ހަބަރު

ބޭނުން ވަނީ މަޖިލީހަށް ކޯލިޝަންގެ މެޖޯރިޓީ ހޯދަން: މައުމޫން

އަންނަ އެޕްރީމް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭނުން ވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް މެޖޯރިޓީ ހޯދަދޭން ކަމަށް ކޯލިޝަންގެ އެއް ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ ތާއިދާއެކު މަޖިލީހަށް ކުރިމަތިލައްވަން ނިންމާފައިވާ ކެނޑިޑޭޓުންނާއެކު ޝީބިލްޑިންގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ އެމްއާރުއެމްއިން މަސައްކަތް ކުރާނީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަން ނޫން ކަަމަށެވެ. މިހާރު އޮތީ ކޯލިޝަން ސަރުކާރެއް ކަމަށާއި، ވަކި ޕާޓީއެއްގެ ބޭފުޅަކު ރައީސް ކަމުގައި ހުންނެވި ކަމުގައިވީ ނަމަވެސް އެއީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން ކަމަށެވެ. އެހެން ކަމުން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ކޯލިޝަންގެ މެޖޯރިޓީއެއް ހޯދަން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

"ބޭނުންވަނީ ރައްޔިތުންގެ ތާއިދު، ރައްޔިތުން އަޅުގަނޑުމެންނަށް ހިތްވަރު ދިނުން، އެއީ ރައްޔިތުންގެ މަޖިލީހަކީ ބާރުވެރި ތަނަކަށް ހެދުން، ރައްޔިތުންގެ ބާރު ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، އަޅުގަނޑުމެން މަސައްކަތް ކުރަނީ ކޮންމެހެން މަޖިލީހުގެ އަގުލަބިއްޔަތު ހޯދާކަށް ނޫން، އަޅުގަނޑުމެންނަކީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެެރިޔާ، އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެންގެ ބައި ފުރިހަމަ ކުރަން،" ރައީސް މައުމޫން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ، މަޖިލީހަށް މެމްބަރުން ހޮވަން އުޅެނީ އެމީހުން މުއްސަނދި ކުރާކަށް ނޫން ކަމަށާއި، މަޖިލީހަށް ހޮވަން އުޅެނީ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ބޮޑު އަމާނާތަކާއެކު ކަމަށެވެ. މަޖިލީހަށް ވަޑައިގެންނެވި އިރު އަތުގައި އެއްވެސް މުދަލެއް ނެތް ބޭފުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުއްސަނދި ވެގެންދާތަން ފެންނަ ކަމަށާއި، ބޮޑެތި ކުންފުނިތައް ހަދައި ބޮޑެތި ވިޔަފާރިތަކާއި، ބޮޑެތި އިމާރާތާއި، ބިންތައް މިލްކު ކުރާތަން ފެންނަ ކަމަށް ވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

"މިއީ އަޅުގަނޑު އެއްގޮތަކަށްވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫން، އެއީކީ ނޫން އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ، އޭގެ ބަދަލުގައި އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުން ބާރުވެރިކުރަން، ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރާނެ، އެންމެ މުހިންމު ތަނަކީ ރައްޔިތުންގެ މަޖިލިސް، މަޖިލީހަކީ ރައްޔިތުންގެ އަޑު އިއްވަން އޮތްތަން، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ގެންދިއުމަށްޓަކައި ވަކާލާތު ކުރަން އޮތް ތަން، އެހެން ވީމައެއީ ވަރަށް މުހިންމު ވަސީލަތެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، އެކަން ކުރުމަށްޓަކައި ކޮންމެ މެމްބަރަކީ ވެސް ނަޒާހަތްތެރި، އަމާނާތްތެރި، ތެދުވެރި މީހަކަަށް ވާންޖެހޭ ކަމަށެވެ. އަދި އެމީހަކީ ގައުމަށާއި، ރައްޔިތުންނަށް ހިދުމަތްކުރަން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާ މީހަކަށް ވާންޖެހޭ ކަަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކުން މަޖިލީހަށް ކުރިމަތިލާފައިވާ ކަމަަށާއި، ވަރަށް ގިނަ ގާނޫނީ އަދި ޣައިރު ގާނޫނީ ވަސީލަތްތައްވެސް އިންތިހާބުގެ ތެރޭގައި ބައެއް ބޭފުޅުން ބޭނުން ކުރަމުންދާނެ ކަމަށެވެ. އަދި ގާނޫނާއި ހިލާފަށްވެސް މީހުން މަސައްކަތް ކުރުމުގެ ސަބަބުން ނޭދެވޭ ނަތީއްޖާތަކެއް ނިކުންނާނެ ކަމަށާއި، އެހެން ނަމަވެސް އެމްއާރުއެމްއިން އެފަދަކަމެއް ނުކުރާނެ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.