ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓް ލިބިފައި ހުރި ފަރާތްތަކުގެ ނަމާއި ވަނަވަރު އާންމުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ފްލެޓް އެވޯޑްކުރި ގޮތުގެ ކަންކަން ބަލައި ކޮމިޓީއިން ބުނެފި އެވެ.
އެ ކޮމިޓީގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ފުރަތަމަ މީޑިއާޔާ ބައްދަލު ކުރައްވައި އެ ކޮމިޓީގެ މެންބަރު ފާތިމަތު ރަޝީދާ ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން އިވެލުއޭޓްކޮށްފައި ހުރި ބައެއް ފޯމްތައް ކޮމިޝަނުން ބެލިއިރު، ދިރިއުޅުމުގެ ހާލަތުގެ ބައި ފޯމްގައި އެއްވެސް ވަރަކަށް ނުފުރާ ހުރި ބައެއް ފޯމްތަކަށް ވެސް ފުލް މާކްސް އެވޯޑްކޮށްފައި ހުރި ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތަށް ގިނަ ޕޮއިންޓް ލިބޭ ގޮތަށް މިނިސްޓްރީ އިން ނިންމާފައި އޮތް ނަމަވެސް ދިރިއުޅުމުގެ ހާލަތު އޮޅުންނުފިލުވާ ފުލް މާކްސް ދީފައިވާ އުސޫލެއް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ރަޝީދާ ވިދާޅުވީ، އަލަތު ކައިވެނީގެ ފްލެޓް ދީފައިވާ ފަރާތެއް ފޯމް ހުށަހެޅި އިރު ވަރިވެފައިވީ ނަމަވެސް އޭނާއާށް ވެސް ފްލެޓް ދޭން ނިންމާފައި ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި ކަމަށް ބުނެ، ދެބަފައިންއަށް ފްލެޓް ދީފައިވާ އިރު އޭގެ ތެރެއިން ފްލެޓް އެވޯޑް ކުރާނީ ކާކަށްކަން މިނިސްޓްރީއިން ނުނިންމާ ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިރިއުޅުމުގެ ހާލަތު ބެލި ގޮތަށް ބުނެދެވިފައެއް ނެތް އެއްވެސް ގޮތަކަށް އެކަމަކު ފުލް މާކްސް ލިބިފައި އެބަހުރި. އިމުމާލުތަކެއް މީގައި އެބަ އުޅޭ. ބޮޑެތި އާމްދަނީ ލިބޭ ދެމަފިރިންނަށް ވެސް ފްލެޓް ދީފައި އެބަހުރި. މިކަހަލަ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި އަޅުގަނޑުމެންނަށް ފާހަގަވެފައި. އަޅުގަނޑުމެން އިތުރަށް ބަލާއިރު އަދިވެސް މިއަށް ވުރެ ގިނަ މައްސަލަތައް ފާހަގަވަމުން އަންނާނެ،" ރަޝީދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ހިންގި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ފްލެޓް ދީފައި ހުރި ހުރިހާ ފަރާތްތަކެއްގެ ނަމާއި މާކްސް ލިބުނު އަދަދު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އާންމު ކުރާނެ ކަމަށެވެ. މީގެ ކުރިން އާންމުކޮށްފައި އޮތީ ހަމައެކަނި ފޯމް ނަމްބަރާއި މާކްސް ލިބުނު އަދަދެވެ.
ރަޝީދާ ވިދާޅުވީ، ފްލެޓް ދިނުމުގެ މަސައްކަތުގައި އުޅުނު ފަރާތްތަކާއި ފްލެޓް ލިބިފައި ހުރި ފަރާތްތަކާ ކޮމިޓީއިން އިންޓަވިއު ކުރާނެ ކަމަށެވެ. އަދި އެކަންކަމަށް ގިނަ ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކޮމިޝަންގެ މެންބަރު، އަހުމަދު މުއިއްޒު އަދުނާން ވިދާޅުވީ، ކުރީގެ ސަރުކާރުން ފްލެޓް ފޯމްތަކަށް މާކްސް ދިނުމުގައި އަމަލުކޮށްފައި ހުރީ ފަހުން އަންނަ ބަޔަކު އައިސް އެކަން ބެލިޔަސް ނޭނގޭ ވަރަށް އޮޅުން ބޮޅުންކޮށް ކަމަށެވެ. އޭނާ ވިދާޅުވީ ފޯމްތަކަށް މާކްސް ދިނީ ކާކުކަމެއް، އަދި ދިރިއުޅުމުގެ ހާލަތު އެސެސްކުރީ ކޮން ބައެއް ކަމެއް އެނގެން ނެތް ކަމަށެވެ. އޭގެ ބަދަލުގައި ހަމަ ހުރީ ޕޮއިންޓްތަކެއް ޖަހާލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތަށް ކަންތައްތައް ކޮށްފައި ހުރުމުން މައްސަލަތައް ބަލަން ބޮޑު ހުރަހެއް ކުރިމަތިވާކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ވަރަށް ކަވި މަސައްކަތެއް އަޅުގަނޑުމެން ކުރަން މިޖެހެނީ. މި ހުރިހާ ފޯމްތަކެއް ތަންތަނުން ގެނެސްގެން ހާވައިގެން އަޅުގަނޑުމެން މި ބަލަނީ 24 ގަނޑިއިރު މަސައްކަތް ކޮށްގެން ވެސް ނަތީޖާ ނެރެވޭތޯ. ގާތްގަނޑަކަށް 4-5 މަސް ނަގާނެ ކަމަށް މި ބެލެވެނީ މި މަސައްކަތަށް. އެކަމަކު އެއަށް ވުރެވެސް ދިގު ވެދާނެ. އެއީ މައްސަލަ ބަލަމުން ދަނިކޮށް ކުއްލިއަކަށް ވެސް ފެނިދާނެ އެކަމާ ގުޅޭ ލިޔުންތަކެއް. މިކަހަލަ ގޮތަކަށް މިދަނީ،" މުއިއްޒު އަދުނާން ވިދާޅުވި އެވެ.
ކޮމިޓީގެ މެންބަރު، އަހުމަދު ތޮލާލް ވެސް އެ ޕްރެސްގައި ވިދާޅުވީ ހުރިހާ ފޯމެއް ވަކިވަކިން އިވެލުއޭޓްކޮށްގެން ކޮމިޝަނަށް ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ. އެހެން ކަމުން ކޮމިޝަނުން ބަލަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އާންމުންގެ
ޝަކުވާތައް ކޮމިޝަނަށް ހުށަހެޅުމަށް ހުޅުވާލުމަށް ކަމަށެވެ. އަދި އެ ލިބޭ ޝަކުވާތައް ވަކިވަކިން ބަލައި، އެ ފަރާތަކުން ލާފައިވާ ފޯމް ވަކިން އިވެލުއޭޓްކުރުމުގެ މަސައްކަތް ކޮމިޓީއިން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަކުވާތައް ބަލައި ނިމޭ އިރު، ފްލެޓާ ގުޅިގެން ގެއްލިފައި ހުރި ރައްޔިތުންގެ ހައްގުތައް ހޯދައިދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން، ކޮމިޓީއިން ބަލަމުން ދަނީ ހިޔާ މަޝްރޫއުގެ އިތުރަށް ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިކަމުގެ މަޝްރޫ އަދި ގުޅީފަޅުގެ މަޝްރޫއުން ފްލެޓް ނުލިބުނު މީހުންނަށް ފްލެޓް ދިނުމުގެ މަސައްކަތެވެ.