ވިޔަފާރި

އުރީދޫ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ތިނެއްގައި

Feb 14, 2019

އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ތިނެއްގައި ބާއްވަން ނިންމައިފި އެވެ.

އުރީދޫން ބުނީ މި ޖަލްސާ އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކަމަށެވެ.

އާއްމު ޖަލްސާގައި މިދިޔަ އަހަރު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން އޮންނާނެ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސް ކުރުމާއި މިދިޔަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި އަދި މި އަހަރަށް އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސް ކުރުމާއި މިދިޔަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން ވެސް އޮންނާނެ އެވެ.

އުރީދޫއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ 88 ޕަސެންޓް ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ވަނީ ނިންމާފަ އެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނީގެ ބޯޑުން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަަކަށް 3.22ރ. ނުވަތަ އުރީދޫ މޯލްޑިވްސް ގުރޫޕުގެ 88 ޕަސެންޓް ސާފު ފައިދާ ބެހުމަށް ހިއްސާދާރުންނަށް ލަފާ ދިނުމަށް އިއްޔެ ބާއްވާފައިވާ ބޯޑު ބައްދަލުވުމުގައި އުރީދޫ މޯލްޑިވްސްގެ ބޯޑު ޑައިރެކްޓަރުން ނިންމާފައިވާ ކަމަށެވެ.

ދިވެހި ރައްޔިތުންގެ ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރުމުގެ ގޮތުން އުރީދޫން ހިއްސާ ވިއްކާފައިވަނީ 2017 ވަނަ އަހަރު އެވެ. ހިއްސާ ވިއްކަން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 8219 ހިއްސާދާރުންނަށް 14،044،870 ހިއްސާ (ޖުމްލަ 421،346،100 ރުފިޔާ) ވަނީ ލިބިފަ އެވެ. މިއީ ދޫކުރި ހިއްސާގެ 9.5 ޕަސެންޓެވެ. ހިއްސާއެއް ވިއްކީ 30 ރުފިޔާގެ ގެ ރޭޓުނެވެ. ފުރަތަމަ ވިއްކަން ހުޅުވައިލީ ހިއްސާގެ 15 ޕަސެންޓް ކަމަށްވާ 22,170,060 ހިއްސާ އެވެ. އަދި ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓަށް ވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހައިފިނަމަ ގިނަވެގެން 40 ޕަސެންޓް (59,120,160 އާންމު ހިއްސާ) ގަނެވޭ ގޮތަށް މި ހަރަކާތް ކުރިއަށް ގެންދިޔަ އެވެ.