ހަބަރު

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް މީހަކު ހޯދަން އިއުލާންކޮށްފައިވަނީ މިހާރު އެކޮމިޝަނުގައި އިންނަވާ އިސްމާއިލް ހަބީބު އަބުދުއްރަހީމްގެ މެމްބަރު ކަމުގެ މުއްދަތު 13 މާޗް 2019 އަށް ހަމަވާތީ އެވެ. ރައީސް އޮފީހުން ބުނީ އީސީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަލާފައިވަނީ މިއަދުން ފެށިގެން 20 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 10:00 އަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުވެފައިވާ، މުސްލިމު ދިވެހި ރައްޔިތަކު ކަމުގައި ވުމާއި، ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި ގާނޫނު އަސާސީ އަދި އެއްވެސް ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހެއް ކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުންވެސް ހިމެނެ އެވެ.

މީގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭދުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހެއް ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ދައުރު ހަމަވާއިރު، ކޮމިޝަނުގައި މިހާރު ތިއްބަވާ މެމްބަރުންނަކީ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފާއި، ނައިބު ރައީސް އަމްޖަދު މުސްތަފާއާއި، ކޮމިޝަނުގެ މެމްބަރުން އަހްމަދު އަކްރަމާއި އިސްމާއިލް ހަބީބު އަބްދުލްރަހީމްގެ އިތުރުން، އަލީ ނަޝާތު އެވެ.