( 11 ފެބްރުއަރީ 2019 އާ ގުޅޭ)
"ޝްޝްޝްޝް.............ވައި އަރ ޔޫ ސްކެއަރޑް، އަހަރެން ނޫޅެމޭ މަންހާއަށް ގޮތެއް ހަދާކަށް، އެއަށްވުރެ މާ ލޯބިވޭ.....ކޮންކަމަކާތަ މަންހާ ތިހާވަރަށް ޖެހިލުންވަނީކީ، އަހަރެން ޔަގީނުންވެސް މަންހާއާއި ރައްޓެހިވެފަ ދޫކޮށެއްނުލާނަން، ޔަގީނުންވެސް މަންހާ ދެރަވާފަދަ އެއްވެސް ކަމެއް ނުކުރާނަން، މަންހާ.........ތީ މިހާރު މިހިތުގެ ހިތްހަމަ ޖެހުން، ބަލަ މަންހާއެއްނު ބުނީ ހިތް އެދޭ ފަރާތަށް އެހިތުގެ ވާހަކަ އަޑުއިއްވަން ގިނަދުވަސް ނަގާކަށް ނުވާނެއޭ، އަހަރެން ލޯބިވަނީ ހަމައެކަނި މަންހާދެކެ، އަހަންނާ ދުރައްދަނީ ކީއްވެތަ، މަންހާ އަހަރެންނާ ގުޅެން ބޭނުންނުވަނީތަ؟" ވިޝާލް މަންހާގެ ގާތަށް މަޑުމަޑުން ދިޔައެވެ.
"ވިޝާލް.........އަހަރެން ބުނަންބޭނުން......އެކަމަކު ވިޝާލް ދެރަވާނެ ވަރު........." މަންހާގެ ޖުމްލަ ފުރިހަމަ ނުވަނިސް ވިޝާލް ވާހަކަ ދެއްކިއެވެ.
"އޯ މަންހާ، މަންހާ.........ތިބުނަނީ ހަމަ ރަނގަޅަށްތަ، އަހަރެންދެކެ މަންހާ ލޯތްބެއް ނުވޭދޯ، އޯ ގޯޑް.......ޖަސްޓް ޓެލް މީ......." ވިޝާލްއަށް މާޔޫސްކަމާއިއެކު ދަތްދޮޅީގަ އާއި ނިތުގައި އަތްހާކާލެވުނެވެ.
"އައި ޖަސްޓް ކާންޓް ލަވް ޔޫ..........އައިމް ސޮރީ ވިޝާލް........އައި ޖަސްޓް ކާންޓް" މަންހާ އިސްތަށަށް ޖަހާލިއެވެ. އޭނަ ވިޝާލްގެ މޫނު ބަލަން ބޭނުންނުވީ ސަބަބަކާއި ނުލައެއްނޫނެވެ. ލޯބިވާ މީހާ ނުލިބުމުން ކުރާ އަސަރު ހުދު މަންހާއަށްވެސް އެނގޭތީއެވެ. އެވޭނުގައި ވިޝާލް ވަނިކޮށް ދެކެން ބޭނުންނުވަނީއެވެ.
"ކީއްވެ، އެއީ ކީއްވެ..........އަހަރެން މަންހާ ބުނިގޮތަކަށް ޗޭންޖު ވެދާނަން، އަހަރެން މާސްޓަރސް ހެދިން، ވަރަށް އަވަހަށް ޖޮބަކަށްވެސް ދާނަން، ހަރުދަނާ ޒިންމާ ނަގާ މީހަކަށް އިރާދަކުރެއްވިއްޔާ ވާނަން، މަންހާ ނުރުހޭ އެއްވެސް ކަމެއް ނުކުރާނަން..........އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރާނަން.........އޯ ގޯޑް އައި ޖަސްޓް ކާންޓް ހެލްޕް އިޓް............އައި ލަވް ޔު ސޯ މަޗް.........އައި ލަވް ޔޫ މަންހާ.........ޕްލީޒް ބުނެބަލަ........." ވިޝާލްއަށް ބޭއިޙްތިޔާރުގައި މަންހާގެ ކޯތާފަތުގައި ދެއަތުން ހިފާލެވުނެވެ. އެވަގުތު މަންހާ އާއި ވިޝާލްގެ ހަތަރު ކަޅި ހަމަވެގެންދިޔައެވެ.
"އެއްވެސް އުނިކަމެއްނެތް..........އެއްވެސް އުނިކަމެއްނެތް، އަހަންނަށް ވިޝާލްފަދަ ފުރިހަމަ ޒުވާނެއްދެކެ ލޯބި ނުވެވުން އެއީ އަހަރެންގެ އުނިކަން ކަމުގައިނޫނީ ނުވާނެ..........އަހަރެން ނޫން ކޮންމެ އަންހެން ކުއްޖެއް ހެޔޮހިތުން އުފަލުން ހުރެ ވިޝާލް އާއި ގަބޫލު ވާނެ، ހިތްހަދިޔާކޮށް ގުރުބާންވާނެ އެތަށްކުދިންނެއް ލިބޭނެ..........." މަންހާގެ ދެލޯ ފެންކަޅިވި ހިނދު އިސްޖަހަން ބޭނުންވިއެވެ. އެހެންނަމަވެސް ވިޝާލް މަންހާގެ ކޯތާފަތުން ދުލެއްނުކޮއްލިއެވެ
"ނޯ...ނޯ.......ނޯ ޓިއަރސް.........ތިބޮޑު ދެލޮލަށް ކިތަންމެ އިރެއްވަންދެންވެސް ފޫހިކަމެއްނެތި ބަލާނަން، އެކަމަކު ތިދެލޮލުން ބޮޑެތި ކަރުނަ ތިކި ފައިބައިގެން ދާތަން ބެލުން މިހިތަށް ކުޅަދާނަ ކަމަކަށް ނުވާނެ............މައްސަލައަކީ އެހުރިހާ އަންހެން ކުދިންގެ ތެރެއިންވެސް އަހަރެންގެ ހިތް ބަލައިގަތް ހަމައެކަނި އަންހެން ކުއްޖަކީ ތީ ކަމުގައި ވީތީ، އޭރުގަ ފެނުނު ގާތްކަން އަހަރެންގެ ހިތާކުޅެލީ........ލޯބިކަމުގައި އަހަންނަށް ވިސްނާދިނީ..........އެކަމަކު ލޯބިވުމަށްފަހު އެކަން ބަދަލު ކުރުމީ ފަސޭހަ ކަމެއްނޫން، އަހަރެން އަބަދުވެސް މަންހާދެކެ ލޯބިވާނަން.......ޕްލީޒް ޑޯންޓް ކްރައި އެނީ މޯ..........." މަންހާގެ ލޮލުން ކަރުނަ ފޮހެދެމުންގޮސް ވިޝާލްގެ ދެލޯވެސް ތެތްމާލައިފިއެވެ.
ލޯތްބަކީ ކިހާ ނާއިންސާފު އެއްޗެއް ހެއްޔެވެ. އެހާ ފަސޭހައިން ލޯބިވެވިދެއެވެ. އެކަމަކު ހަނދާނުން އެލޯބި ފޮހެލުމީ ހަށިގަނޑުން އެއްބައި އުނިކޮއްލުން ފަދަ ކަމަކަށްވެދެއެވެ. ވިޝާލް މަޑުން މަޑުން މަންހާ އާއި ދުރަށް ޖެހުނެވެ. އަދި މަންހާއަށް އޭނަގެ މޫނު ފޮރުވާލުމަށް އަނެއްފަރާތަށް އެނބުރުނެވެ.
"ވާހަކައެއް އަހަންތަ؟" ވިޝާލްގެ ކުރަކިވަމުންދިޔަ އަޑުން ބުނެލިއެވެ.
"ހޫމް..........." މަންހާ މަޑުމަޑުން ހޫ ލައްވާލިއެވެ.
"އަހަރެން އެހާ ބޭނުންވެގެން އުޅުނު ހިތް ގެންދިޔައީ ކާކުކަން ބުނެދެވިދާނެތަ؟" ވިޝާލް އޭނަގެ އިޙްސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އަހާލިއެވެ.
"ވިޝާލް......ހިތަށް އިތުރު ހިތްދަތިކަމެއް ދޭން ތި މަސައްކަތް ކުރަނީ ކީއްވެތަ، އަހަންނަށް ނޭގޭނެ ކަމަށްތަ ވިޝާލް ހީކުރީ، މިހިތަށް ތަދުވާވަރު އިނގޭނީ ހުދު އަހަންނަކަންނު، އެހާ ލޯބިވާއިރުވެސް.........ވިޝާލްއަށް ލިބުނުފަދަ ފުރުޞަތެއްވެސް އަހަންނަށް ނުލިބުނު، ލޯބިވާ މީހާ އެހެން މީހެއްދެކެ ލޯބިވާކަން އެނގުމުން ހިތް ކުދިކުދިވީ އަލުން އެހިތް ރާވަންވެސް ނޭގޭނޭ ވަރަށް، ކޮންމެ ދުވަހަކު އެލޯތްބައްޓަކާ ކުރާ ފޮނި އުއްމީދު، ކުރާ ދިގު އިންތިޒާރު، ކޮންމެވެސް ދުވަހަކުން އެހިތުން ޔާގަލިބޭނެކަމަށް......................ރެޔާއި ދުވާލު މިހިތަށް ކެތްނުކުރެވިގެން މިދެދޮލުން ކަރުނަފައިބަނީ ކިތަށްފަހަރު............އެންމެ ފަހަރަކު އަހަރެން ލޯބިވޭ ބުނެލާނެ ފުރުޞަތުވެސް ނުލިބުނު........ވީ އިރު ލޯބި ނުލިބުމުން އެލިބޭ ވޭން އިތުރުކުރަން ތިއުޅެނީ ކީއްވެ ވީޝާލް، ތިސުވާލަށް ޖަވާބު ދިނުމުންވެސް ގެއްލިގެންދާނީ ހިތުގެ ހަމަޖެހުން، ވެރިވާނީ އިތުރު ހާސްކަމާއި އެކަނިވެރިކަން........." މަންހާ ވިޝާލްގެ ފުރަގަހުގައި އޭނަ އާއި ދާދި ގާތުގައި މަޑުކޮއްލިއެވެ.
"ޝްޝް.............ކަމޯން.......ނޯ ޓިއަރސް.........." މަންހާއަށް ގިސްލެވުނު ހިނދު ވިޝާލް އަވަހަށް މަންހާއާއި ދިމާލަށް އެނބުރިލިއެވެ. އަދި މަންހާ ގެނެސް އެމޭގައި ޖައްސާ ބާރުކޮއްލަމުން މަންހާގެ ބޮލުގައި ފިރުމަމުންދިޔައެވެ.
އެރޭގެ ހަތަރުދަން ހުސްވެގެން ދިޔައީ އެގޮތުގައެވެ. މަންހާގެ ލޮލުން ހިތްފުރެންދެން ކަރުނަ އައިއިރު ވިޝާލްގެ ލޮލުންވެސް އެތަކެއް ކަރުނަތިއްކެއް ފައިބައިގެން ދިޔައެވެ. ދެމީހުންވެސް ފާޅު ކުރީ އެއްހިތާމައެކެވެ. އެކަކަށްވެސް އެމީހަކު އެންމެ ލޯބިވާ މީހަކު ލިބުމުގެ ނަސީބު ލިބިފައިނެތުމެވެ. ވިޝާލްގެ ހިތުގައި މަންހާއަށްޓަކައިވި ލޯބި އެރޭ ހިތުގެ އަޑީގައި ފޮރުވާލިއެވެ. އެހެނީ މަންހާއަށް ލޯބިވާން އެނގުނުދުވަހުން ފެށިގެން އެހިތްވަނީ އެހެން ފަރާތަކަށް ދެވިފައެވެ. އަރާ އިރާއިއެކު ރޭގަނޑުގެ އަނދިރިކަން ފެތުރި ހަމަހިމޭންވާއިރަށް ދާންދެން ވިޝާލްގެ ދުލު ކުރީގައިވާ ނަމަކީ މަންހާ ކަމުގައި ވާއިރު، މަންހާގެ ދުލުކުރީގައިވަނީ އެހެން ނަމަކެވެ. އެކަން އޭނަ ފާޅު ކުރާކަށް ބޭނުމެއްނުވިއެވެ.
ފަތިސްވާން ގާތްވެފައިވަނިކޮށް ވިޝާލް މަންހާގެ ކޮޓަރިން ނުކުމެގެން ދިޔައެވެ. މަންހާ އޭރުވެސް އެނދުގައި ލެނގިލައިގެން މާބަލްސް ތަޅުމުގައި އިށީނދެ ދެކަކުލުގައި އަޅުވާލެވިފައިވާ އަތުގެ ތެރޭ މޫނު ފޮރުވާލައިގެން އިނެވެ. ވިޝާލްއަށް އޭނަގެ ކޮޓަރިއަށް ވަދެވުމާއިއެކު މުޅިހަށިގަނޑުގައި ނޭގޭ ތުރުތުރެއް އެފެދިގެން ދިޔައެވެ. އަދި ހުރިދިމާލަށް ދެކަކޫގެ ބާރުގެ މައްޗަށް ތިރިވިގޮތަށް އެމޫނުގައި ދެއަތް އަޅާ ފޮރުވާލައިފިއެވެ. މަންހާގެ ކުރިމަތީ ނުރޯން މަސައްކަތްކުރި ވިޝާލް މިހާރު ހީވަނީ ކުޑަކުއްޖެއްހެންނެވެ. އަޑުން އަޑުނަގާ ރޯއިރު ހީވަނީ އެއޮށްބޮޑު މީހާ ރޫޅި ދާނެހެންނެވެ. އޭނަ އެންމެ ދެރަވަނީ އެހިތް އޭނަގެ އަތުން ބީވެގެން ދިޔަލެއް ފަސޭހަކަމުންނެވެ. މިހެންވެދާނެ އޭ ނުވިސްނުނީ ކީއްވެހެއްޔެވެ. ހުރިހާ އެންމެންނަކަށް އެމީހުން ލޯބިވާ މީހުންނެއް ނުލިބޭނެއެވެ. އެކަން ވިޝާލްވެސް ގަބޫލު ކުރެއެވެ. އެކަމަކު އެހިތަށް އެހާ ތަދުވާންވީ ކީއްވެހެއްޔެވެ. މާރބްލްސްގެ ތަޅުމުގެ މައްޗަށް އެއްއަރިއަކަށް ވެއްޓިފައި އޮތް ވިޝާލް އެހެން އިރުގަނޑެއް ވަންދެން އޮވެފައި ފާހާނާވަނެވެ.
ބަންދު ދުވަހަކަށް ވީތީ ހެނދުނުގެ ސައިގައި އެންމެން އެއްކޮށްތިބެ ސައިބޯލެވޭނެ ކަމުގެ ހިތްހަމަޖެހުން މޫސަގެ ހިތުގައި އޮވެއެވެ. އެހެންނަމަވެސް މިއަދުގެ ސައިގަނޑީގައި ފަޅުކަންއެކުލެވިފައިވިއެވެ. ވިޝާލްއެއް މަންހާއެއް ނުފެނުނެވެ.
"ޒިޔާ.......އެކުދިން ކޮބާތަ، މިއަދު ހޭވެސް ނުލާ ދުވަހަކީތަ، ޔަގީނުންވެސް މަންހާ ހޭލާނެ ފަތިސްނަމާދަށް، އޭނަވެސް މިއަދު ނުފެނުނު.......އައިނީ ފޮނުވަބަލަ އެކުދިންނަށް ގޮވަން، އެކުދިންނާ ނުލާ މިގޮތަށް ބަންދު ދުވަހެއްގައި ސައިބުއިން ފުރިހަމައެއް ނުވާނެ....." މޫސަ ހަމައެކަނި ސައިތަށިން ސައިފޮދެއް ބޯލަމުން ބުނެލިއެވެ.
"އެކުދިން އަންނާނެ ހޭލައިގެން.........ތިއެއް ނޫނޭ، އަހަރެން މޫސަ ގާތު ވާހަކައެއް ދައްކަން ބޭނުންވެފަ މިހުންނަނީ......މިދެން އަސްލު މަޝްވަރާއެއް އިނގޭ.........މޫސަ ނުރުހޭނަމަ މީ ނުދައްކާ ވާހަކައެއް......." ނާޒިޔާ މޫސަގެ ތަށީގައި އޮތް ޕާންފޮތީގައި ބަޓާރކޮޅެއް ހާކަމުން ވާހަކަ ދެއްކިއެވެ.
"ޒިޔާގެ އެއްވެސް ވާހަކައަކަށް އަހަރެން ހިތްހަމަނުޖެހުނިންތަ، ނޫނެންނު، ދެންވެސް އަވަހަށް ތިވާހަކައެއް ކިޔާދީބަލަ....." މޫސަވެސް ޝައުގުވެރިކަން ފާޅުކުރަމުން ނާޒިޔާއަށް ބަލާލީ އޭނަ އެދައްކަން އުޅޭ ވާހަކައަކަށް އިތުރަށް ސަމާލުވަމުންނެވެ.
"ވިޝާލް އެހެރީ މިހާރު ބޮޑުވެ ޒިންމާ އުފުލޭވަރުގެ ކުއްޖަކަށްވެފަ އެއްނު، އަހަރެން ބޭނުންވަނީ އޭނަ މޫސަގެ ކަންތައްތަކުގެ ތެރެއަށްވައްދައިގެން އުޅުން، އަދި މިކޮޅުން ވަޒީފާއެއްވެސް ހަމަޖެހުނީކީ ނޫނެއްނު..........." ނާޒިޔާ ވާހަކަ ފެށީ ވަރަށްވެސް ދުރުދުރުންނެވެ.
"ތީތަ ތި ކުރަން އުޅުނު މަޝްވަރާއަކީ........ތީދެން އެވަރު ކަމެއްނޫންތާ.......ވިޝާލް ނޫނީ ދެންނެތެއްނު އަހަރުމެންގެ ކަންތައްތައް ބަލަހައްޓައި ދޭނެ ދަރިއަކުވެސް......." މޫސަ ހިނިތުންވެލަމުން ނާޒިޔާ ދިއްކޮލި ޕާން ފޮތީގައި ހިފިއެވެ.
"ނޫނޭ، މުޅިއަކުން އަދި އެއީވެސް ނޫން މިދައްކަން އުޅޭ ވާހަކައަކީ..........މިއުޅެނީ ވިޝާލް އާއި މަންހާގެ ވާހަކަ ދައްކަން..........ވިޝާލްވެސް ދެން ދިރިއުޅުމެއް ފަށަން ގިނަދުވަސްތަކެއް ވަންދެން މަޑުކުރުމުގެ ބޭނުމެއްނެތެއްނު، އެހެންނޫނަސް ވިޝާލްއަށް ރަނގަޅު މުސްތަޤްބަލެއް ހޯދާ ދިނުމަކީވެސް އަހަރުމެންގެ މަސްޢޫލިއްޔަތެއްނު ދޯ........އަހަންނަށް ވަރަށް ގުޅޭ ވިޝާލް އާއި މަންހާ އާއި ދެކުދިން........މިކަމާ މޫސަ ބުނަނީ ކީކޭތަ؟" ނާޒިޔާ މޭޒުގެ ކޮޅުގައި އިށީނދެއިން މޫސަގެ ކަނާތްފަރާތު ގޮނޑީގައި އިށީންނަމުން ވާހަކަދެއްކިއެވެ.
"ތިކަމުގަ އަހަރުމެން އެއްޗެއް ބުނުމަށްވުރެ އެދެކުދިން އަމިއްލައަށް ގުޅެން ބޭނުންވުން މުހިއްމު ކަންނޭގެ ދޯ.......ޒިޔާ އަށް އެނގޭނެ އަހަރެން އެއްވެސް ކުއްޖަކަށް މަޖުބޫރު ކުރާކަށް ބޭނުމެއްނުވާނެކަން، މަންހާއަކީވެސް މިހާރު އަހަރުމެންގެ ބެލުމުގެ ދަށުގައި ހުރި އަހަރުމެންގެ ދަރިއެއްފަދަ ކުއްޖެއް........." މޫސަގެ ވާހަކަ މެދުކަނޑާލީ ނާޒިޔާއެވެ.
"އަހަންނަށް އެދެކުދިންގެ މެދުގައި ކަމެއް ހިނގާކަން ޔަގީންވެގެންނޭ މިހެން މިބުނީ، ހަނދާންވޭތަ ކޮންމެ ދުވަހަކު ހަވީރު މަންހާ ބަލާދާން ވިޝާލް ތައްޔާރުވެލާފަ ހުންނަވަރު، އެމޫނުގައި ހުންނަ އާދަޔާ ހިލާފު ހިނިތުންވުން، އަހަންނަށް ޔަގީން އެދެކުދިންގެ މެދުގައި ކަމެއް އެބަ ހިނގާ، އެކަމަކު އަދި އަހަރުމެންނަށް ސިއްރުވެފައި އޮތީ.......އެކުދިންވެސް ޖެހިލުންވާނެ ދޯ އަހަރުމެން ބުނެދާނެ އެއްޗަކާއިމެދު.........އަހަރުމެން ނުރުހިފާނެތީ އެކަން ފާޅުކުރަން ނުކެރިގެން ކަންނޭގެ އެއުޅެނީ.......މޫސަ، މަންހާއަށް ވުރެ ރަނގަޅު ކުއްޖަކު އަހަރުމެންގެ ދަނބިދަރިއަކަށް ވާން ނުލިބޭނެކަން ޔަގީން، އެއީ ލައްކައަކުން އެކެއް..........އެހާވެސް އަހަރެންނަށް އެމަންޖެ ކަމުދޭ، އެމަންޖެގެ އެހުންނަނީ ވަސީމާގެ އާއި ސަޢީދުގެ ހުންނަ ރިވެތި އަޙްލާގާ އޯގާތެރިކަން..........އަހަރެންގެ އެންމެ ފަހުގެ އުއްމީދަކީވެސް އަދި މަރުވުމުގެ ކުރިން މާތްﷲގެ އިރާދަފުޅާއެކު ދެކިލަން ބޭނުންވާ ދުވަހަކީވެސް މަންހާ ވިޝާލް އާއި ގުޅިގެން މިގެއަށް އަންނާނެ ދުވަހެއް.......އެދުވަހަކުން އަހަރުމެންގެ ދިރިއުޅުންވެސް ބަދަލުކުރަން ބޭނުންވަނީ މާލެއަށް.................އަހަރެން ވަރަށް ދުވަސްވެއްޖެ އެދެކުދިންގެ ހަރަކާތްތަކަށާއި ސިއްރު ބައްދަލުވުންތަކަށް ފާރަލާ ނަޒަރު ހިންގާތާ..........އެހެންވެ އެހާ ޔަގީންކޮށް މިހެން ބުނަން މިކެރެނީ.......ވިޝާލް ވަރަށް ގަޔާވޭ އެމަންޖެއާ.........އަނެއްކޮޅުން އަހަރުމެންގެ ވިޝާލްފަދަ ކުއްޖެއް ބޭނުންނުވާނެ އަންހެން ކުއްޖަކު ނުހުންނާނެ..................މޫސަ އަޅެ މީ ރަނގަޅު ހިޔާލެއް ނޫންތަ؟" ނާޒިޔާ ހިޔާލީ ދުނިޔެއަކަށް ގެއްލިފައި އިނދެފައި ކުއްލިއަކަށް މޫސަގާތު އަހާލިއެވެ.
"ނާޒިޔާގެ ވިސްނުން ގޯހެއްނުވާނެކަން އަހަންނަށް އެނގޭ، ތިކަން އޮތީ ތިގޮތަށް ކަމުގައި ވާނަމަ އަހަންނަށްވެސް އެމަންޖެ ވަރަށް ކަމުދޭ، ވިޝާލް އާއި ވަރަށް ގުޅޭ.........މަވެސް ދެފަހަރަކު ދުށިން އެދެކުދިން ކާރުން ފައިބައިގެން އައިއިރު ވަރަށްގާތްކޮށް ސަމާސާ ކުރަނިކޮށް............ހެ ހެ ހެ ހެ...........ޒިޔާއަށް އެނގެއެއްނު މަގޭ ގޮތް، އޭރުވެސް ހިތަކަށް ނާރާ އެކަހަލަ ކަމެކޭ އެއީ...........ޒިޔާ............މަގޭ ރުހުން އެބައޮތް ޒިޔާއަށް، އަހަންނަށްވުރެ ތިކަން ކުރަން ފަސޭހަވާނީ ޒިޔާއަށް، އަދި ނޭގެ އެއްނު މިކަމާ ސަޢީދުގެ ދެމަފިރިން ބުނާނީ ކީކޭކަމެއްވެސް..........." މޫސަ ވިސްނާލަމުން ވާހަކަދެއްކިއެވެ.
"ވަސީ ގަބޫލު ވާނެ، ވިޝާލްއަކީ ވިޔާނުދާ ކުއްޖެއްނޫން، ބަލާލަން ހުތުރީކީ ނޫން..........އަނެއްކޮޅުން އަހަރުމެންގެވެސް ހުރި ހަމައެކަނި ފިރިހެން ދަރިފުޅު............މަށަށް ޔަގީން ވަސީ ގަބޫލު ވާނެކަން............އަހަރެން ހަމަ މިއަދު އެވާހަކަ ދައްކާނަން، މަންހާ ކިޔަވާ ނިމެން ދެން އޮތީ އެންމެ ދެއަހަރު........އެދެއަހަރު އަރައިގެން ހިނގައިދާނެ އިސާހިތަކު.........އޭރުން އަހަރުމެންވެސް މާލެ ބަދަލުވާނީ" ނާޒިޔާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމާއިއެކު އެދެލޮލުން އޭނަގެ ހިތުގައިވާ ފޮނިއުއްމީދުތައް ހާމަކޮއްދެއްމުން ދާކަހަލައެވެ.
"ދެން އެހެންވިޔަސް އެކުދިންނަށް ވީގޮތެއް ބަލާލައްޗޭ........."މޫސަ ސައިބޮއެ ނިންމާލަމުން ބުނެލިއެވެ.
މެންދުރުގެ ކެއުމުން ރޭގަނޑުގެ ކެއުމާއި ހަމައަށްވެސް ވިޝާލް އާއި މަންހާ އެކަކު އަނެކަކާއި ދުރުގައި އުޅޭކަން ނާޒިޔާގެ އިތުރުން މޫސައަށްވެސް ފާހަގަވިއެވެ. އެދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވުމަކުން ފުއްދާލަނީއެވެ. ރޭގަނޑުގެ ކެއުމަށް އިންސާފުކޮށް ނިމުނުއިރު ރޭގަނޑު އަށެއްޖަހަނީއެވެ. މޫސަ އާއި ނާޒިޔާ ރޭގަނޑުގެ ކެއުން ހަތެއްޖަހާ ހަތްގަޑިބައިވަން ވާއިރަށް ކައިނިންމާނެއެވެ. އެއީ ލަސްކޮށްފައި ކެއުމުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ބޭނުމުގައެވެ.
"ވިޝާލް، ދަރިފުޅު މަންހާ ގޮވައިގެން ރޭގަނޑު ކާރު ދުއްވާލަން ދާނަމަ، މިކަހަލަ ރޭރޭ މުޅި މަގުތައްވެސް އޮންނާނި ދިއްލާލާފަ..........ވަރަށް ރީތިވާނެ.......ޒިޔާ ދޭބަލަ ކާރުގެ ތަޅުދަނޑިގެނެސް އެސޮރުއަތަށް ދޭން، ދޭ ދެކުދިން ދުއްވާލަން، އެކަމަކު ދިހައެއް ޖަހަންވާއިރަށް އަންނައްޗޭ......" މޫސަ ހިތުން އޭނަ ވިޝާލް އާއި މަންހާއަށް އެކަނި ވާހަކަދައްކާލާ އެކުގައި އުޅެލުމަށް ވަގުތުކޮޅެއް ދިނީއެވެ.
މަންހާއަކަށްވެސް މޫސަ އެހެން ބުނުމުން އިދިކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ އައިނީ ވިޝާލްގެ އަތަށް ކާރުގެ ތަޅުދަނޑިފަތި ދިނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލާލީ ދެން ހަދާނީ ކިހިނެތްހޭ އަހާލާފަދަ ގޮތަކަށެވެ. މަޑުމަޑުން ލަސްފިޔަވަޅުތަކެއް އަޅަމުން ވިޝާލް އާއި މަންހާ ކާރުގެ ކައިރިއަށް ދިއުމަށް ހިނގައިގަތެވެ.
"އައިމް ސޮރީ....." ވިޝާލް މާފަށްއެދުނެވެ.
"އިޓްސް އޯކޭ، އައި އަންޑަރސްޓޭންޑް.........އިތުރު އެހެން ގޮތެއްވެސް ނެއްތާ.....ބޭބެ އެދުނުކަމެއް ކޮއްދޭން ވާނެއެއްނު، އެހެންނޫނީ އެހެންގޮތަކަށް ހީކޮއްފާނެ" މަންހާ ވިޝާލްއަށް ބަލާލަމުން ބުނެލިއެވެ.
ވިޝާލް މަންހާއަށް ކާރުގެ ފަހަތު ދޮރުހުޅުވާދިނެވެ. އެހެންނަމަވެސް މަންހާ ކާރު ވަށާލާފައިގޮސް އެރީ ކުރީ ސީޓަށެވެ. އޭނަ ދެކުނު ގޮތުގައި ވިޝާލްއަށް މިހާރު އޭނަގެ ހިތުގައިވާ އެއްޗެއް އެނގެއެވެ. ވީމާ އޭނަ ނުރުހޭނެފަދަ އެއްވެސް ކަމެއް ވިޝާލް ނުކުރާނެކަން އޭނައަށް އެނގެއެވެ. އެކަމަކު އަދިވެސް ވިސްނޭ އެއްކަމެއް އެބައޮތެވެ. ވިޝާލްގެ ހުށައެޅުން ދޫކޮއްލުން އެއީ ހަމަ އެންމެ ރަނގަޅު ނިންމުން ބާއެވެ.
ވިޝާލްވެސް އަދި މަންހާވެސް އެކުގައި އެއްވެސް ކަމެއް ކުރާކަށް މިހާރު ބޭނުމެއްނުވެއެވެ. އެހެންނަމަވެސް މޫސަ އާއި ނާޒިޔާ އެދޭކަންތައްތަކުގައި މޫނު އަނބުރާލާކަށް މަންހާއަކަށް ނުކެރޭނެއެވެ. ވިޝާލްގެ ހާލަކީވެސް އެއީއެވެ.
ކާރުތެރެއަށްވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ކާރުގެ އޭސީގެ ވައި އަންނަ ދިމާ ވިޝާލް ބަދަލުކޮއްލަދިނީ މަންހާ އިނީ ފިނިވެފަހެން ހީވެގެންނެވެ. އެހެންނަމަވެސް ވިޝާލް މަންހާގެ ޖާދުލެއްފަދަ ދެލޮލަށް ގެއްލުމުގެ ކުރިން ދުއްވަމުންދިޔަ މަގަށް ނަޒަރު ހުއްޓާލިއެވެ. ދެމީހުން ކުރެ އެކަކަށްވެސް އިތުރަށް ދައްކާނެ ވާހަކައެއް ނޭގުނެވެ. މީހުން މަދު މަގުގައި ދިއްލާފައި ހުރި ބޮކިތަކުގެ އަލިވެސް ފަޑުމަގަކަށް ވިޝާލް ކާރުގައި ވަނެވެ. އަދި ވަކި ހިސާބަކަށް ދެވުމާއިއެކު ކާރު މަޑުކޮއްލިއެވެ.
"ދާނެ ވަކިތަނެއް އަހަންނަކަށް ނޭގޭ، މަންހާ ދާން ބޭނުންވާ ތަނެއް އެބައޮތްތައް؟" ވިޝާލް ދެއަތުން ހުންގާނު ބުރުގައި ހިފަހައްޓާލައިގެން އިނދެ ބުނެލިއެވެ. މިފަހަރުވެސް އޭނަ މަންހާއަށް ބަލަން އުޒުރުވެރިވިއެވެ.
"މިތާ މަޑުކޮއްލާފަ ގެއަށް ދިޔަޔަސް އެންމެ ރަނގަޅު........." މަންހާ މަޑުމަޑުން ބުނެލިއެވެ. އަނެއްކާވެސް ކާރުގެ ތެރެއަށް ފެތުރިގެން ދިޔައީ ހަމަހިމޭންކަމެވެ. ވިޝާލް އޭނަގެ ފޯނުނަގާ ފޯނަށް ބަލާލިއެވެ. މަންހާ ވަށައިގެން ވާ މާހައުލަށް ބަލާލިއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ސަމާލުކަން ނުދީވޭތޯ މަސައްކަތްކުރަނީއެވެ.
"މަންހާ........އަހަރެން ވާހަކައެއް އަހަންތަ؟" އެދެމެދަށް ހުރަސްއަޅާފައިވާ ހަމަހިމޭންކަމުގެ ފާރު ވައްޓާލަމުން ވިޝާލް ވާހަކަދެއްކިއެވެ. އޭނަ ކިތަންމެ ވަރަކަށް މަސައްކަތްކުރިއަސް އޭނައަށް މަންހާ ނޫން ކުއްޖެގެ މަތިން ނުވިސްނެއެވެ. އަބަދުމެ ހިތްގޮވަނީ މަންހާއަށެވެ. ވިސްނެނީ މަންހާ އާއި ދޭތެރޭއެވެ.
"ހޫމް" އިސްޖަހާލައިގެން އިން މަންހާ ހޫން ލައްވާލަމުން ބޯޖަހާލިއެވެ.
"މިސާލަކަށް..........މިސާލަކަށް މަންހާ އެހެން މީހަކު ދެކެ ލޯބި........ލޯބި ނުވަންޏާ........މަންހާ އަހަންނާ ރައްޓެހިވާނަންތަ، މީދެން ހަމަ މިސާލެއް" ވިޝާލް ޖެހިލުންވެ އިނދެ އަހާލިއެވެ.
"ނޭގެ، ތި ސުވާލަށް ޖަވާބު ދޭން ވަރަށް އުނދަގޫ" މަންހާ ވިޝާލްއަށް ބަލާލަމުން ބުނެލިއެވެ.
"ޕްލީޒް، އަދި އެއްފަހަރު ވިސްނާލާފަ ބުނެބަލަ، މިސާލަކަށް އެހެންވެއްޖެނަމަ، ނޫނީ މަންހާ އެހާ ލޯބިވާ މީހަކު ނޫނެކޭ ބުނެފިނަމަ އަހަރެންގެ އަތުގައި ހިފާނަންތަ؟" ވިޝާލް އެސުވާލު އެހާވަރުން އެކުރަނީ ކީއްވެބާއޭ މަންހާގެ ހިތަށް އެރިއެވެ. އެކަމަކު އޭނަ އެބުނަނީ ދޮގެއްވެސް ނޫނެވެ. ދާއިންގެ ދިރިއުޅުމުގެ ތެރެއަށް އޭނައަށް ވަދެވޭނެބާއެވެ. އެހިތަކީ މިހާރުވެސް ޒާރާއަށް ދެވި ނިމިފައިވާ ހިތެކެވެ. ދެން އަލުން އެހިތުން މަންހާއަށް ޖާގައެއް ހުސްވެދާނެ ބާއެވެ. އެކަމަކު އެއީ ނާދިރުކަމެކެވެ.
(ނުނިމޭ)