ހަބަރު

ރައީސްގެ ހުށަހެޅުންތަކާއެކު މައުމޫން، މަހާތީރާ ބައްދަލުކުރައްވައިފި

Feb 15, 2019

އެމްއާރްއެމްގެ ފަރާތުން ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް، މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތިރު ބިން މުހައްމަދާ ބައްދަލުކުރައްވައިފިއެވެ. އެ ދެ ބޭފުޅުންނަކީ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ދެ ބޭފުޅުންނެެވެ.

ރައީސް މައުމޫން އާއި މެލޭޝިޔާގެ ބޮޑުވަޒީރުގެ ބައްދަލުކުރެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ޑރ. މަހާތިރް ރާއްޖެ ވަޑައިގެންނެވުމަށް އެދި ދެއްވި ދައުވަތުގެ ސިޓީފުޅެއް ރައީސް މައުމޫން ވަނީ
ޑރ. މަހާތިރްގެ އަތްޕުޅަށް އަރުވާފައެވެ.

ރައީސް ސާލިހް ދެއްވި ދައުވަތު ޑރ. މަހާތިރު އުފަލާއެކު ގަބޫލުފުޅުކުރެއްވި ކަމަށް އެމްއާރްއެމްއިން ބުންޏެވެ.

މި ބައްދަލުވުމުގައި، ރައީސް ސޯލިހްގެ އެދިވަޑައިގަތުމުގެ މަތިން، ދިވެހިންނަށް ދަތިވެފައިވާ ވިސާގެ މައްސަލަ ރައީސް މައުމޫން، ޑރ. މަހާތިރާ ހިއްސާކުރެއްވިއެވެ. އަދި އެކަމުގައި ޑިޕްލޮމެޓިކް ޗެނަލްއިން މަސައްކަތްކޮށް އަވަސް ހައްލެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް މައުމޫން، ޑރ. މަހާތިރު އަރިހުގައި ދެންނެވިއެވެ.

އެމްއާރްއެމްއިން ބުނީ ރާއްޖޭގައި މިހާރު އޮތް ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމާއި އިސްލާހީ މަސައްކަތްތައް
ރާއްޖޭގައި ކުރިއަށްދާކަން ރައީސް މައުމޫން، ޑރ. މަހާތިރާ ހިއްސާކުރެއްވިއެވެ. އަދި ބައްދަލުކުރެއްވުމުގައި ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސްވުމާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އެމްއާރްއެމްއިން ބުންޏެވެ.

ރައީސް މައުމޫން މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު ބައިވެރިވެވަޑައިގެންނެވި
ބޭފުޅުންނަށް، ޑރ. މަހާތިރާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް މައުމޫން އެމަނިކުފާނަށް ވަރަށް ހާއްސަ ޝުކުރެއް ދެންނެވިއެވެ.

ރައީސް މައުމޫން މެލޭޝިޔާއަށް ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ. މިދަތުރުފުޅުގައި ރައީސް މައުމޫންގެ
އަރިހުގައި އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަބްދުﷲ ކަމާލުއްދީނާއި އައިމިނަތު ނާދިރާ
ބައިވެރިވެވަޑައިގެންނެވިއެވެ.