ދުނިޔެ

މެކްސިކޯ ޑްރަގް ލޯޑު އެލް ޗާޕޯގެ މައްޗަށް ކުށް ސާބިތުވެއްޖެ

Feb 13, 2019

ނިއު ޔޯކް (ފެބްރުއަރީ 13) - މެކްސިކޯގެ ނުރައްކާތެރި ޑްރަގު ޑީލަރު ޔޯކުއިން އެލް ޗާޕޯ ގުޒްމަންގެ މައްޗަށް އުފުލި ދައުވާތައް އެމެރިކާގެ ކޯޓެއްގައި ސާބިތުވެއްޖެ އެވެ.

ކޮކެއިން އާއި ހެރޮއިންގެ ވިޔަފާރި ކުރުމުގެ އިތުރުން، މަނީ ލޯންޑަރިންނާއި ގާނޫނާއި ހިލާފަށް ހަތިޔާރު ގެންގުޅުމުގެ ތަފާތު 10 ދައުވާއެެއް ގުޒްމަން، 61 ގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

މެކްސިކޯގެ ޖަލަކުން ފިލައިގެން އުޅޭނިކޮށް، ގުޒަމަން ހައްޔަރުކޮށްފައިވަނީ ޖެނުއަރީ 2016 ވަނަ އަހަރެވެ. ނުރައްކާތެރި ސިނަލޯއާ ޑްރަގް ކާޓެލްގެ ވެރިޔާ އެމެރިކާ އާއި ހަވާލުކުރީ 2017 ވަނަ އަހަރެވެ.

ނިއު ޔޯކުގެ ފެޑެރަލް ކޯޓުގައި 11 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެމެރިކާ އަށް ޑްރަގު އެތެރެކުރި މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، އޭނާގެ މައްޗަށް ހުކުމް އިއްވާނީ ފަހުންނެވެ. ގުޒްމަންއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާ އިން އެންމެ ގިނައިން ޑްރަގު އެތެރެކުރި ގުޒްމަން ވަނީ 2009 ވަނަ އަހަރު ފޯބްސްގެ މުއްސަނދިންގެ ލިސްޓުގެ 701 ވަނައިގައި ހިމެނިފަ އެވެ. އޭރު އޭނާގެ މިލްކިއްޔާތުގައި އެއް ބިލިއަން ޑޮލަރު ހުރި ކަމަށްވެ އެވެ.