ހަބަރު

މެލޭ ވިސާ ތާށި ކުރުމުން ދިވެހި ދަރިވަރުންނަށް ދަތިތައް!

މެލޭޝިއާއިން ވިސާ ދޫކުރުމުގެ އުސޫލަށް އަމަލު ކުރުން "ހަރުކަށިކޮށްލުމާއެކު" އެ ގައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށާއި އެ ކުދިންގެ އާއިލާތަކަށް ގިނަ ދަތިތަކާއި ކުރިމަތިވެއްޖެ އެވެ.

"އަވަސް" އާއި ވާހަކަ ދެއްކި ގިނަ ކުދިން ބުނި ގޮތުގައި، އެންމެ ބޮޑަށް ދިމާވެގެން އުޅެނީ، މެލޭޝިއާގައި ކިޔަވާ ކުދިންގެ އެ ގައުމުގެ ބޭންކެއްގައި އެކައުންޓެއް ހުޅުވުމުގެ މައްސަލަ ކަމަށެވެ.

އާންމު އުސޫލުގެ ދަށުން، މެލޭޝިއާގައި ހުޅުވާފައިވާ އެކައުންޓެއްގައި މަދުވެގެން 5،000 ރިންގިޓް ދައުރުކޮށް، ތިން މަހުގެ ބޭންކް ސްޓޭޓްމަންޓެއް ވިސާއަށް އެދޭއިރު ހުށަހަޅަންޖެހެ އެވެ.

ނަމަވެސް، މީގެ ކުރިން، ވެސްޓަން ޔޫނިއަން މެދުވެރިކޮށް ރާއްޖޭން ލިބޭ ފައިސާގެ ރަސީދު ނުވަތަ، ރާއްޖޭގެ ބޭންކު އެކައުންޓެއްގެ ސްޓޭޓްމަންޓް ވެސް މެލޭޝިއާ އިމިގިރޭޝަނުން ގަބޫލު ކުރަމުން އައި ކަމަށް އެ ކުދިން ބުންޏެވެ.

"އަޅުގަނޑުމެން މެލޭޝިއާ އަށް ދިޔުމުގެ ކުރިން އެތާ އުޅޭ ކުދިން ގާތުން މައުލޫމާތު ސާފު ކުރިން، ސީދާ މެލޭޝިއާ ބޭންކެއްގެ ސްޓޭޓްމަންޓް ބޭނުން ނުވާކަމަށް ބުނެގެން އައީ، އަދި ޔުނިވާސިޓީއަކުން ވެސް އެމްބަސީ އަކުން ވެސް އެކަން ބަދަލުވި ކަމަކަށް ނުބުނޭ،" ފިރިމީހާ އާއި ދެ ކުދިންނާއެކު ދާދި ފަހުން މެލޭޝިއާއަށް ދިޔަ އަންހެނަކު ކިޔައިދިނެވެ.

އެކަމާއި ގުޅިގެން، މެލޭޝިއާގައި ހުންނަ ރާއްޖެ އެމްބަސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ވިސާ އުސޫލަށް ކުރިއަށްވުރެ "ހަރުކަށިކޮށް" އަމަލުކުރަން ފަށާފައިވަނީ އެ ގައުމުގެ ސަރުކާރު ބަދަލުވުމާއެކު ކަންކަން ރަނގަޅު ކުރަމަށް ފެށުމުން ކަމަށެވެ.

"އަސްލު އޮންނަ އުސޫލަކީ، ފުރަތަމަ ކިޔަވާ ކުއްޖާ މެލޭޝިއާއަށް އައިސް، ވިސާ ކަންތައް ހަމަޖައްސައިގެން ބޭންކު އެކައުންޓް ހުޅުވައިގެން އެއަށްފަހު އާއިލާ ނުވަތަ ޑިޕެންޑަންޓްސް ގެނައުން، އެކަމަކު އެހާ ހަރުކަށިކޮށް އެކަމަށް އަމަލު ނުކުރާތީ ގިނަ ކުދިން ފުރަތަމަ ވެސް މި އަންނަނީ އާއިލާއާއެކު،" އޮފިޝަލު ތަފްސީލު ކޮށް ދެއްވި އެވެ.

ވިސާގެ ދަތިތައް ދިމާވެގެން އުޅެނީ ސީދާ ކިޔަވާ ކުދިންނަށް ނޫން ކަމަށާއި، "ވަރަށް މަދު" ކުދިންގެ އާއިލާތަކަށް ކަމުގައި ވީ ނަމަވެސް، އެ ދަތިތައް ހައްލު ކުރުމަށްޓަކައި، މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި، ޑިޕެންޑަންޓް ވިސާ ނުލިބިގެން ގިނަ އާއިލާތަކަކަށް ވަނީ އަލުން ވިސާއަށް ހުށަހެޅުމަށްޓަކައި މެލޭޝިއާ އިން ބޭރުވާންޖެހިފަ އެވެ.

"އަޅުގަނޑުމެންގެ ތެރެއިން ގިނަ ކުދިންނަކީ މާގިނަ ފައިސާތަކަށް ހުރެގެން ކިޔަވަންދާ ކުދިންނެއް ނޫން، ގިނަ ކުދިން ކިޔަވަނީ ލޯނު ނަގައިގެން، އަދި އަޅުގަނޑުމެނަކީ ވެސް ފިރިމީހާ ކިޔަވަން، ތުއްތު ދެ ކުދިން ގޮވައިގެން އައިސްތިބި ބައެއް، ދެން ކިހާ އުނދަގޫވާނެތޯ ކުޑަ ދެ ކުދިން ގޮވައިގެން އަނެއްކާ ދަތުރުކުރަން ވެސް،" ކުރިން ވާހަކަ ދެއްކި އަންހެންމީހާ ބުންޏެވެ.

ހަމައެކަނި ބޭންކް އެކައުންޓް މައްސަލައެއް ނޫން!

މެލޭޝިއާ އިމިގްރޭޝަނުން ހަރުކަށިކޮށް އަމަލު ކުރަން ފެށުމާއެކު، އިތުރު ދަތިތައް ވެސް ކުރިމަތިވަމުން ދާ ކަމަށް ވެސް އެކުދިން ބުންޏެވެ.

ދަރިފުޅު ވެސް ގޮވައިގެން ޕީއެޗްޑީއަށް ކިޔަވަން ދިޔަ ދަރިވަރަކު ބުނި ގޮތުގައި، ކުއްލިއަކަށް އުސޫލުތައް ބަދަލު ކުރުމުން އޭނާގެ ދަރިފުޅަށް ވެސް ވިސާ ނުލިބި އަލުން އެނބުރި މާލެ އަންނަން ޖެހުނު ކަމަށެވެ.

"ކުރިން މެލޭޝިއާގައި ކިޔަވާ ކުދިންގެ 18 އަހަރުން ދަށުގެ ދަރިން މިކޮޅުގައި ކިޔެވި ނަމަވެސް ޑިޕެންޑެންޓް ވިސާގައި ތިބެވޭ، އެހެންވީމަ އަޅުގަނޑު ވެސް އެގޮތަށް ހުށަހެޅީ، އޭރު އެއްވެސް އެއްޗެއް ނުބުނޭ، ދެން އެންމެ ލާސްޓް ސްޓޭޖުގައި ބުނީ ދަރިފުޅަށް ހުށަހަޅަން ޖެހޭނީ ސްޓޫޑަންޓް ވިސާ އަށޭ،" އޭނާ ބުންޏެވެ.

ވިސާ ރިޖެކްޓްކޮށްލިއިރު، އޮން އެރައިވަލް ގައި ލިބުނު މުއްދަތު ވެސް ހަމަވެފައިވާ ކަމަށާއި، ނަމަވެސް އެކަމުގެ ޒިންމާވެސް އިމިގްރޭޝަނުން ނަގަން ދެކޮޅު ހަދައި، މެލޭޝިއާ އިން ބޭރުވާން އެންމެ ހަތް ދުވަހުގެ މުއްދަތެއް ދިން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނިން ކިހިނެއްހޭ އަޅުގަނޑާއި ދަރިފުޅުގެ ކިޔެވުން މެދުކަނޑާލާފައި އެނބުރި މާލެ ދާނީ، އެކަމަކު އެކަމަށް އެއްވެސް ކަމެއް ނުކޮށްދިން، ޖެހުނީ ހަމަ މާލެ ދާން."

"އިހުމާލު" ގެ އިނގިލި އެމްބަސީ އަށް!

މި މައްސަލާގައި މެލޭޝިއާގައި ކިޔަވާ ކުދިންގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ދިވެހި އެމްބަސީއަށް އެކަންކަން އެނގިފައި ނެތުމެވެ.

ގާނޫނީ ދައިރާއިން ޑިގްރީއަށް ކިޔަވަމުންދާ އައިކް އަހުމަދު އީސާ ބުނި ގޮތުގައި، ވިސާ އުސޫލުތަކަށް ބަދަލު އައުމަކީ ކޮންމެ ގައުމެއްގައި ވެސް ހިނގާ ކަމެއް ކަމަށާއި، ނަމަވެސް މައްސަލައަކީ އެކަމުގެ އެއްވެސް މައުލޫމާތެއް އެމްބަސީ އަށް އެނގިފައި ނުވުމެވެ.

"އެމްބަސީ އެއް ހުންނަނީ އެ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަކުރަން، ހިދުމަތްދޭން، އެކަމަކު މިތަނުގައި ދިރިއުޅޭ ދިވެހިންނަށް އަބަދުވެސް ވަރަށް ރޫޑުކޮށް އިމިގްރޭޝަނުން އަމަލުކުރާނީ، އެ ވާހަކަވެސް ތަކުރާރުކޮށް އެމްބަސީގެ ސަމާލުކަމަށް ގެނެވިއްޖެ، އެކަމަކު އެކަމަށް އަދިވެސް އެއްވެސް ހައްލެއް ހޯދައިނުދެވޭ،" އައިކް ހިއްސާކުރި އެވެ.

އެހެން ގައުމުތަކުގައި ހުންނަ ދިވެހި އެމްބަސީތަކުން ދިވެހިންނަށް ވިސާ އާއި އެހެން ކަންކަމުގައި ލުއިތައް ހޯދައިދޭން މަސައްކަތްކުރާއިރު، މެލޭޝިއާގައި ހުންނަ އެމްބަސީ އިން އެކަށީގެންވާ ގޮތެއްގައި އެފަދަ މަސައްކަތެއް ނުކުރެވޭ ކަމަށް އޭނާ ތުހުމަތުކުރި އެވެ.

މިގޮތުން، މިއަހަރުން ފެށިގެން ރާއްޖޭގެ ލައިސަންސް ބޭނުން ކޮށްގެން މެލޭޝިއާގައި ދުއްވުން މަނާކުރުމުގައި ވެސް އެމްބަސީގެ އިހުމާލު ބޮޑުކަމަށް އޭނާ ބުންޏެވެ.

"އެކަން ކުރުމުގެ ހަ މަސް ކުރިން އެމްބަސީއަށް އެކަން އެންގި، އަޅުގަނޑުމެންނަށް ވެސް އެކަން އެނގިގެން އެހިން ކިހިނެއްހޭ ހަދަންވީ، އެކަމަކު އެކަށީގެންވާ ޖަވާބެއް ނުލިބި އެކަންވެސް ނިމިގެން އެ ދިޔައީ، މިހާރު ކޮލެޖަށް ދިޔުމާއި އައުން ވަރަށް ހަރަދު ބޮޑު، އެއީ އަމިއްލަ ކާރުގައި އުޅޭތީ އޭރު ހަރަދު ކުޑަވީމަ."