ކޮންމެ މީހަކުވެސް އެމީހެއްގެ ކުޑައިރުގެ އުފާވެރި ފޮނި ހަނދާންތައް ކޮންމެ ދުވަހެއްގެ ކޮންމެވެސް ހިނދުކޮޅެއްގައި އާ ކުރާނެ އެވެ. ކުޑައިރު ބައިސްކަލް ދުއްވި މީހުން އެ މީހުންގެ ބައިސްކަލް ޗޭނު ނެއްޓި، ނޭޅުވިގެން އުޅުނު ފަދައިން އެ ހަނދާންތަކުން ނުނެއްޓިގެން އުޅޭނެ އެވެ. ބައިސްކަލް ދުއްވި ހަނދާންތަކާއި އެ ލޯތްބާއި ވަކި ނުވެ ބައިކް އެސޯސިއޭޝަނެއް އުފައްދާފައިވާ ޒުލޭހާ ހަސަން ދީދީ އާއި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ހަސަނާއި އެމީހުންގެ ބައިވެރިންނަކީ އޭގެ މިސާލެކެވެ.
ޒުލޭހާ ވިދާޅުވި ގޮތުގައިި ރާއްޖޭއިން ބޭރުގައި އޭނާއަށް 20 އަހަރު ހޭދަކުރަން ޖެހުނެވެ. އޭގެ ފަހަށް އެނބުރި މާލެ އާދެވުނު އިރު މާލެ އޮތީ އިންޖީނު ލީ އުޅަނދުތަކުން ފުރި ބާރުވެފަ އެވެ. މާލޭގެ ކުރީގެ ސާދާ ދިރިއުޅުމެއް ނެތެވެ. އޮތީ ކުރީގެ ހަނދާންތަކެކެވެ. އެހެންވެ ކުރިއެކޭ އެއްގޮތަށް ބައިސްކަލް ދުއްވާ ހިތްވާލެއް ބޮޑުކަމުން އަދި ދުޅަހެޔޮ ލައިފްސްޓައިލަކަށް ތާއީދު ކުރުމުގެ ގޮތުން އެއް ދުވަހެއްގެ ފަތިސް ނަމާދަށް ފަހު އަނެއްކާވެސް ބައިސްކަލަށް އަރައިގެން މާލެތެރެއަށް ނައްޓާލީ އެވެ. ބުރެއް ޖަހާލާށެވެ.
"ދުއްވަން ފެށީ ކޮންމެ ދުވަހަކު ފަތިހު ފަތިސް ނަމާދަށްފަހު. ދެން ކޮންމެ ދުވަހަކުވެސް ލޮނު ޒިޔާރާތް ކޮޅުން މީހުން ކޮންވިންސް ކުރުވަނީ، 'އަންނާށޭ ބައިސްކަލް ދުއްވާލަން' އެހެން ބުނަނީ، މި ކަހަލަގޮތަކަށް މި ފެށުނީ. އަޅުގަނޑުގެ އިތުރުން ބައިކް މޯލްޑިވްސްގެ ތިން ފައުންޑ މެންބަރުން ހިމެނޭ. ބައިކް މޯލްޑިވްސްގެ ފައުންޑާ މެންބަރު މާދިހު އިސްމާއިލް ދެއްވި ހިޔާލެއް މިއީ ކްލަބެއް ގޮތުގައި ހިންގުމަކީ،" އޭނާ ވިދާޅުވި އެވެ. "އިންޑޮނޭޝިއާ ފަދަ ގައުމުތަކުގައި ވެސް މިކަހަލަ ކްލަބް ހުރޭ، ދިވެހިންގެތެރޭގައި ބައިސްކަލް ދުއްވުމުގެ ސަގާފަތެއް އޮތުމުން މި ގޮތަށް ހިނގާފާނެ ކަމަށް ބެލީ... އަޅުގަނޑުގެ ކޮއްކޮ އަހުމަދު ހަސަން ދީދީ އަކީ މި އެސޯސިއޭޝަންގެ އަނެއް ފައުންޑާ މެންބަރު އޭނާ މީގެ ސްޓްރެޓެޖިކް ޕްލޭން ހެދީ. ދެން އަނެއް ފައުންޑާ މުހައްމަދު ބައްސާމު މީގެ ހުރިހާ އައިޓީ ތަޖުރިބާގެ އެހީތެރިކަން ފޯރުކޮށްދިނީ. މިކަހަލަ ގޮތަކަށް ދެން މި ފަށައިގަތީ،"
ބައިކް މޯލްޑްވްސް ފަށައިގަތީ ވަރަށް މަދު މީސްކޮޅަކާއެކު ކޮންމެ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގައި ހިތްގައިމު މަގުތަކުގައި އޮންނަ ދުއްވާލުމަކުންނެވެ. ނަމަވެސް މިހާރު ބައިކް މޯލްޑިވްސް ގެ ދުވެލި ބާރުވެ، މިކަމަށް މީހުން ހޭލައްވަން މުހިއްމު ހަރަކާތްތައް ބާއްވަ އެވެ. އިވެންޓްތަކުގައި ބައިކް މޯލްޑިވްސް ބައިވެރިވެ ކަންކަމަށް މީހުން ހޭލުންތެރި ކުރުވައިދެ އެވެ. ދުޅަހެޔޮ ލައިފް ސްޓައިލަކަށް ތާއީދުކޮށް އަލުން އެ ލައިފްގެ ތެރެއަށް މީހުން ގެންގޮސް ލައިދެ އެވެ.
ފަށައިގަތް އިރު މިއީ ވަރަށް ކުޑަ ކުޑަ ކްލަބެކެވެ. "އިނޯގްރޭޝަން ރައިޑް" ގައި އަމިއްލަ ދިރިއުޅުއްވުމުގައި ދިގު ޒަމާންތަކަކަށް ބައިސްކަލް ބޭނުން ކުރެއްވެވި ޒާހިރު ނަސީރާއި އުމަރު ޒާހިރުގެ ދެބެންނާއި އޭރުގެ އެންވަޔަންރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ފަދަ ބޭފުޅުން ވެސް ބައިވެރިވަޑައިގަތެވެ. -- ގެޓް ސެޓްވެގެން ބައިކް މޯލްޑިވްސް ދުއްވައިގަތީ 2014 ގަ އެވެ. -- މިހާރު ބައިކް މޯލްޑިވްސް ވަރަށް ފުޅާވެއްޖެ އެވެ. ރަޖިސްޓަރީވެފައިވާ މެންބަރުންގެ އަދަދުވެސް މިހާރު 250 އަށްވުރެ މައްޗެވެ.
ރަޖިސްޓަރީ ނުވިޔަސް ސަޕޯޓެޑް މެންބަރުންނަށް ވެގެން އެތައް ސަތޭކަ ބަޔަކު ބައިސްކަލުގައި ނުކުމެ އުޅެ އެވެ. އެ އެންމެން ނުކުމެ ފަރިއަށް މަގުމަތީގައި ހަމަ ބުރެއް ޖަހާލަނީއެއް ނޫނެވެ. ދިވެހި ވެއްޓަށް ބޭނުންވެފައިވާ ރީތި އަހުލާގީ ސިފަތަކާއި ދިވެހިން އުޅެމުން އައި ރީތި ގޮތްތައް އަލުން ހަނދާނަށް ގެނެސްދީ އެ ސިފަތަކުގައި އަލުން ހިފަން ބާރު އަޅައި ދެނީ އެވެ.
ޒުލޭހާ ވިދާޅު ގޮތުގައި ބައިކް މޯލްޑިވްސްއަކީ ދިވެހިންގެ އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭނެ "ދުވެއްޔެ"ކެވެ. ފުރަތަމަ އެންމެ މީހަކާއި އެންމެ ބައިސްކަލަކާއި އެންމެ ބުރެކެވެ. މިހާރު ބައިކް މޯލްޑިވްސް "ބައިސްކަލް ޗޭނުން" ވަނީ އެކަކު އަނެކަކާއެކު ބަދަހި ގުޅުމަކުން ބަނދެވިފައިވާ ވިއުގަައަކަށްވެފަ އެވެ.
"އަޅުގަނޑުމެން މެންބަރުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވަން. ވައިބާ މެސެޖުކޮށް ގޮވާލުމުގެ ބަދަލުގައި އަބަދުވެސް އެކި ގެޓް ޓްގެދާތައް ބާއްވަން. އެންމެފަހުން މި ބޭއްވީ ބޮނޑިބަތް ނައިޓެއް. އިވެންޓެއް އޮވެއްޖެޔާ އަޅުގަނޑު ވަކި ވަކިން ގުޅާލައިފައި ވެސް ބުނަން އަންނަންވާނެއޭ. މެންބަރަކަށް ކަމެއް ދިމާވެއްޖެނަމަ ހުރިހާ އެންމެން ވެގެން ވެވެން އޮތް އެހީއެއް ވެދެން ... އަޅުގަނޑުމެނަކީ ފެމިލީއެއް އެއަށްވުރެ ބޮޑަށް ބައިކް ފެމިލީ އެއް،"
ހެނދުނުގެ ވަގުތު ދުވަހުގެ އިރު މާލެމައްޗަށް ގަދަވެގަންނަ ފަދައިން ހެނދުނުގެ ވަގުތު މާލެތެރެއަށް ބައިކް މޯލްޑިވްސް ވެސް އޮންނަނީ ގަދަވެގަނެފަ އެވެ. އެންމެ ބައިސްކަލެއް ދެ ބައިސްކަލެއް އަދި ދެ ތިން ބައިސްކަލެއް ފުރަތަމަ ފެނިލި ނަމަވެސް މިހާރު އެހެނެއް ނޫނެވެ. ބައިކް މޯލްޑިވްސްގެ ކޮންމެ އިވެންޓަކީ ބޮޑު އިވެންޓެކެވެ. ވަރަށް ގިނަ މީހުން ބައިވެރިވެ އެވެ.
ހާއްސަކޮށް އައްޑިހައި ފަހުކޮޅާއި ނުވަދިހައިގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު މަޝްހޫރު ކަމެއް އެކި ރޮނގު ރޮނގުން ހޯދާފައިވާ އަދަބު އަހުލާގުގެ ގޮތުން ރަންވަނަ ލިބޭ ޖީލު އޮތީ ބައިކް މޯލްޑިވެސްގެ ބައިސްކަލްތައް މަތީގައޭ ވެސް ބުނެވިދާނެ އެވެ. މިހާރު ބައިކް މޯލްޑިވްސްގެ ކަށިގަނޑު ފުމެލާއިރަށް 1500 އާ ގާތްކުރާ އަދަދަކަށް މީހުން ޖަމާވެ އެވެ.
ބައިކް މޯލްޑިވްސް ޒުލޭހާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ބައިސްކަލް ދުއްވާ މީހުނަށް ވަކިން ލޭނެއް އޮވެ އެވެ. ނަމަވެސް ތޮއްޖެހިފައިވާ މާލޭގައި ބައިސްކަލް ދުއްވާ މީހުނަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ. ހާއްސަކޮށް މާލޭގައި އެއްވެސް މަގެއްގައި ބައިސްކަލަކަށް ލޭނެއް ނެތެވެ.
"އެކަމަކުވެސް އަޅުގަނޑުމެން މި ބާރު އަޅަނީ ބައިސްކަލު ދުއްވުމުގެ ސަގާފަތް އާ ކުރަން. އެއީ ދުޅަހެޔޮ ސިއްހަތަކަށް އަދި ތިމާވެއްޓާ ވެސް ރައްޓެހިގޮތަށް މިކަން ކުރުމަށް. އަޅުގަނޑު މި ބުނަނީ އޮފީހަށް ވެސް ބައިސްކަލުގައި ދާށޭ، އެހެން ނަމަވެސް ޕާކު ކުރާނެ ތަން ނެތުމާއި ބައިސްކަލް ގެއްލުމާއި މި ކަހަލަ ކަންކަމަށް ސަރުކާރުން ވެސް އެއްބާރުލުން ލިބެން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.
ބައިކް މޯލްޑިވްސް ގެ އިވެންޓްތައް ކާމިޔާބުކަމާއެކު ރާވާ ހިންގުމަށް ހާވަލުވެގެން ހުންނަވަނީ އަސްމާ ހަސަނެވެ. ބައިކް މޯލްޑިވްސްއާ އަސްމާ ގުޅުނީ 2015 ގަ އެވެ. އޭނާއަކީ ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އެވެ.
އަސްމާ ވިދާޅުވި ގޮތުގައި ބައިކް މޯލްޑިވްސް އިވެންޓްތަކާއެކު އިންޓަނޭޝަނަލް ޓުއާ ހިމެނޭ ގޮތަށް މިއަހަރުގެ ކަލަންޑަރު މިހާރު ވަނީ ތަރުތީބުވެފަ އެވެ.
މިއަހަރަށް ރަވާފައިވާ ކަލަންޑަރުގައި މާޗު މަހުގެ 4 ގައި އެނުއަލް ޖެނެރަލް މީޓިން އޮންނާނެ އެވެ. މާޗު 7 އިން 13 އަށް ކޮލޮމްބޯ ޓްއާގައި ދާނެ އެވެ. އެއީ ފިސާރި ޓްއާއަކަށްވާނެ އެވެ. އެ ދަތުރުގައި ނިގަމްބޯ އިން ދަތުރު ފަށާއި ބައިސްކަލްގެ ބްރަކި ޖައްސާލާނީ ތާރީހީ ޖަފްނާއަށް ދެވުމުންނެވެ. މާޗު 24 ގައި އާތް އަވާ ރައިޑް އޮންނާނެ އެވެ. އަދި މެއި މަހު އިންޓަސްކޫލް ބައިސްކަލް މުބާރާތް ފަށާނެ އެވެ. އޭގެ ފަހަށް އޯޓިޒަމް އެވެއާނެސް ރައިޑްގައި ބައިކަލަށް އަރާނެ އެވެ.
އެހެން އެސޯސިއޭޝަންތަކާއި ތަފާތުކޮށް ހިންގާ ބައިކް މޯލްޑިވްސްއަކީ ޖޯޝާ ފޯރީގައި ހިނގާ ބޮޑު ޖަމާއަތަކެވެ. އެމީހުންގެ މައިގަނޑު ބޭނުމަކީ އެކަކު އަނެކަކާއި އޮންނަ ގާތް ގުޅުމާއެކު ދިވެހިންގެ އެންމެ ރީތު ދުޅަހެޔޮ ލައިފްސްޓައިލާއި އަހުލާގު އަނބުރާ ދިވެހިންނަށް ހޯދައި ދިނުމެވެ. އެހެންވެ އެމީހުން ގޮވައިލަނީ "ބައިސްކަލު ބުރެއް ޖަހާލަން އަންނާށޭ" އެވެ. ސަޅި ނޫން ހެއްޔެވެ؟