ހަބަރު

މެލޭޝިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް މައުމޫން މިރޭ ފުރާވަޑައިގަންނަވަނީ

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް މިރޭގެ ވަގުތެއްގައި މެލޭޝިއާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.

މ. އެންދެރިމާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއާރްއެމްގެ މަޖިލިސް އިންތިހާބުގެ ސްޕޯކްސް ޕާސަން ތަޒްމީލް އަބުދުލް ސަމަދު ވިދާޅުވީ، ރައީސް މައުމޫން މެލޭޝިއާއަށް ވަޑައިގަންނަވަނީ އެގަމުގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދުގެ ދައުވަތަކަށް ކަމަށެވެ.

ތަޒްމީލް ވިދާޅުވީ، ރައީސް މައުމޫން އަރިހުގައި އައިމިނަތު ނާދިރާ އާއި އަބްދުﷲ ކަމާލުއްދީން ދަތުރުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ދަތުރުގެ މައުލޫމާތު ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމުން ހިއްސާ ކުރެވޭނެ ކަމަށެވެ. ނަމަވެސް މައުމޫން މެލޭޝިއާއަށް ވަޑައިގަންނަވަނީ ކިހާ ދުވަހަކަށް ކަމެއް ހާމައެއް ނުކުރައްވަ އެވެ.

ރައީސް މައުމޫން މެލޭޝިއާއަށް މިރޭ ފުރާ ވަޑައިގަންނަވާއިރު، އެމަނިކުފާނު ވަނީ ބޭސްފަރުވާ އަށް އިންޑިއާގައި މަސް ދުވަސް ހޭދަ ކުރެއްވުމަށްފަހު މާލެވަޑައިގެންފައިވަނީ މިދިޔަ މަހު އެވެ.

ތަޒްމީލް ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ކެމްޕެއިން ރަސްްމީކޮށް ފަށާނީ ރައީސް މައުމޫން މާލެ ވަޑައިގެންނެވުމުން ކަމަށެވެ.