ވައްކަން

މަތިވެރީގައި ތިޖޫރީއެއް ވަގަށް ނަގައިގެން ނުކުމެވުނީ ފުލުސް ކުރިމައްޗަށް

އއ. މަތިވެރީގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރާ ފަޅާލައި އެ ފިހާރައިގެ ތިޖޫރީ ވަގަށް ނަގައިގެން ދިޔަ ދެ މީހަކަށް ތިޖޫރީއާއެކު ފުލުހުންގެ ކުރިމައްޗަށް ނުކުމެވުމުން ތިޖޫރީ ދޫކޮށްލާފައި ފިލައިފި އެވެ.

ފުލުހުން އިދާރާއިން ބުނީ އެއީ ރޭ މެންދަމު 2:20 އެހާކަންހާއިރު ހިނގި ހާދިސާއެއް ކަމަށެވެ. އަދި ބުނީ މަތިވެރި ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ތިޖޫރީއެއް ހިފައިގެން އުޅުނުނު ދެމީހުން ފެނުމާއެކު މަޑު ކުރުމަށް އެނގުމުން ވެސް ނުހުއްޓި އެތަނަށް ތިޖޫރީ ދޫކޮށްލާފައި ފިލައިގެން ދިޔައީ ކަމަށެވެ. އެ ދެ މީހުން އަދިވެސް ނުހޯދެ އެވެ.

ފުލުހުން ބުނީ ފަހުން ރަށުގެ ހުރިހާ ފިހާރަތަކާއި އޮފީސްތައް ބެލިއިރު ފަޅާލާފައި ހުރީ އެސްޓީއޯ ބޭސް ފިހާރަ ކަމަށާއި އެ ތިޖޫރީ ފުލުހުން ގެންގޮސް މިހާރު ތަހުގީގެއް ކުރަން ފަށާފާފައިވާ ކަމަށެވެ.

ތުހުމަތަށް އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެ ތިޖޫރީގައި ހުރީ ކިހާ ފައިސާއެއް ކަން ވެސް އެނގިފައެއް ނުވެއެވެ.