ހަބަރު

މާލެއަށް 10 ސްކޫލް ބޭނުންވޭ، އަޅަން ނިންމި ކަމަކަށް ނުބުނަން: މިނިސްޓަރު

Feb 12, 2019
2

މާލޭ ސަރަހައްދަށް އިތުރު 10 ސްކޫލް ބޭނުންވާ ކަމަށާއި ނަމަވެސް އެވަރަށް ސްކޫލް އަޅަން ނިންމާފައިވާ ކަމަށް ނުބުނާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެއްދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް އޮޑިޓް ރިޕޯޓްއެއް ހަދައި ރޭ ވަނީ ހުށަހަޅާފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން އެއް ދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް 288 ކްލާސްރޫމް ބޭނުން ވެއެވެ. އަދި 10 ސްކޫލާއި 47 ސައިންސް ލެބާއި 28 ލައިބްރަރީ އާއި 42 އޯޑިއޯ ވިޝުއަލް ރޫމާއި 22 ސްޓާފް ރޫމްގެ އިތުރުން 57 ބަދިގެ ބޭނުންވެއެވެ.

ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓް ހުށަހެޅުމަށް މުހިޔުއްދީން ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މާލެ ސަރަހައްދުގައި އިތުރު ސުކޫލްތައް އަޅަން ނިންމާފައިވަނީ އެއްދަންފަޅިއަށް ބަދަލު ކުރަން ބޭނުންވާ ކުލާސް ރޫމްތަކާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށެވެ.

"މި ސްކޫލްތައް ފަރުމާ ކުރާނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެއްދަންފަޅިއަށް ހާއްސަ ސްކޫލްތައް ފަރުމާކުރާ ކޮންސެޕްޓަށް، މަސައްކަތް ކުރިއަށްގެންދާނީ ފަސް އަހަރަށް ބަހާލައިގެން،" މިނިސްޓަރު ރޭ ވިދާޅުވި އެވެ. އެވެ.

މިނިސްޓަރު އެހެން ވިދާޅުވި ގޮތުން 10 ސްކޫލް އަޅަން ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓްކުރެވިފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ހިތްހަމަ ނުޖެހުން ވެސް އަމާޒުވި އެވެ. އެކަމަކު، މާލޭ ސަރަހައްދަށް އިތުރު ސްކޫލްތައް ބޭނުންވާ ކަމަށް މިނިސްޓަރު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

އެ ވާހަކަ އިތުރަށް ތަފްސީލް ކުރައްވައި މިއަދު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސަރަހައްދުގައި 10 ސްކޫލް އަޅަން ނިންމާފައިވާ ކަމަށް ނުބުނާ ކަމަށާއި ނަމަވެސް 10 ސްކޫލް އަޅަން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓުން ދައްކާފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މި ސަރަހައްދުގައި އެއްދަންފަޅިއަށް ކިޔަވައިދެވޭނީ 800 އާއި 1000އާ ދެމެދުގެ ދަރިވަރުން އުޅެމުންދާ ސްކޫލްތަކުގައި އެވެ. ނަމަވެސް މާލޭގެ 13 ސްކޫލެއްގައި އެ އަދަދު 1500 އާއި 2000އާ ގާތްކުރާ ކަމަށް ރިޕޯޓްގައި ވެއެވެ.