އަންހެނުން

ވިމަން ސެންޓަރު ޑޭކެއާގެ ހިދުމަތާއެކު!

ޑޭކެއާގެ ހިދުމަތަކަކީ މާލެއަށް ވަރަށް ބޮޑަށް ބޭނުން ވެފައި އޮންނަ މުހިންމު ހިދުމަތެކެވެ. އާއިލާއެއް ފެށުމަށްފަހު އަންހެނުން ވަޒީފާ އަދާ ކުރަން އެންމެ ބޮޑު ދައްޗަކަށްވަނީ ޑެކެއާ ފަދަ ކުދިން ބަލާނެ ރަނގަޅު ގޮތެއް ހަމަޖެހިފައި ނޯންނާނާތީ އެވެ. ދިވެހިންގެ ލައިފް ސްޓައިލް ބައްޓަންވެފައިވާ ގޮތުން ގިނަ މީހުންނަކީ ކައިވެންޏަށް ފަހުވެސް އާއިލާއެކު ދިރިއުޅެމުން އަންނަ މީހުން ކަމުގައިވާތީ ޑޭކެއާގެ ހިދުމަތް ކުރިން އެހާ ފާހަގަ ނުކުރެވުނަސް މިހާރު ކައިވެންޏަށް ފަހު ވަކިން އުޅެން ހިޔާރު ކުރުމާއި، އާއިލާގައި ކުދިން ބަލައިދޭނެ މީހެއް ނެތުމަކީ ވަޒީފާއަކަށް ނުކުތުމަށް އޮންނަ އެންމެ ބޮޑު ދައްޗެވެ.

އޭގެ ސަބަބުން މަތީ ތައުލީމު ހާސިލް ކުރުމަށްފަހު ވެސް ވަޒީފާށް ދެވޭނެ ގޮތެއް ނެތި ގޭގައި ކުދިން ބަލަން ތިބޭ މީހުން ގިނަ އެވެ. އަނެއްކޮޅުން ތަކެތީ ގެ އަގު ބޮޑުކަމާއި ދިރިއުޅުމުގެ ހަރަދު ބަލަހައްޓަން އާއިލާގައި ކޮންމެވެސް އެކަކަށް ލިބޭ އާމްދަނީއަށް ބަރޯސާވުމުގެ ބަދަލުގައި ދެ މީހުންނަށް ލިބޭ އާމްދަނީ ލިބޭނެ ގޮތް ކޮންމެހެން ބޭނުން ވެއެވެ.

ފުރިހަމަ ޑޭކެއާއެއްގެ ހިދުމަތް ދޭން މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަނީ އަންހެނުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމާއި އިޖުތިމާއީ އިގްތިސޯދީ ކުރި އެރުމަށް ބާރު އަޅާ ވިމަން ސެންޓަރެވެ. މިިދިއަ އަހަރުން ފެށިގެން މާލޭގައި ހިންގާ މި ސެންޓަރުގެ އެންމެ ބޮޑު އަމާޒަކަށް މިހާރު ހަދާފައި ވަނީ އިތުބާރު ކުރެވޭ ޑޭކެއާއެއްގެ ހިދުމަތް ދިނުމެވެ.

ވިމަން ސެންޓަރު ގެ މެނޭޖިން ޑިރެކްޓަރު ހައްވާ ލީޝާ ވިދާޅުވި ގޮތުގައި ޑޭކެއާ ގެ ހިދުމަތް ގެންނަނީ އަންހެނުންގެ ކެރިއާ ގޯލްސް ހާސިލް ކުރަން އެހީތެރިވެދޭށެވެ. އަދި އަންހެނުންގެ އިގްތިސޯދީ މިނިވަންކަމަށް ބާރުއަޅައިދީ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭން އެހީވެދޭން ވެގެނެވެ.

"އަދި އަޅުގަނޑުމެން ޑޭކެއާ މި ހިންގަނީ ބޮޑަށް ޕްރީ ސްކޫލެއްގެ ގޮތަށް. ޕްލޭ ބޭސްޑް ލާނިގް ހަރަކާތްތަކާއި އެކުގައި. ކުއްޖާގެ އިޖުތިމާއީ ގޮތުން އެހެން ކުދިންނާއި އޮންނަ ގުޅުންވަރުގަދަ ކުރުމަށާއި އެ ކުދިންގެ މޯޓޯ ސްކިލް އާއި ގްރޮސް މޮޓޯ ސްކިލްސް ވަރުގަދަ ކުރުމަށް ބާރުއަޅާކަހަލަ ހަރަކާތްތަކެއް ހިމަނައިގެން." އޭނާ ވިދާޅުވި އެވެ.

މި ޑޭކެއާގައި އެއް އަހަރާއި އަށް އަހަރުގެ އުމުރުފުރާގެ ކުދިންނަށް ހިދުމަތް ދެ އެވެ. ހުރިހާ އުމުރު ފުރައަކަށްވެސް އެކި އެކި އަގުތަކުގެ ޕެކޭޖްތައް ފަރުމާކޮށްފައި ވެއެވެ.

ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ހިދުމަތްދޭ މި ސެންޓަރުން އެންމެ ބޮޑަށް އަމާޒު ހިފާފައި ވަނީ އިތުރުބާރު ހިފޭ ފެންވަރު ރަބނގަޅު ހިދުމަތެއް ދޭށެވެ.

"ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މިތާނގެ މުވައްޒަފުންނަކީ ވެސް ފުރިހަމައަށް ޓްރެއިނިން ދީފައިވާ މީހުން. އަދި އެ ޑޭކެއާގެ ހުރިހާ ތަނަކީ ކުޑަކުދިންނަށް ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރި ކުރުމުގައު އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ހަދާފައިވާ ތަންތަން."

މި ސެންޓަރުގައި ޑޭކެއާގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް ކައުންސެލިން ދިނުމާއި، ސަޕޯޓް ގުރޫޕްތަކާއި، ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގެ އިތުރުން، ކުޑަކުދިންނަށް ހާއްސަކޮށްގެން އާލީ ލާނިން ޕްރޮގްރާމާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޕްރޮގްރާމާއި ހޮލިޑޭ ޕްރޮގްރާމް ވެސް ހިންގަ އެވެ. އަދި އަންހެނުންނަށް ހާއްސަ ކަސްރަތު ކްލާސްތަކާއި ކޯޕަރޭޓް ޓްރެއިނިން ވެސް އޮވެ އެވެ.