ހަބަރު

ރައީސް އޭސީސީއަށް: ހިޔާނާތުގެ ރިޕޯޓު ފޮރުވާފަ ބޭއްވީ ކީއްވެ؟

ތިން އަހަރުވި އިރު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ ތަހުގީގުގެ ރިޕޯޓު ހާމަ ނުކޮށް ފޮރުވައިގެން ތިބީ ކީއްވެތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭސީސީއާ ސުވާލު އުފައްދަވައިފި އެވެ.

ރައީސް އެހެން ވިދާޅުވެފައި ވަނީ އެތަށް ދުވަހަކަށް ފަހު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓު އޭސީސީ އިން މިއަދު ހާމަ ކުރުމާ ގުޅިގެންނެވެ. ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ހިންނަވަރު ދާއިރާއަށް ކުރިމަތިލެއްވި ޖީހާން މަހަމޫދުގެ ކެމްޕެއިން އިފްތިތާހު ކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ރިޕޯޓު ނެރުުމުން އެއްގޮތަކުން ވަރަށް ރަނގަޅު ކަމަށެވެ. ނަމަވެސް ތިން އަހަރުވީ އިރު އެ ރިޕޯޓު ހަދާ ނިންމުމަށް ފަހު ހާމަ ނުކޮށް ފޮރުވާފައި އޮތީ ކީޢްވެގެންތޯ ސުވާލު އުފެދޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެއްގޮތަކުން ރަނގަޅު. އެހެން ނަމަވެސް ސުވާލަކީ ތިން އަހަރުވީ އިރު އެ ކަން ބަލާ ނިންމާ ފޮރުވާފައި ބޭއްވީ ކީއްވެތޯ، މިއަދުތޯ އެ އިއުލާން ކުރަންވީ،" އޭސީސީއަށް އަމާޒު ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ރިޕޯޓާ ގުޅިގެން ސަރުކާރުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. އަދި މި ސަރުކާރުން ކޮރޮޕްޝަނަށް އެއްވެސް ފުރުސަތެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން މިއަދު ވެސް އެނގިގެން ގޮސްފައިވާ ކަން ވެސް ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

އޭސީސީއަށް ރައީސް ސޯލިހު ވަނީ އިލްތިމާސްއެއް ވެސް ކުރައްވައިފަ އެވެ. އެގޮތުން އިތުރަށް ލަސް ނުކުރައްވާ ހިޔާނާތުގެ ރިޕޯޓުގައި ފާހަގަވި މީހުންގެ މައްސަލަތައް ބައްލަވާ ކުށްވެރިވާ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ފޮނުއްވައި ދެއްވުމަށް އެދޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ކުށްވެރިވާ ފަރާޓްތަކަކީ އިހުލާސްތެރިކަމާއެކީ އެއްވެސް ކުށެއް ނެތް ބައެއް ކަމުގައި ކަނޑައަޅުއްވަންވީ، އެ ނޫނީ އަދިވެސް އެފަދަ ކަމެއްގެ ތެރެއަށް ވެއްޓިގެން ދާނެ، އަޅުގަނޑުމެން މި ތިބީ ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.