ހަބަރު

ޖޭޕީގައި ހުންނެވި ލަތީފް، މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރައްވަނީ

އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމަވައިފި އެވެ.

އޭނާ މިދިޔަ މަޖިލިސް އިންތިހާބަށް ވެސް ވާދަ ކުރައްވާފައިވަނީ އަމިއްލަ ގޮތުންނެވެ. ޖުމްހޫރީ ޕާޓީގައި މިހާރު ހުންނެވި ލަތީފަށް އެ ޕާޓީއިން ޓިކެޓް ދީފައެއް ނުވެ އެވެ.

ދިއްދޫ ދާއިރާގެ ޓިކެޓް ހޯދުމަށް ޖުމްހޫރީ ޕާޓީއަށް ޝައުގުވެރިކަން އެހެން ބައެއް ބޭފުޅުން ވެސް ފާޅުކުރައްވާފައިވެ އެވެ. އެ ޕާޓީއިން ވަނީ ޖުމްލަ 44 ބޭފުޅަކަށް މިހާރު ޓިކެޓް ދީފަ އެވެ. ނަމަވެސް އޭގެ ތެރޭގައި ދިއްދޫ ދާއިރާ ނުހިމެނެ އެވެ. އެ ނޫން މިހާރު މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބެވި އެ ޕާޓީގެ ގިނަ މެންބަރުންނަށް ވަނީ ޓިކެޓް ދީފަ އެވެ.

މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރަން ނިންމައި ލަތީފް ވިދާޅުވީ، ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ދިއްދޫ ދާއިރާ ތަމްސީލްކުރުމަށް ރައްޔިތުން ދެއްވި ފުރުސަތަށް ޝުކުރުކުރާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ
ޒުވާނުންނާއި ރައްޔިތުންގެ ގިނަ ބައެއްގެ އެދުމުގެ މަތީން ކުރިއަށް އޮތް ދައުރަށް ވެސް މި ދާއިރާ އަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ.

"ރައްޔިތުންގެ މެމްބަރު"ގެ ގޮތުގައި ކެމްޕެއިން ފައްޓަވާފައިވާއިރު، އޭނާގެ ޝިއާރަކީ "ދިއްދޫއަށް ރަނގަޅުވާނީ ހަމަ ލަތީފު" އެވެ. އޭނާގެ ފަސް ވައުދެއް ވެސް ވަނީ ހިމަނާފަ އެވެ.

ލަތީފްގެ ވައުފދުތަކުގެ ތެރޭގައި ވަނީ، ތިން ޒުވާނަކަށް ޕައިލެޓްކަން ކިޔަވައިދިނުމާއި ޑިގްރީ ފެންވަރަށް ނާސިން ކޯސް ތިން ޒުވާނަކަށް ފުރިހަމަކޮށްދިނުމާއި ދިއްދޫގައި ހާފިޒުން އުފެއްދުމަށް އެހީވުން ހިމެނެ އެވެ. އަދި ރަށުގެ ގުރުއާން ކްލާސްތަކަށް ދެ ހާފިޒުން ގެނެސްދިނުމާއި ރަށުގެ އުތުރާއި ދެކުނުގައި އެންމެ ޒަމާނީ ފެންވަރުގެ އައުޓްޑޯ ދެ ޖިމް ގާއިމުކޮށްދިނުމާއި ސުވިމިން ޓްރެކެއް އަޅައިދިނުން ހިމެނެ އެވެ.

ލަތީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ޖަލްސާތަކަށް އެންމެ ގަވާއިދުން ހާޒިރުވި މެމްބަރުންގެ ތެރޭގައި އޭނާ ހިމެނިފައިވާނެ ކަމަށެވެ. އަދި ދިއްދޫގެ ތަރައްގީއަށް ބޭނުންވާ އެކިއެކި މަޝްރޫއުތައް ބަޖެޓުގައި ހިމެނުމަށް އަޑުހަރުކޮށް ވަކާލާތުކޮށް، ދިއްދޫގައި ބިޔަބޮޑު މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމައިދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިގޮތުން ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި ގޭގެއަށް ސާފު ބޯފެން ފޯރުކޮށްދިނުމާއި ރަށުގެ ގިރާ ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ އިތުރުން ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ދާއިރާގެ ތަރައްގީއަށް ހިންގައިފައިވާ މަޝްރޫއުތައް ފާހަގަކުރަން،" ލަތީފް ވިދާޅުވި އެވެ.

ލަތީފް އިތުރަށް ވިދާޅުވީ، ސަރުކާރާ ގުޅިގެން އަބަދުވެސް ވަކާލާތު ކުރާނީ އިސްލާމް ދީނާއި ދިވެހި ގައުމުގެ ހައްގުގައި ކަމަށެވެ. އަދި ދިއްދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމަށާއި އާންމު ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ކަމަށެވެ.