ކުޅިވަރު

ސައިކްލޯންގެ ރެކޯޑް ނިމުމަކަށް

އެއްވެސް މެޗަކުން ބަލިނުވެ އެއް އަހަރު ވަންދެން ސައިކްލޯން ބާސްކެޓްބޯލް ދެމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެ އެވެ. ސައިކްލޯންގެ އެ ރެކޯޑް ނިމުމަކަށް ގެނައީ އިއްޔަ ފެށި އެމްބީއޭ ޗެމްޕިއަންޝިޕްގައި ސައިކްލޯން ބަލި ކުރި ޔޫއެން ފުރެންޑްސް އެވެ.

ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން މި އަހަރު ނިކުތް ޔޫއެން ފްރެންޑްސްއާ ދެކޮޅަށް ސައިކްލޯންގެ ޒުވާން ކުޅުންތެރިން ވަނީ ވަރުގަދަ ފައިޓެއް ދީފަ އެވެ. ރޭ ކުޅުނު މެޗު ޔޫއެން ފްރެންޑްސް ކާމިޔާބު ކުރީ، 45-35 ޕޮއިންޓުންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސައިކްލޯންގެ ފާތިމަތު ރިޝްމާ އެވެ. މިދިޔަ އަހަރު ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށް ހުރިހާ މުބާރާޓެއް ކާމިޔާބު ކުރި ސައިކްލޯން ބަލި ކުރުމަށް ގިނަ ޓީމުތަކުން ތިބީ ބޭނުން ވެފަ އެވެ. ޔޫއެން ފްރެންޑްސްގެ ޓީމު ވަރުގަދައަށް އެކުލަވާލި އެއް ސަބަބަކީވެސް ސައިކްލޯންގެ ޑޮމިނެންސް ނިމުމަކަށް ގެނައުމެވެ. އެ ޓީމުން ވަރުގަދަ ޓީމެއް އެކުލަވާލުމުން މި އަހަރުގެ ބާސެކްޓްގެ އަންހެން ޑިވިޝަން ފޯރި ގަދަ ވާނެ އެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔަ ހަވީރު ކުޅުނު މެޗުގައި ވާދަ ކުރީ، ޓީރެކްސް އާއި ބެންޗު ސްޕޯޓްސް ކުލަބެވެ. ބެންޗު ސްޕޯޓްސް މެޗު ކާމިޔާބު ކުރީ، 47-44 ންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބެންޗު ސްޕޯޓްސްގެ އާމިނަތު ނަޒްރާ އެވެ.