ޓްރާންސްފާ މާކެޓް

ޝާފީ ޔުނައިޓެޑް ވިކްޓަރީއަށް

މިދިޔަ ސީޒަންގައި ވިކްޓަރީގެ ކެޕްޓަންކަން ކުރި، ޝާފިއު އަހްމަދު، ޝާފީ ކުރިއަށް އޮތް ސީޒަންގައި ޔުނައިޓަޑް ވިކްޓަރީއަށް ކުޅެން ސޮއި ކޮށްފި އެވެ.

މިއީ، މި އަހަރު ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެ ޓީމަށް ސޮއި ކުރުވި ފުރަތަމަ ކުޅުންތެރިޔާ އެވެ. އެ ކުލަބުން ބުނީ، އެހެން ބައެއް ކުޅުންތެރިންނާވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި އެކުލަބުން ގެންނާނީ އެ ކުލަބުގެ ޓްރާންފާގެ އަގުތަކަށް ފެތޭ ކުޅުންތެރިން ކަމަށް އެކުލަބުން ބުނެ އެވެ.

މިދިޔަ ސީޒަންގައި އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން، އެ ކުލަބުން ވަނީ ޓީމުގައި މަޑު ކުރުވާފަ އެވެ. ރާއްޖޭގެ މިވަގުތު ހުރި ތަޖުރިބާކާރު އެއް ޑިފެންޑަރު ޝާފީ ވަނީ އޭނާގެ ކެރިއަރުގައި، ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި ވިކްޓަރީ، ގްރީން ސްޓްރީޓް އަދި މާޒިޔާއަށް ކުޅެފަ އެވެ.

ވެލެންސިއާ އާއި ވިކްޓަރީގެ ކެޕްޓަން ކަމާއި، ނިއު ރޭޑިއަންޓްގެ ވައިސްކެޕްޓަންކަން ކުރި ޝާފީ ވަނީ، ގައުމީ ޓީމުގެ ވައިސް ކެޕްޓަންކަން ވެސް ކޮށްފަ އެވެ. މިދިޔަ ސީޒަންގައި ވިކްޓަރީއަށް ކުރިމަތިވި މާލީ ގޮންޖެހުންތަކާއެކު އެ ކުލަބުގެ އަޑިއަޅާލައި ޕްރެކްޓިސް ހުއްޓާލުމުން، އެ ޓީމުގެ ކުޅުންތެރިންގެ ކުޅުން މާބޮޑަކަށް ފާހަގަ ނުކުރެވުނެވެ.

ކުޅުންތެރިންނަށް މުސާރަ ނުދީ ހަތަރު މަސް ފާއިތުވެ ދިއުމުން، އެ ޓީމުން ކުޅެން ހަމަޖެހިފައިވާ ދެ މެޗަށް ހާޒިރު ނުވެ އެވެ. ފަހަުންވެސް ކުޅުންތެރިންގެ ކަންބޮޑުވުން އިތުރުވެގެން ދިޔަ ނަމަވެސް ކުޅުންތެރިން ދަނޑަށް ހާޒިރު ވުމުގައި ޝާފީގެ ލީޑާޝިޕް މުހިންމު ދައުރެއް އަދާ ކުރި އެވެ.

"ކުޅުންތެރިން މެޗަށް ދަނީ ކެޕްޓަން [ޝާފީ] ކުޅުންތެރިންގެ ގާތު އެދުނީމަ." އޭރު ވިކްޓަރީއަށް ކުޅުނު ކުޅުންތެރިޔަކު ބުނެފައި ވެއެވެ.

ވެލެންސިއާއިން 2016 ވަނަ އަހަރުގެ އެފްއޭ ކަޕު ކާމިޔާބު ކުރީ އެ ޓީމު އުނދަގޫ ހާލަތެއްގައި ވަނިކޮށެވެ. ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލަތައްވެސް އެ ޓީމުގެ ތެރޭގައި ޖެހުނެވެ. އެހެންނަމަވެސް އެ ހާލަތުގެ ތެރެއިން ގޮސް އެފްއޭ ކަޕު ވެލެންސިއާއަށް ހޯދައި ދިނުމުގައި ޝާފީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.