ. ޓްރަމްޕް ސޮއިކުރި ބަޖެޓްގައި ވެސް އެ ފައިސާ ހިމަނުއްވާފައެއް ނުވެ އެވެ.

ޓްރަމްޕް ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާރު ރޭނުމުގެ ފައިސާ ބަޖެޓްގައި ނެތް ނަމަވެސް ބަޖެޓްގައި ސޮއިކޮށް ސަރުކާރު ހުޅުވަން އޭނާ ނިންމެވީ، ސަރުކާރު ހުއްޓިފައި އޮތުމުން އެތައް މިލިއަން އާންމު ރައްޔިތުންނަކަށް އޭގެ ގެއްލުންވެ އެ ގައުމުގެ އިގްތިސާދަށް ވެސް ގެއްލުންތަކާ ކުރިމަތިވާތީ އެވެ. ޓްރަމްޕް ވިދާޅުވީ، ސަރުކާރު ހުއްޓުމުގެ ސަބަބުން ސަރުކާރު މުވައްޒަފުންނަށް ނުލިބި އޮތް ހުރިހާ ފައިސާއެއް އަނބުރާ ލިބިގެން ދާނެ އެވެ.

އެމެރިކާ ސަރުކާރު އަލުން ހުޅުވުމަށް ޓްރަމްޕް އެންމެ ފަހުން އެއްބަސްވެ ވަޑައިގަތީ ސަރުކާރު ހުއްޓިފައި އޮތް އޮތުން ދިގު ދެމިގެން ގޮސް، އޭގެ އަސަރު އެމެރިކާގެ އޭވިއޭޝަން އިންޑަސްޓްރީއަށް ކުރަން ފެށުމުން އެވެ.