ހަބަރު

އިސްލާހުކުރި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް ލިބުނު ޝަކުވާތަކާ އެއްގޮތަށް އެ ލިސްޓް އިސްލާހު ކުުރުމަށް ފަހު ގެޒެޓްކޮށް އަނެއްކާ ވެސް ޝަކުވާއަށް ހުޅުވާޅައިފި އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓް ޝަކުވާއަށް އެންމެ ފުރަތަމަ ހުޅުވާލީ، މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ. އެގޮތުން، ޝަކުވާއަށް ހުޅުވާލި 10 ދުވަހުގެ ތެރޭގައި 1256 ޝަކުވާއެއް ވޯޓާސް ލިސްޓަށް ލިބުނެވެ.

އެ ޝަކުވާތަކާ އެއްގޮތަށް، އިސްލާހުކުރި ލިސްޓް ގެޒެޓްގައި ޝާއިއުކޮށް އީސީއިން ކުރި އިއުލާންގައި ބުނީ، އިސްލާހުކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތަކީ، މިއަދުން ފެށިގެން 26 ފެބުރުވަރީ ގެ ނިޔަލަށް ކަމަށެވެ. ޝަކުވާތައް ބަލައި ގަންނާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައި ނަމަ، އިލެކްޝަންސް ކޮމިޝަންގެ މައި އިދާރާ، ޕޯޓް ކޮމްޕްލެކްސް އިމާރާތުން އެވެ. އަދި ޝަކުވާ ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެ އެވެ.