ހަބަރު

"ރަށްފެހި" ޕްރޮގްރާމުގެ ފުރަތަމަ ކުންފުންޏަށް ސްޓެލްކޯ

Feb 15, 2019
1

މުޅި ރާއްޖެ ފެހި ކުރަން ސަރުކާރުން ފެށި "ރަށްފެހި" ޕްރޮގްރާމްގައި ސްޓެލްކޯ އިން ބައިވެރިވެ ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ފަށައިފި އެވެ.

ތިލަފުށީގަ އޮތް ހާއްސަ ހަފްލާއެއްގައި މި ހަރަކާތް ފައްޓަވައި ދެއްވީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އަބޫބަކުރާއި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަދި މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ރަޝީދު އަބޫބަކުރު ވިދާޅުވީ ގްރޭޓާ މާލޭ އޭރިއާއަކީ ފެހި ސަރަހައްދެއްގެ ގޮތުގައި ބާއްވަން އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ސްޓްލްކޯގެ އިސް ނެގުމަކީ މުޅި ރާއްޖެ ފެހި ކުރުމުގެ ހަރަކާތައް ލިބުނު ހިތްވަރެއް ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ގަސް އިންދުމުގެ މި ޕްރޮގްރާމުގެ ތެރެއިން ސްޓެލްކޯއިން ހިންގާ ހުރިހާ އިންޖީނުގެތަކެއްގެ މާހައުލުވެސް ފެހިވެގެންދާނެ ކަމަށެވެ.

ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ އިންޖީނުގެއެއްގައި ފެށި މި ހަރަކާތް ކުރިއަށް ގެންދަނީ މުބާރާތެއްގެ ސިފައިގަ އެވެ. މި އެގޮތުން ސްޓެލްކޯގެ މައި އޮފީހުގެ އެކި ޑިޕާޓްމެންޓްތަކުން ޓީމްތައް ބައިވެރިވިއިރު މާލެ ފިޔަވާ ސްޓެލްކޯއިން ހިދުމަތް ދެމުން އަންނަ އިންޖީނުގެތަކުން ވަނީ ކޮންމެ ރަށަކުން ޓީމެއް ބައިވެރިވެފަ އެވެ.