(12 ފެބްރުއަރީ 2019 އާ ގުޅޭ)
"ޒަ..ގަ..ން.." ރައުލްއަށް ދަތްކުނޑި ވިކާލެވުނެވެ. ގަސްދުގައި އޭނާގެ ކުރިމަތީ އެ ބާނދީގެ ހަށިގަނޑުގައިވާ ނިވާކަން ޒަގަން ނިއުޅައިގަތީއެވެ. އަދި އޭނާގެ ހަށިގަނޑުން ވަކިކުރި ފޭރާން ތަޅައިގެން ގޮސްފައިވާ ފެންކަންވާރުން އޮހިފައިވާ ފެންތަކުގެ މައްޗަށް އެއްލާލީއެވެ. މޫނު އަނބުރާލުމާއެކު ރައުލް ހިނގައިގަތީ އެއިން އެއްވެސް މަންޒަރެއް ނުބެލުމަށެވެ. އެހިނދު ދެން ވެސް އިވުނީ ޒަގަންގެ ހުނުމުގެ އަޑެވެ.
ރައުލްގެ ކުރިމަތީ ޒަގަން އެފަދަ ޢަމަލުތައް ހިންގުމަކީ އާދައެކެވެ. އަނެއްކޮޅުން ރައުލް ގަޔާނުވާކަމެއްނަމަ އެކަމެއް އޭނާ ކުރާނެއެވެ. ބޭރީތުގެ ގާތުގައި ރައުލްއަށްވުރެ ކޮންމެ ކަމެއްގައި އިސްވެވޭތޯ އޭނާ ބަލައެވެ. އެކި ކަންކަމުގައި ރައުލްއާ ގޮންޖަހައެވެ. ބާރުގެ ގޮތުން ޒަގަންގެ ގާތުގައި ކުރި ހޯދޭނޭ ޖިންނިއަކު ބޭރީތު ނޫނީ ނުހިންނާނޭކަމަށް އޭނާ ދަޢުވާކުރެއެވެ. ނަމަވެސް އޭނާގެ ދަހިވެތި އެދުންތައް ފުރިހަމަ ކުރުމަށް ރައުލް އެއްބާރުލުމެއް ނުދެއެވެ. އޭނާ ބަލަނީ ވީހާ ވެސް ޒަގަންއާ ދުރުގައި އުޅެވޭތޯއެވެ. އޭނާ ކުރާ ކަންކަން ފެނި ކެތްކުރަން ރައުލްއަށް އުނދަގޫވީ ނަމަވެސް އަމިއްލަ ދުލުގައި ދަތްއަޅައިގެން ހުރެވޭތޯއެވެ.
ކުރިއަށް ހިނގަމުން އައި ރައުލް އޭނާގެ ނިތްކުރިއާއެކު އިސްތަށިގަނޑުގައި ކަނާއަތްތިލަ ހިންގާލިއެވެ. ގަނޑުވަރަށް އައުމާއެކު އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ޒަގަންއާ ކުރިމަތިލާން ޖެހިދާނޭ ރައުލް ހިޔެއްނުކުރެއެވެ. އަނެއްކޮޅުން މިހާ ދުވަސްވީއިރު ވެސް ޒަގަންގެ ޢަމަލުތަކަށް ރައުލް ހޭނޭ ގޮތެއްނުވިއެވެ. ލިބުނު ނުތަނަވަސްކަން ފިލުވާލުމަށް ރައުލް ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރު އޭނާއަށް ބޭރީތު ދިރިއުޅޭ ބަޔަށް އާދެވިއްޖެއެވެ. އޭނާގެ ކޮޓަރިއާ ހަމައަށް ދާތަން ފެނުމުން އެވަގުތު ފޯރިއަށް އެހިސާބުގައި އުޅުނު ޖިންނިއަކު ރައުލް ހުއްޓުވިއެވެ. އަދި ރަސްގެފާނުވީ ވަޅުކޮޓަރީގައިކަން އޭނާ ރައުލް ގާތު ބުނެލިއެވެ. ކުރިއަށް އަޅަން ހުރި ފިޔަވަޅު ރައުލް ބަދަލުކޮށްލީ ދެނެވެ.
ވަޅުކޮޓަރިއޭ ކިޔަސް އެއީ ބޮޑުތަނެކެވެ. ވަންނަން ހުންނަ ދިމާ ފަރުދާއިން ނިވާކުރެވި އެ ތަނުގެ ބޭރުގައި ފާރަވެރިން ބައިތިއްބާފައި ތިބެއެވެ. އެތެރެއަށް ވަދެގެން އަންނައިރު ފުރަތަމަ ވެސް ފެންނާނީ ވެވެއް ފަދަ ބޮޑު ފެންގަނޑެކެވެ. އޮއެދެމޭ ގޮތަށް ހަދާފައިވާ ފެންގަނޑެކެވެ. ލޮނު ދައުރުވާ ގޮތަށް ހުރުމުން ވެވުގެ ވަށައިގެންވާ ގާތަކުގެ އެތެރެ ފަރާތުގައި ހުރީ ފެހި ޖަހާފައެވެ. ކަނޑުގެ އަޑި ނޭނގޭ ފަދައިން އެ ފެންގަނޑުގެ އަޑިއެއް ނުފެނެއެވެ. އޭގެ އިތުރުން ވަކިން ބޭރީތަށް ޚާއްޞަކުރެވިފައި ހުންނަ ކުޑަ ވެވެއް ހުރެއެވެ. އެތަން ހުންނަނީ ބޭރުގައި އޮތް ފެންގަނޑަށް އެރިއުޅޭ ބަޔަކަށް ނުފެންނަ ގޮތަށް ހަދާފައެވެ. ބޮޑެތި ގާތަކުގެ ތެރެއިން ފެންއާރެއް ފަދައިން ލޮނު ފައިބަފައިބާ ހުރެއެވެ. ހޮހޮޅައެއްހެން އެބައި ހަދާފައި ހުރުމުން ޖަހާފައި ހުންނަ އަލިފާންގަނޑުން ގާތަކަށް ހޫނުވެ އުދާސްކަމެއް އުފައްދައެވެ.
ފަރުދާގެ އަނެއްފަރާތުގައި އައިސް އެ މަޑުކޮށްލީ ކާކުކަން ފެންގަނޑުގެ ތެރޭގައި އިން ބޭރީތަށް އެނގުނެވެ. އޭނާގެ މޫނުން ހިނިތުންވުމެއް ވަގުތުން ފާޅުވެލިއެވެ. އޭނާގެ ގާތުގައި ވެވުގެ ތެރެއަށް އެރިގެން އުޅުނު ބާނދީނާއި ވެވުގެ ކައިރީ ތިބި ބާނދީތަކަށް އަތުން އިޝާރާތްކޮށްލީ އެތަނުން ދިއުމަށެވެ.
"ރައުލް..." ބޭރީތު ގޮވާލިއެވެ.
"ލައްބަ... އަޅުގަނޑު..." ރައުލް ބުނެލިއެވެ. އެ ފަރުދާ އެއްފަރާތްކޮށް އެތެރެއަށް ރައުލް ވަންނަން ބޭނުންނުވަނީ ސަބަބެއް އޮވެގެންނެވެ. އެކަން ބޭރީތަށް އެނގެއެވެ. އޭނާ އެތެރޭގައި އުޅުނު ހުރިހާ ބާނދީން ފޮނުވާލީ އެހެންވެއެވެ. ފަރުދާ ކައިރީ ރައުލް ހުއްޓާ ރަކިހިނި ހެމުން އަންހެން ކުދީންތައް އެތެރެއިން ނުކުންނަތަން ފެނުނެވެ.
"ރައުލް... ވަދޭ..." ބޭރީތު ގޮވާލިއެވެ. އެއާއެކު ރައުލް ވަނުމަށް ފަރުދާގެ އެއްކޮޅުން އޭގެ ކައިރީ ހުރި ފާރަވެރިއާ ހިއްލާލިއެވެ. އެ ދިމާއިން އެތެރެއަށް ރައުލް ވަދެގެން އައިސް ފެންގަނޑުގެ ތެރޭގައި އިން ބޭރީތާ ކުރިމަތިވާނޭހެން ހުއްޓުނެވެ.
"ދަރިފުޅުގެ ހާލަކީ ކޮބާ؟" ފެންގަނޑުގެ ތިލަ ހިސާބެއްގައި ބާއްވާފައި އޮތް ގަލުގައި އިށީނދެ އެއްފައި ކުރުކޮށްލައިގެން އިނދެ ރައުލްއަށް ބޭރީތު ބަލާލީ ފަރުވާތެރިކަމާއެކުއެވެ. ޒުވާން ފިރިހެން ދަރިފުޅު ފެނުމުން އޭނާ އިނީ ނިކަން ބޮޑަށް ހިތްހަމަޖެހިފައެވެ.
"ރަނގަޅު" ރައުލް ބުންޏެވެ.
"ކީއްވެ މިފަހަރު އެހާ ގިނަދުވަސް ތިވީ، ދިޔަތަނެއް އެކަކަށް ވެސް ނޭނގޭ، ކޮންހިސާބަކުން ތިޔައީ؟ އެހެން ކުދީން ވެސް ރައުލްއާއެކު އެނބުރި އަތުވެއްޖެތަ؟" ބޭރީތު އެއްސެވެ. އޭނާގެ ސުވާލުތަކަށް ރައުލް ޖަވާބުދިނީ ހުރިހާ ހަޤީޤަތެއް ހާމަނުވާނޭހެންނެވެ. އޭނާ ބޭރީތުއާ މިފަދަ ވަގުތެއްގައި ބައްދަލުކުރަން އައީ އެނބުރި އައިކަމުގެ ޚަބަރު ވީހާ ވެސް އަވަހަކަށް ދޭން ބޭނުންވާތީކަން ރައުލް ބުނެލިއެވެ.
"ރައުލް ތިއައީ އެންމެ ރަނގަޅު ވަގުތު، އަހަރެންގެ މެހެމާނުންގެ ގޮތުގައި މެދުއިރުމަތިން ބަޔަކަށް ދަޢުވަތުދީފައިވާނީ، އެމީހުން އަންނައިރު ރައުލް ހުރުން ވަރަށް މުހިންމު، އެއީ ފަރުބަދަތަކުގެ ވެރީން، އެމީހުންގެ ތެރޭގައި ހުރި އެންމެ ރީތި އަމީރާ ކަމަށްވާ ސަމިއާނާ ބައިވެރިވާނެ، އޭނާގެ ފޫހިފިލުވައިދިނުމަކީ ރައުލްގެ ޒިންމާއެއް، އެމީހުންނާ އަހަރެމެންގެ ގުޅުން ބަދަހިވެއްޖެނަމަ އެއީ ލިބޭ ވަރަށް ބޮޑު ކާމިޔާބެއް... ރައުލް... ކަލެއާ ސަމިއާނާ ވަރަށް ގުޅޭނެ، އޭނާއާ ބައްދަލުވުމުން ކަލޭ އޭނާ ބޭނުންވާނޭކަން އަހަރެންނަށް ޔަގީން... ސަމިއާނާއަކީ ފިރިހެނުންގެ ސަމާލުކަން ހޯދަން އެނގޭ އަންހެންކުއްޖެއް" ބޭރީތު ލުއި ހިނިގަނޑެއް ޖަހާލިއެވެ. ރައުލްގެ މޫނުން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ. ޚުދު ބޭރީތަށް ވެސް ރައުލް ވިސްނާކަމެއް ދެނެގަތުމަކީ ކުޅަދާނަކަމެއްނޫނެވެ.
"ބައްޕާ... އަޅުގަނޑު ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފައި އޮތީ... އެކަހެރިތަނެއްގައި ތިބެ، ބައްޕަގެ ތި މެހެމާނުން އައުމުގެ ކުރީން އަޅުގަނޑަށް ވަގުތެއް ދެވިދާނެތަ؟" ބޭރީތުގެ ވާހަކަތައް ނިމުމުން ރައުލް ވާހަކަދެއްކިއެވެ. ބޭރީތުގެ ވާހަކަތަކުން ރައުލްގެ ހިތުގެ އެދުން ހާމަނުކޮށް ލަސްކުރެވެން ދެންނެތްކަން ވިސްނުނީއެވެ. އޭނާ އެތަނަށް އައީ އެވަގުތު އެފަދަ ވާހަކައެއް ބޭރީތާ ދައްކާކަށްނޫނެވެ.
"އަހަރެން އެދުނު އެއްވެސް ކަމަކަށް މިހާތަނަށް ރައުލް ދެކޮޅު ހަދާފައެއްނެތް، އެހެންވީމަ މިފަހަރު ވެސް ރައުލްގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަން ބައްޕަ ޔަގީންކުރަން، ރައުލް މުހިންމު ވާހަކައެކޭ ބުނީމާ އަހަރެންނަށް އެނގޭ ކިހާ މުހިންމެއްކަން އެވީ، އަހަރެންގެ އެހެން ދަރީންހެން ކަލެއަކީ ސަމާސާ ކުރާހިތްވާ ދަރިއެއްނޫން، ކަލެއާ ގުޅުވައި ނޭދެވޭ ވާހަކައެއް އަހަރެން މިހާތަނަށް އަޑެއްނާހަމު، އެހެންވީމާ ވެސް ކަލޭ ބުނަން އުޅޭ އެއްޗެއް އަޑުއެހުން އަހަރެންނަށް މުހިންމު... ދަރުބާރުގެ ކަންކަން ނިންމާފައި ހިރިގާ ކޮޓަރިއަށް ދާނަން، ލާވީގެ އިޝާރާތަކަށް މަޑުކޮށްގެން ހުރޭ، އޭނާ އަހަރެންނާ ހަމައަށް ކަލޭ ގެނެސްދޭނެ" ބޭރީތު ބުންޏެވެ. ރައުލް އެއްބަސްވުމުގެ ގޮތުން ބޯޖަހާލީއެވެ.
"ދެން އިތުރުކަމެއް" ފެންގަނޑުން އަރަމުން ބޭރީތު އެއްސެވެ. ރައުލް ނޫނެކޭ ބުނެ ބޭރީތުގެ ގައިގާ އޮޅާ ފޮތިގަނޑު ހިފައިގެން އައިސް ފުރަގަހުން ބޭރީތުގެ ކޮނޑުގައި އެޅުވިއެވެ. އަދި ސުފުރާ ދޮށުން ބައްދަލުވާނޭ ކަމުގައި ބުނެ އޭނާ ދިއުމުގެ ހުއްދައަށް އެދުނެވެ.
* * * * *
ސައިކޮޓަރިއަށް ދިއުމަށް ރާވިން ނުކުތްއިރު އޭނާގެ ބައްޕަ ހުރީ ލޮނުގަނޑުގެ ތެރެއަށް ބޯދީގެންނެވެ. ލާނެތް ހިންޏެއް އައިސް ހުރެ ރާވިން ކުރިއަށް ޖެހިލީ ސިއްރުންނެވެ.
"އޭ ލާވީ" ރާވިން ހަޅޭލަވައިގަތެވެ. އެއާއެކު ސިއްސައިގެން ދިޔަ ލާވީ ހިފެހެއްޓިފައި ހުރި ލޮނުގަނޑުގެ ތެރެއިން ބޯދަމައިގަތެވެ. އޭރު ލޮނުގަނޑުތެރެއިން ނެގި އަތުގައި ވަކި ހިސާބަކުން ބިންދާލައިފައި އޮތް ރަތްމުރަކަގަނޑެއް އޮތެވެ. ލާވީގެ ނަޒަރު އެތަނުގައި ހުރި ރާވިންނަށް ހުއްޓުނެވެ.
"ނަމުން ގޮވަން މަމީ ކަލޭގެ ބަފައޭ" ލާވީ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަދި އަތުގައި އޮތް މުރަކަގަނޑު ރާވީންއާ ދިމާއަށް ހޫރާލަން އުޅެފައި ވެސް އެއާމެދު ވިސްނާލިއެވެ. އަދި ރާވިންގެ ގައިގާ ބޮނޑިއެއް އަޅަން އަތުގައި އެއްޗެއް ޖެހޭތޯ ހޯދަން ފެށިއެވެ. ރާވިން ހެމުންހެމުން އެތަނުން ރައްކާވާން ޣައިބުވީއެވެ.
"ރާވިން..." ލާވީ ގޮވާލިއެވެ. އޭރު އޭނާއަށް ވެސް ހުރެވުނީ ކުޑަކޮށް ހިނިއައިސްފައެވެ. އަދި ހަރުކޮށް ހިނގާލާފައި އައިސް އެތާހުރި ގުޅިއެއްގެ ތެރެއަށް އަތްބާނާލައިފައި ނަގައި ދުރަށް އަތްފޮޅާލިއެވެ. އެއާއެކު ގުޅައަކަށް ޖެހިފައި އޮތް ރާވިން ފެނުނެވެ.
"ތަދުވެއްޖޭ ލާވީ" ގުޅައަކަށް އޮތް ރާވިން ދެން ފެނުނީ ކޮޅަށް ހުއްޓައެވެ.
"ކަލޭ އަތުވެއްޖެއްޔާ ރައުލް ވެސް އައީކަން ޔަގީން... ކޮންތާކު އުޅުނީ... ކޮބާ ޔާފިއާ... އަހަރެން ހިތަށްއަރާ އެކުއްޖާއަށް ކަލޭގެ ކޮންސިފައެއް ކަމުގޮސްގެންބާއޭ ކަލެއާ ގުޅެން ބޭނުންވީ، ގައިމު އޭނާއާ ގުޅެން ބޭނުންވެފައި ތިބި ޖިންނީން މަދެއްނޫންވިއްޔާ" ލާވީގެ އަތުގައި އޮތް މުރަކަގަނޑު ގެނެސް ލޮނުފެން އަޅާފައި ހުރި ބޯތަށްޓަކަށް ލަމުން ވާހަކަދެއްކިއެވެ.
"ލާވީގެ ރީތިކަން މި ހަށިގަނޑުން ފެންނާތީ... ޖިންނީން ބުނެއެއްނު، އަހަރެންމީ ލާވީގެ ޒުވާން ސޫރައޭ... މިހާރުދެން މުސްކުޅިވީމާ އަހަރެންގެ ޒުވާންކަމާމެދު ހަސަދަވާނޭކަމެއްނެތް" ހެމުންހެމުން ރާވިން ބުނެލިއެވެ.
"އަހަރެން ހިތަށް އަރާ ކަލޭގެ ތި ދުލުގައި ގޮށެއް ޖަހާފާނަމޭ" ދެފަރާތަށް ބޯހޫރާލަމުން ލާވީ ބުންޏެވެ.
"އަހަރެންނާ އޮޅުލައި ހަކަތަ ހުސްވެދާނެ، އަހަރެން އަދި ބަނޑަށް އެއްޗެއް ވެސް ނުލަން، އަހަރެންނަށް ހީވަނި ލާވީއަށް އެބަ ގޮވާލާހެން... ލާވީ... ކޮބާ ލާވީ... މިހާރު ބޭރީތަށް ފެންފޮދު ނުބޮވިފައި އިންނަވާނެ ލާވީގެ އަތްޕުޅުން ނާރުވާތީ" ހިނިއައިސްފައި ހުރެ ރާވިން ބުންޏެވެ.
"ރާވިން... ރައުލް ކޮބާ؟ އޭނާ ބޭރީތާ ބައްދަލުކުރަން ހިނގައްޖެތަ؟" ލާވީގެ މޫނުމަތީގެ ކުލަވަރު ކުއްލިއަކަށް ބަދަލުވިއެވެ.
"ހީވަނީ... އޭނާ ބުނި އެންމެން ހޭލީމާ ދާނަންކަމުގައި، ކިހިނެއްވީ؟... ބައްޕާ... ކަމެއް ގޯސްވީތަ؟" ރާވިންގެ މިޒާޖު ވެސް ކުއްލިއަކަށް ބަދަލުވިއެވެ.
"ބޭރީތާ ބައްދަލުކޮށްފިނަމަ ކަލޭގެ އެކުވެރިޔާއަށް އޮންނާނީ ޚަބަރުލިބިފައި" ލާވީ ބުންޏެވެ.
"ކޮންކަމެއްތަ ބައްޕާ؟" ކެތްތެރިކަން ކުޑަވެފައި ހުރި ރާވިން އެއްސެވެ.
"އޭނާގެ ކައިވެނި... އެ މީހުން އޭނާއާ ބައްދަލުކުރަން އަންނަން ހަމަޖެހިފައި އޮތީ" ފުންވިސްނުމަކަށް ގެއްލިފައި ހުރެ ލާވީ ބުންޏެވެ.
"ކައިވެނި..." ރާވިންއަށް އެ ލަފްޒު ކިޔާލެވުނެވެ. އޭނާ ގަބުއަރާފައި ހުއްޓައި ލާވީ އޭނާގެ ބުރަކަށީގައި ބޮނޑިއެއް އެޅިއެވެ. އަދި އޭނާގެ އިހު ފެނުނު ސީރިއަސްކަން ވަގުތުން ފިލައިގެން ހިނގައްޖެއެވެ.
"ހޫން!... އެންމެން ކުރާއިރު ވެސް ކަލޭ ނުކުރާތި ކައިވެނި، އޭގެ ކުރީން ޔާފިއާ އަހަރެމެން ގާތަށް އަންނާނީ ކަލޭގެ ދަރިއަކު ގޮވައިގެން ކަންނޭނގެ" ޅަބުޅާގަނޑެއްގެ ލަފުގައި ހިފައިގެން ނުކުންނަ އުސޫލުން ރާވިން ގޮވައިގެން ލާވީ ނުކުތެވެ.
"އަހަރެންގެ ދަރިއެއްވިއްޔާ އެ ނިމުނީނު، އޭރުން ލާވީއަށް ކާފަކިޔާނޭ ކުއްޖަކުވާނެއެއްނު، ޔަގީނުން ވެސް ލާވީގެ ދަރިފަސްކޮޅު މި ރާވިންއާ ހިސާބުން ނިމިގެންނެއްނުދާނު" ރާވިން ބުންޏެވެ.
"ލާވީ ތިއޯ" ކާގެއަށް ވަންނަން އައި ބޭރީތަށް ލާވީ ފެނުމުން ހުއްޓުނީ ފާޑަކަށް ހިނިއައިސްފައި ހުރެއެވެ. ލާވީ ނިކަން އަވަހަށް ރާވިން ދޫކޮށްލިއެވެ. އެއާއެކު ބޭރީތަށް ކުރުނީސްކޮށް އެ ދެބަފައިން ސަލާމްކުރިއެވެ. އަދި ލިބުނު މިނިވަންކަމުގައި ރާވިން ކުރީބައިގައި ދެމިގަތެވެ.
"ރައުލްއާއެއްކޮށް އުޅެބޮޑުވީއިރު އޭނާގެ ހަރުދަނާކަން އެކުއްޖާއަށް ވެސް ވާރުތަކުރިނަމައޭ ހިތަށްއަރާ" ދެފަރާތަށް ބޯހޫރަމުން ލާވީ ބުންޏެވެ. ބޭރީތު ޖަހާލީ ހިނިގަނޑެކެވެ.
"ލާވީ... ކަލޭގެ ދަރިއެއް އެއީ، އޭނާގެ އެ ސަމާސާކުރުމަކީ އެންމެންގެ ކުރިމަތީ ދަމާލާފައިވާ ފަރުދާއެއް، އޭގެ އަނެއްފަރާތުގައިވަނީ ވިސްނުންތޫނު ޒުވާނެއް" ބޭރީތު އޭނާގެ ޒަމާންވީ އެކުވެރިޔާއަށް ބުންޏެވެ. އެކުވެރިންގެ ގާތުގައި ގޮސް އިށީން ރާވިންއަށް ބަލާލި ލާވީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ބޭރީތު، ރައުލް ބައްދަލުކޮށް..." ލާވީ ބުންނަން އުޅުނު އެއްޗެއް ހުއްޓާލީ ބޭރީތު ބަލާލި ގޮތުންނެވެ.
"ފަހުން..." ދުރުގައި އިން ރައުލް ލޮލުގެ އިޝާރާތުން ދައްކާލަމުން ބޭރީތު ބުންޏެވެ. އެއާއެކު ލާވީ ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.
(ނުނިމޭ)