ހަބަރު

އިންޑިއާގެ ވިސާ އެގްރީމަންޓަށް މާޗު މަހުން ފެށިގެން އަމަލުކުރަން ފަށަނީ

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއި ކޮށްފައިވާ ވިސާ އެގްރީމެންޓަށް އަމަލު ކުރުމަށް ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށް އަންނަ މާޗް މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ އެގްރީމަންޓަށް ދެ ގައުމުން އަމަލު ކުރުމަށް އެއްބަސްވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ އެއްބަސްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި، ދެ ގައުމުގެ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ދެ ގައުމު ދޭތެރޭ ދަތުރު ފަތުރުކުރުމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

އެ އެއްބަސްވުމުގެ ސަބަބުން ފަތުރުވެރި ކަމަށާއި ބޭސް ފަރުވާ އަށާއި ތައުލީމް ހާސިލް ކުރުމަށާއި ވިޔަފާރި އާއި ވަޒީފާގެ ބޭނުމުގައި، އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް މިހާރު ކުރިމަތިވާ ވިސާގެ ގޮންޖެހުންތައް ނެތި ފަސޭހަ ކަމާއެކު އިންޑިއާއަށް ދަތުރުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިއާއަށް ދަތުރު ކުރާ ދިވެހިންނަށް މީގެ ކުރިން ލުއި ފަސޭހަގޮތްތަކެއް އޮތް ކަމުގައިވީ ނަމަވެސް، ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާއި ދެމެދު އޮތް ގުޅުން ގޯސްވެ، ފަހުން ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ.

ރައީސް ސޯލިހުގެ މި އެއްބަސްވުމާއެކު އެ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.