ހަމައެކަނި ފުރަތަމަ 11 އިން ޖާގަ ހޯދުމުގެ ވިސްނުން ގެންގުޅުމުގެ ބަދަލުގައި، މުހައްމަދު ރިހާމް 'ބޮބީ' ވިސްނުން ގެންގުޅެންވީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަށް ކަމަށް، ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
ކުރިއަށް އޮތް 2019/2018 ގެ ސީޒަނަށް، ބޮބީ ގްރީން ސްޓްރީޓަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، ސުޒޭން ބުނީ، ބޮބީއަކީ، ރާއްޖެއިން މިހާރު ފެންނަ އެންމެ ރަނގަޅު ޒުވާން ކުޅުންތެރިޔާ ކަމަށެވެ. އެހެންވެ ބޮބީގެ އަމިއްލަ ޗެލެންޖެއް އޭނާ ގެންގުޅެން ޖެހޭ ކަން ސުޒޭން ފާހަގަ ކުރި އެވެ.
ނިއު ރޭޑިއަންޓްގެ ފުރަތަމަ 11 އިގެ ތެރޭގައި، އޭއެފްސީ ކަޕުގެ ކުޅެލުމަކީ ބޮބީއަށް ކާމިޔާބަކަށް ނުވާނެ ކަމަށާއި ބޮބީގެ އުމުރާއި، އޭނާގެ ޓޭލަންޓަށް ބަލާފައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އޭނާ އަށް ވެވޭނެ ކަމަށް ސުޒޭން ބުންޏެވެ.
"(ފުރަތަމަ ޑިވިޝަނަށް) ފުރަތަމަ ނިކުތްގޮތަށްވެސް ރަނގަޅު ކުޅުމެއް ކުޅެފި، އަޅުގަނޑު އުންމީދު ކުރަނީ ބޮބީ އަމިއްލަ ޗެލެންޖެއްވެސް ނަގާނެ ކަމަށް ގްރީންގައި،" ސުޒޭން ވާހަކަ ދެއްކި އެވެ. "ރާއްޖޭގައި ފުރަތަމަ ޑިވިޝަންގައި ފުޓްބޯޅަ ކުޅެލުމަކީ ބޮބީ މެން ކަހަލަ ކުޅުންތެރިޔަކަށް އެޗީވްމެންޓެއް ނޫން، ރާއްޖޭގައި ފުޓްބޯޅަ ކުޅެގެން ބޮޑެތި ކާމިޔާބުތައް ހޯދުން ބޮބީގެ އެޗީވްމެންޓަކަށް ވާންވީ."
"ބޮބީ އަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ނުވެވެންވީ ސަބަބެއް ނެތް، އޭނާގެ އުމުރާއި ޓެލަންޓަށް ބަލާފައި، ބޮބީ އަމާޒު ކުރަންވީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަށް."
ބޮބީ އާއެކު ގްރީން ސްޓްރީޓްގެ އެޓޭކިން ފޯސް ވަނީ އިތުރަށް ވަރުގަދަ ވެފަ އެވެ. އަލީ އަޝްފާގް 'ދަގަނޑޭ' އާއި މުހައްމަދު އުމޭރުވެސް ވަނީ ގްރީން ސްޓްރީޓަށް ސޮއި ކޮށްފަ އެވެ.
ބޮބީ ބުނީ، އެ ކުޅުންތެރިންނާ ވާދަކޮށް ޓީމުން ޖާގަ ހޯދަން މަސައްކަތް ކުރުމުގެ ހިތްވަރު އޭނާގެ ކިބައިގައި އެބަހުރި ކަމަށާއި އަޝްފާގާއެކު ކުޅުމުގެ ފުރުސަތު އަނެއްކާވެސް ލިބުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"އަޅުގަނޑަށް އުނދަގުލެއް ނުވާނެ، ރާއްޖޭގެ އެއް ވަނަ ޕްލޭޔާއާ ވާދަކޮށް ޓީމުން ޖާގަ ހޯދާކަށް، އެ ޕެރެޝަރު ހޭންޑަލް ކުރެވޭނެ. އަނެއްކާ އަލީ އަޝްފާގްއާ އެއްކޮށް ކުޅުމަކީވެސް ލިބޭ ހިތްހަމަ ޖެހުމެއް."
ރޭ ގެ ރަސްމިއްޔާތުގައި ، ގްރީންގެ ޑިފެންޑަރު މުހައްމަދު ފަރުހާން 'ފަރުއްކޯ' ވަނީ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އަދި ފޯވަޑް އަހްމަދު ރަޝީދު 'އަންމަޑޭ' ވެސް ވަނީ އެންބުރި ގްރީން އަށް އައިސްފަ އެވެ. ރޭ އޭނާ ވެސް ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.