ހަބަރު

ތަހުގީގާއި ޝަރީއަތްތަކަށް އިންޑިއާގެ އެހީ ލިބޭނެ އެއްބަސްވުމަކަށް ދަނީ

Feb 12, 2019
7

"ޓްރީޓީ ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" ގައި ސޮއި ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފިއެވެ. ރައީސް މިގޮތަށް މި ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމެވެ.

ކޯޓަށް ހާޒިރުކުމުގައާއި، ކޯޓު އަމުރު ތަންފީޒުކުރުމުގައާއި އެހެނިހެން ޝަރުއީ ކަންކަމުގައި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ބޭނުންވާކަން ދަނެ، އެހީތެރިކަން ފޯރުކޮށް އެ އެއްބަސްވުމުގެ ދަށުން ދޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިފަދަ މުއާހަދާތަކުގެ ދަށުން ކުށް މަދުކުރުމަށާއި، ހުއްޓުވުމަށާއި މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުންދިނުމަށް ބާރުއެޅާނެ ކަމަށެވެ.

ޓެރަރިޒަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެ، ތަހުގީގުކުރުމާއި ޝަރީއަތްކުރުން ހަރުދަނާކުރުމުގެ ބޭނުމުގައި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މި އެއްބަސްވުމުގެ ވަރަށްބޮޑު ބޭނުމެއް ކަމަށް ވެސް ބުންޏެވެ.

އެއްބަސްވުމުގެ ދަށުން، އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނާއި އަދި އެއްބަސްވުމުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެއެވެ. މީގެ ތެރޭގައި މައްސަލަ ތަހުގީގުކުރުމުގައާއި، ޝަރީއަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެއެވެ.

އެއްވަސްވުމުގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެ ގައުމެއްގައި ގާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީން ކަމަށް ބަޔާންކޮށްފައި ވެއެވެ. އެގޮތުން، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ރިއާޔަތްކުރާއިރު، ރާއްޖޭގެ ސެންޓްރަލް އޮތޯރިޓީއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ. މި އެއްބަސްވުމުގެ ދަށުން ހުށަހަޅާ އެއްވެސް މައްސަލައެއް ހުށަހެޅުމަށާއި އަދި އެމައްސަލައަކާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމަކަށް ހިނގާ ހަރަދެއް، އެއްވަސްވުމުގައި ކަނޑައެޅިގެން ބަޔާންކުރެވިގެންވާ ހަރަދުތައް ފިޔަވައި، ދޭންވާނީ އެހުށަހެޅުމެއް ހުށަހަޅާ ގައުމަކުންނެވެ.

މި އެއްބަސްވުމުގެ ސަބަބުން މިހާރު އާންމުވެފައިވާ ކުށްކުރުމާއި އަދި ހާއްސަކޮށް ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ކޮންޓްރޯލް ކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި މިފަދަ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދިއުމަށާއި އަދި މައްސަލައާގުޅޭ ގޮތުން ހޯދަންޖެހޭ ހެކި ހޯދުމުގައާއި ތަހުގީގުކުރުމަށް ބޭނުންވާ މީހުންނާ ސުވާލުކުރުމުގެ ފުރުސަތު ވެސް ފުޅާވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެއްބަސްވުމުގެ ދަށުން ތަހުގީގުކުރުމާއި މައްސަލަތައް ބެލުމުގައި ބޭނުންކުރާ އުސޫލުތައް ތަރައްގީކޮށް މިކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކަށް ތަޖުރިބާކުރާ ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

ރައީސް އޮފީހުން ބުނީ އިންޑިޔާގެ އިތުރުން ސްރީލަންކާ، ޔޫއޭއީ، އަދި ރަޝިޔާ އާއެކުވެސް މިފަދަ މުއާހަދާގައި ސޮއިކުރުމާ ބެހޭ މަޝްވަރާތައް ސަރުކާރުން އެބަ ކުރިއަށް ގެންދާ ކަމަށެވެ.