އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާން، އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އިބްރާހިމް ދީދީ (އައިބީ) އިލެކްޝަން ކޮމިޝަން، އީސީއަށް މިއަދު ފޯމް ހުށަހަޅައިފި އެވެ.
އައިބީ އަށް ވަނީ ޕީޕީއެމްުގެ ފަރާތުން އެދާއިރާއަށް ޓިކެޓްވެސްދީފަ އެވެ. އައިބީ ވިދާޅުވީ، އަމިއްލަ ގޮތުން ކުރިމަތިލާން ނިންމީ މި ސަރުކާރަކީ ކޯލިޝަން ސަރުކާރަކަށްވާތީ، ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ކުރެވޭނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ނިކުމެގެންކަމަށް ދެކޭތީ ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވެ، ރައްޔިތުންނަށް ހިދުމަތް ކުރުމަށް މަޖިލީހުގައި ހުރުމަކީ އެނެމް ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ދާއިރާގެ ރައްޔިތުންވެސް އެދެނީ އަމިއްލަ ގޮތުން ނިކުމެ، ރައްޔިތުންނަށް ހިދުމަތްކުރަން، އަޅުގަނޑަށްވެސް ގަބޫލު ކުރެވެނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް، އެހެންވެ އަމިއްލަ ގޮތުން ކުރިމަތިލާން ނިންމީ،" އައިބީ ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ، އެދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލީ ނަމަވެސް ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ސަޕޯޓް އޭނާއަށް އޮންނާނެ ކަމަށެވެ. އަދި އެދާއިރާއަށް އެޕާޓީތަކުން އެހެން ކެނޑިޑޭޓަކު ނެރޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި ޓިކެޓް ދޫކޮށްލީ ޕީޕީއެމާއި ކޮންގްރެސް ޕާޓީއާ މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ބޮޑަށް ޕާޓީގެ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރުން އެންމެ ރަނގަޅު ގޮތަކީ، ރައްޔިތުންނަށް ފައިދާ ކުރާނީ، އަދި ދާއިރާއަށް ބޭނުންވާ ތަރައްގީ ގެނެވޭނީ ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް މަސައްކަތްކޮށް، މިނިވަންކަންމަތީ ހުރުމުން، ދާއިރާ ކުރި އަރާނީ ސަރުކާރަށް އެއްބާރުލުންދީގެން،" އައިބީ ވިދާޅުވި އެވެ.
އައިބީ އަމިއްލަ ގޮތުން ކުރިމަތިލާން ނިންމާފައިިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމަވައި ޕީޕީއެމްގެ ޓިކެޓު
ދޫކޮށްލާފަ އެވެ.
އެމްޑީޕީގެ ފަރާތުން ފޭދޫ ދާއިރާއަށް ވާދަ ކުރަން ނިންމާފައިވަނީ މުހައްމަދު ނިހާދެވެ.