ހަބަރު

ރައީސްގެ އަވަސް ފިޔަވަޅަށް ތައުރީފު

ރާއްޖެ ސިއްސުވާލި، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުގީގީ ރިޕޯޓް އިއްޔެ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން އާންމުކުރުމާއެކު އެންމެ ބޮޑަށް ހޫނު ފެނަށް ވެއްޓިގެން ދިޔައީ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާލުއްދީންނެވެ. އެ ދެ ބޭފުޅުންނަށް ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިވި އެސްއޯއެފްއިން ވަނީ ފައިސާ ޖަމާކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް އައި ސަރުކާރެކެވެ. ސަރުކާރު އައި ފަހުން ރައީސް ވަނީ އެކަމާ ދެކޮޅަށް މަސައްކަތްތައް ވެސް ފައްޓަވާފަ އެވެ. އިސް ބޭފުޅުންގެ މާލީ ބަޔާންތައް ރައީސް އަންގަވައިގެން ހާމަ ކުރައްވައި އެމަނިކުފާނު ހުދު ވެސް މާލީ ބަޔާން ހާމަ ކުރެއްވި އެވެ. ނުވިތާކަށް ކޮރަޕްޝަންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ، އެމަނިކުފާނަށް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެކަމަށް ޕޯޓަލެއް ވެސް ގާއިމްކޮށްފައިވާއިރު ރައީސް ވަނީ މި ހަފުތާގެ ތެރޭގައި "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ނަމުގައި ކެމްޕެއިނެއް ވެސް ފައްޓަވާފަ އެވެ. އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް އެންމެ ބާރު އެޅުއްވި ޕޮއިންޓަކީ އެވެ. ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސް ކަމެވެ.

އޭސީސީގެ ރިޕޯޓްގައި މަހުލޫފާއި ކަމާލުއްދީންއަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުމާއެކު، އެ ދެ ބޭފުޅުންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހުޅުގަނޑު ފަޅައިގެންދިޔަ އެވެ. އިސްތިއުފާ އެތައް ބަޔަކު ގޮވާލި އެވެ. މަހުލޫފް ވަނީ އެ ހޫނު ކަމުގައި ބަޔާނެއް ނެރުއްވައި އެކަމުން ދިފާއުވާން ވެސް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ރައީސް ސޯލިހު ނެންގެވީ މިފަހުން އެއްވެސް ބޭފުޅަކު ނަންގަވާފައިނުވާވަރުގެ އަވަސް އަދި ޒިންމާދާރު ފިޔަވަޅެކެވެ. މަހުލޫފާއި ކަމާލުއްދީން ގޭގައި މަޑުކުރަން އެންގެވި އެވެ. އެ އެންގެވުން އެންގެވިއިރު އެ ދެ ބޭފުޅުންނަކީ ވެސް އެމަނިކުފާނުގެ ޕާޓީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

މީގެ ކުރީ ސަރުކާރުތަކުގެ މިނިސްޓަރުންނަށް ވެސް މިފަދަ ތުހުމަތުތައް ވަރަށް ބޮޑަށް ކުރުވުނެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު މިފަދަ ފިޔަވަޅެއް އެެއްވެސް ރައީސްއަކު އަޅުއްވާފައެއް ނުވެ އެވެ. މި ފިޔަވަޅާއެކު، ގިނަ ބައެއްގެ ތައުރީފް ރައީސް ސޯލިހަށް ވަނީ އަމާޒުވެފަ އެވެ.

އެގޮތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވީ ރައީސް ސޯލިހު ދެއްވި ފަދަ ވަރުގަދަ މެސެޖެއް މި ގަރުނުގައި ވެސް އެއްވެސް ވެރިއަކު ދެއްވާފައިނުވާ ކަމަށެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ވެސް ވަނީ ރައީސް ސޯލިހަށް މަރުހަބާ ވިދާޅުވެފަ އެވެ. ފާއިޒް ވިދާޅުވީ ރައީސްގެ ނިންމެވުމަކީ ހިތްވަރު ގަދަ ނިންމުވުމެއް ކަމަށެވެ. އައްސަރިބަހާއި ސާބަސް ކަމަކަށެވެ.

މަހުލޫފްއާ ދެކޮޅަށް އަޑުއުފުލި ގިނަ އާންމުން ވެސް ވަނީ ރައީސް ސޯލިހުގެ ނިންމުމަށް އެމަނިކުފާނަށް މަރުހަބާ ކިޔާފަ އެވެ. އެމަނިކުފާނުގެ އަމަލާއި ބަސް ދިމާވަމުންދާތަން ފެންނަމުންދާތީ އުފާ ކުރާ ކަމަށް މީހުން ވަނީ ބުނެފަ އެވެ. ހަގީގަތުގައި ވެސް ދެން ވެސް ކޮރަޕްޝަނަށް އެއްވެސް ވަރެއްގެ ފުރުސަތެއް ނުދެއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.

ރައީސް ސޯލިހަށް އޭސީސީގެ ރިޕޯޓް ކުރިން ވެސް ފެނިވަޑައިގެން، ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުންނަށް ފިޔަވަޅު ނޭޅުއްވީ ކީއްވެގެން ކަމަށް ބުނެ، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އައިމަން ރަޝީދު ސުވާލު އުފައްދާފަ އެވެ. އެ ސުވާލަށް ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ޖަވާބު ދެއްވާފަ އެވެ. ހޫދު ވިދާޅުވި ގޮތުން އޭސީސީގެ ރިޕޯޓްގައިވާ އެއްވެސް މައުލޫމާތެއް މީގެކުރިން ރައީސްއަށް ފެނިވަޑައިގެންފައެއް ނުވެ އެވެ. އެމަނިކުފާނަށް ވެސް އެ ރިޕޯޓް ފެނިވަޑައިގަތީ އިއްޔެ އާންމުކުރުމާއެކު ކަމަށެވެ. ރައީސް ވަނީ އޭސީސީއިން ރިޕޯޓް މިހުރިހާ ދުވަހު ފޮރުވައިގެން ގެންގުޅުނީ ކީއްވެތޯ ރޭ ސުވާލު ވެސް އުފައްދަވާފަ އެވެ.

އެ އޮޅުން ސާފުކޮށް ދެއްވުމުން އައިމަން ވެސް ވަނީ ރައީސްއަށް މަރުހަބާ ދަންނަވާފަ އެވެ. އަދި އޭނާގެ ޓްވީޓަށް ތަރުޖަމާނު ޖަވާބު ދެއްވުމުން ކަންކަން ބަދަލުވެ، ޖަވާބުދާރީވުމުގެ ސިފަ އަށަގަންނަމުންދާ ކަމުގެ ނިޝާން ފެނިއްޖެ ކަމަށް ވެސް އައިމަން ވަނީ ބުނެފަ އެވެ.