ސިއްހަތު

ބުނާ ގޮތް ދަރިފުޅު ނުހަދަނީ އޭޑީއެޗްޑީގެ ސަބަބުންތަ؟

އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ އަކީ ކުޑަކުދިންނަށް ދިމާވާ ނިއުރޯޑެވެލޮޕްމެންޓަލް ޑިސްއޯޑާތަކުގެ ތެރޭގައި ހިމެނޭ އެންމެ އާންމު އެއް ޑިސްއޯޑާ އެވެ. އެހެން ކުދިންނާ އަޅާބަލާއިރު މި ބަލި ހުންނަ ކުދިންގެ ސިކުނޑި ހެދި ބޮޑު ވެގެން އަންނަ ގޮތާއި އަދި ސިކުނޑީގެ ބައެއް މަސައްކަތްތައް ކުރިޔައްދާ ގޮތްތަކުގައި ތަފާތުތަކެއް ހުރެ އެވެ. އޭގެ ސަބަބުން އެ ކުދިން އާންމުކޮށް އުޅޭ އުޅުމުގައި އަމަލުތައް ހުންނަ ގޮތް ވަރަށް ތަފާތު ވާނެ އެވެ. އެންމެ ބޮޑު ސުވާލަކަށްވާނީ އޭޑީއެޗްޑީ ހުންނަ ކުއްޖެއްގެ އަމަލުތައް ހުންނާނީ ކިހިނެއް ހެއްޔޭ އެވެ.

އޭޑީއެޗްޑީ ކުއްޖެއްގެ އަމަލުތައް ހުންނާނީ ކިހިނެއް؟

1
 

ކަންކަމަށް ސަމާލުކަން ދިނުމަށް ދަތިވުނެ

މި ބަލި ހުންނަ ކުދިން ކަންކަމަށް ސަމާލުކަން ދިނުމުގައި ދަތިތަކަކާ ކުރިމަތިލަ އެވެ. މިފަދަ ކުދިންނަށް މަސައްކަތެއް ހަވާލު ކޮށްފިނަމަ އެހެން ކަމަކަށް އެޓެޝަން ދިޔަ ނުދީ އެކަމެއް ނިންމާލަން އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. އަދި ދެވޭ އިރުޝާދުކަތަށް ވެސް މާބޮޑު ސަމާލު ކަމެއް ނުދީފާނެ އެވެ. އެހެން ދިމާވަނީ އެ ކުދިންނަށް މާ ގިނަ އިރު ވަކި ކަމަކަށް ކޮންސެންޓްރޭޓް ކޮށްގެން ތިބެން އުނދަގޫވާތީ އެވެ. އެފަދަ ކުދިންގެ ސަމާލުކަން ހުންނަނީ ތަފާތު އެކި ކަންކަމުގެ މައްޗަށް ބަދަލުވެ، ބަދަލުވެ އެވެ.

2
 

ހިމޭނުން ނުހުރެވުން

އާންމުކޮށް މިފަދަ ކުދިން ފެންނާނީ ހިމޭނުން ނުހުރެވޭ ނުވަތަ ހަލަނި ކުދިންގެ ގޮތުގަ އެވެ. އެގޮތުން އަބަދުވެސް ކޮންމެވެސް ކަމެއް ކުރުމުގައި އަވަދިނެތި އުޅުމަކީ މިފަދަ ކުދިންގެ އާދައެކެވެ. ގޭތެރޭގައި އުޅޭއިރު ވެސް ދެކޮޅަށް ނުވަތަ އެކި ދިމަ ދިމާއަށް ހިނގާލަ ހިނގާލައި ވެސް ހުރެދާނެ އެވެ. އެ ގޮތް މެދުވެރިވަނީ އޭޑީއެޗްޑީ ހުންނަ ގިނަ ކުދިންނަކީ ހައިޕައެކްޓިވް ކުދިންނަށްވާތީ އެވެ.

3
 

އިންޕަލްސިވިޓީ ނުވަތަ ވިސްނާ ނުލާ ކަންކަން ކުރުން

އޭޑީއެޗްޑީ ހުންނަ ކުދިންނަކީ ވަރަށް އިންޕަލްސިވް ނުވަތަ ހަރަކާތްތައް އަވަސް ކުދިންނެވެ. މިފަދަ ކުދިންގެ މާބޮޑު ފިކުރެެއްނޯވެ އެވެ. އެހެންވެ ވިސްނާ ނުލައި އެކުދީން ކަންކަންކުރެ އެވެ. މިސާލަކަށް ދެމީހަކު ވާހަކަ ދައްކަމުންދާއިރު މިފަދަ ކުދިން އެމީހުންގެ ވާހަކަ މެދު ކަނޑާލާފައި ވާހަކައެއް ބުނެފާނެ އެވެ. ނުވަތަ މީހުންގެ އަތުން އެއްޗެއް ލިބިގަންނަ އިރު ހަރަކާތް އަވަސްވުމުގެ ސަބަބުން އެ އެއްޗެއް ދަމައިގަނެވޭ ގޮތް ވެދާނެ އެވެ. ހަމައެހެންމެ ކުއްލި ކުއްލިއަށް މޫޑް ބަދަލުވެދާނެ އެވެ. ހާއްސަކޮށް ކުއްލި ކުއްލިއަށް ރުޅިގަދަވުމަކީ ވެސް މިފަދަ ކުދިންގެ ފަރާތުން ފެންނަ ކަމެކެވެ.

މިއީ އޭޑީއެޗްޑީ ހުންނަ ކުދިންގެ ފަރާތުން އާންމުކޮށް ފެންނަ އަލާމާތްތަކެވެ.

ނަމަވެސް ހަލަނިވެފައިމެ އާންމުކޮށް ކަންކަމަށް ސަމާލުކަން ނުދޭ އަދި ހާއްސަކޮށް ކިޔެވުމަށް ކޮންސެންޓްރޭޓް ނުކުރާ، ރުޅިގަދަ ކޮންމެ ކުއްޖަކީ އޭޑީއެޗްޑީ ހުންނަ ކުއްޖެއް ނޫނެވެ. މި ދެންނެވުނު ކަންކަމަކީ ކުދިން ތަރުބިއްޔަތު ކުރުމުގައި އެ ކުދިންނަށް ދަސްކޮށްދެވޭނެ ކަންކަމެވެ. ހުރިހާ ވަގުތެއް ކުޅުމަށް ނުވަތަ އެކުދިން ބޭނުންވާ ކަންކަން ކުރުމަށް ދޫކޮށްނުލާ، ބައެއް ވަގުތުތަކަކީ ކިޔެވުމަށާއި މައިންބަފައިން ބުނާ ކަންކަން ފުރިހަމަ ކުރަން ހޭދަކުރަންވާނެ ވަގުތުތަކެއް ކަމަށް ޅަފަތުންސުރެން ދަސްކޮށްދޭންވާނެ އެވެ. އަދި ރުޅި އައުމުން ހަދާނެގޮތާއި އެ ރުޅި ކޮންޓްރޯލު ކުރުމަކީ ވެސް ކުދިންނަށް ކިޔައިދީ ދަސްކޮށްދޭން ވާނެ ކަންކަމެވެ.

މިކަންކަން މިހެން ކުރަން މަސައްކަތްކުރިނަމަވެސް އާދަޔާ ހިލާފަށް ދަރިފުޅު ހަލަނިވެ ކަންކަމަށް ސަމާލުކަން ނުދޭކަން ފާހަގަ ކުރެވިއްޖެނަމަ އެއީ ކީއްވެގެންތޯ ހޯދައި ބެލުން ވަރަށް ވެސް މުހިންމެވެ. ހާއްސަކޮށް މިފަދަ ކަންކަން ތަކުރާރުކޮށް ފާހަގަ ކުރެވިގެން މުދައްރިސަކު ސުވާލެއް ކޮށްފިނަމަ އިތުރަށް ބެލެނިވެރިން އެކަމަށް ސަމާލުވާންވާނެ އެވެ.

އޭޑީއެޗްޑީ ހުރިތޯ ދެނެގަންނާނީ ކިހިނެތް؟

އޭޑީއެޗްޑީ ހުރިކަމަށް ޝައްކު ކުރެވިއްޖެނަމަ ޑޮކްޓަރަކަށް ދައްކަންވާނެ އެވެ. އޭރުން ޑޮކްޓަރު ދަރިފުޅުގެ އަމަލުތައް މިގޮތަށް ތަފާތުވުމަށް މެދުވެރިކުރުވައިފާނެ އެހެންކަންކަން ބަލައި ޗެކް ކުރާނެ އެވެ. އޭގެތެރޭގައި ކުއްޖާގެ ފެނުމާއި އަޑުއިވުމާއި އެހެނިހެން އެއްވެސް ކަމެއްގައި މައްސަލައެއް ހުރިތޯ ބެލުމަށް ޓެސްޓްތައް ހަދާނެ އެވެ.

ހަގީގަތުގައި އޭޑީއެޗްޑީ ހުންނަ ކުއްޖެއްގެ ފަރާތުން ފެންނަ އަލާމާތްތަކަކީ ވަރަށް ގިނަ އެހެނިހެން ނަފްސާނީ ބަލިތަކުގެ ސަބަބުންވެސް ދިމާވެދާނެ އަލާމާތްތަކެވެ. އޭޑީއެޗްޑީ ހުރިތޯ ބެލުމަށް ވަކި ޓެސްޓެއް އަދި ނެތުމުން ޔަގީނުން ވެސް އޭޑީއެޗްޑީތޯ ބެލުމަށް ކުއްޖާގެ އަމަލުތައް ހުންނަގޮތާ މެދު ގިނަ ސުވާލުތަކެއް އަހައި އޮޅުންފިލުވާނެ އެވެ.
އެހެން ކަމުން މި ބައްޔަށް ޝައްކު ކުރެވިއްޖެނަމަ ފުރަތަމަ ކުޑަކުދިންގެ ޑޮކްޓަރެއްގެ ލަފާހޯދިދާނެ އެވެ. އަދި އޭޑީއެޗްޑީ ކަމަށް ޑޮކްޓަރަށް ލަފާ ކުރެވިއްޖެނަމަ ސައިކޮލޮޖިސްއަކަށް ނުވަތަ ސައިކެޓްރިސްޓަކަށް ދެއްކުމަށް އިރުޝާދު ދޭނެ އެވެ.

އޭޑީއެޗްޑީއަށް ފަރުވާ ކުރާނީ ކިހިނެތް؟

1
 

ބޭސް

އޭޑީއެޗްޑީގެ އަލާމާތްތައް ލުއި ކުރުމަށް އެހީވެދޭ ބޭސްތައް ހުރެއެވެ. އޭގެ ތެރޭގައި ސަމާލުކަން އިތުރު ކުރުމަށާއި އަމިއްލަ ނަފްސު ކޮންޓްރޯލު ކުރުމަށް އެހީވެދޭ ބޭސްތައް ހިމެނެ އެވެ. މި ބޭސްތައް ދޭނީ އެ ކުއްޖެއްގެ އަލާމާތްތަކުގެ ކުޑަ ބޮޑު މިނަށް ބަލައިގެނެވެ. އެހެން ކަމުން ބޭސްތައް ބޭނުން ކުރަންވާނީ ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ.

2
 

ބިހޭވިއާ ތެރަޕީ

އެހެން ކުދިންނާ ހިލާފަށް މިފަދަ ކުދިންނަކީ ސަމާލުކަން ދިނުމަށް ދަތިވާ ކުދިން ކަމުން މި ކުދިންނަށް ކަންކަން ދަސްކޮށް ދިނުމަށް ގެންގުޅޭ އުކުޅުތައް ވެސް ތަފާތު ވާނެ އެވެ. ބިހޭވިއާ ތެރަޕީގެ ދަށުން ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލާއިރު ތަރުތީބުން ކަންކަން ކުރުން ވަރަށް މުހިންމެވެ. ތާވަލެއްގެ ދަށުން ކޮންމެ ދުވަހަކު ވެސް އެއްވަގުތެއްގައި ކަންކަން ކުރެވިދާނެ އެވެ. އޭރުން ކުއްޖާ އެގޮތަށް ހޭނި އެ ވަގުތެއްގައި ކުރަންޖެހޭ ކަމެއް ކުރުމަށް އާދަވުމުގެ ފުރުސަތު ބޮޑެވާނެ އެވެ. ހަމައެއާއެކު ގިނަ ކަންތައްތަކެއް އެއްފަހަރާ ދަސްކޮށްދޭން އުޅުމުގެ ބަދަލުގައި ފަހަރަކު ކަމެއް ދަސްކޮށް ދެވިދާނެ އެވެ.

މީގެ އިތުރުން ގިނަގިނައިން ހިތްވަރުދިނުމުގެ ގޮތުން ތައުރީފުގެ ބަސްތައް ވެސް ބުނެވިދާނެ އެވެ. މިސާލަކަށް އަމިއްލައަށް ކަމެއް ކޮށްފިނަމަ ނުވަތަ ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ފާހަގަ ކުރަންވާނެ އެވެ. އަދި ގޯސްކޮށް ކަންކަން ކުރެވިއްޖެނަމަ އެކަމާމެދު އަޑުހަރުކޮށް ހަޅޭއްލެވުމުގެ ބަދަލުގައި ދެން ފަހަރަކުން ރަނގަޅު ކުރުމަށް ހިތްވަރު ލިބޭ ގޮތަކަށް ބުނެދެވިދާނެ އެވެ. މިކަމަށް ތަމްރީންވެފައިވާ ތެރަޕިސްޓެއްގެ އެހީވެސް ހޯދިދާނެ އެވެ.

3
 

ބެލެނިވެރިން ހޭލުންތެރިވެ ތަމްރީނުވުން

އޭޑީއެޗްޑީ ހުންނަ ކުއްޖެއް ތަރުބިއްޔަތު ކުރުމަކީ އެންމެ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެނީ ގިނަ ފަހަރު ބެލެނިވެރިންނަށް ވެސް ކުއްޖާއަށް އަންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ކަން ކުރަންވީ އެންމެ ރަނގަޅުގޮތެއް ނޭނގެ އެވެ. އޭޑީއެޗްޑީ ހުންނަ ކުއްޖެއްގެ އަލާމާތްތައް ލުއިކޮށް ކުއްޖާގެ އުޅުމަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ގެނައުމަށް އެންމެ މުހިންމީ ކުއްޖާ އެންމެ ގިނަވަގުތު އެބައަކާއެކު ހޭދަކުރާ ބެލެނިވެރިންގެ އޯގާތެރިކާމާއި އަޅައިލުމެވެ. މިކަން ހާސިލް ކުރެވޭނީ މި ބައްޔާމެދު ބެލެނިވެރިޔާ ހޭލުންތެރި ވެގެނެވެ. އެގޮތުން މިބަލީގެ އަލާމާތްތައް އެނގުމުން ކުއްޖާގެ އަމަލުތައް ތަފާތުކޮށް ހުންނަނީ ކީއްވެގެންކަން ފަސޭހައިން ދެނެގަނެވޭނެ އެވެ. އެހާ ހިސާބުން ކުއްޖާއާމެދު ދެން ކަންތައްތައް ބަހައްޓަންވީ ގޮތް އެނގިފައި އޮތުން ވެސް ވަރަށް މުހިންމެވެ.

4
 

މުދައްރިސުން ހޭލުންތެރިވުމާއި ތަމްރީނުވުން

ބެލެނިވެރިންގެ އިތުރުން މުދައްރިސުން ވެސް މި ބައްޔާމެދު ހޭލުންތެރިވުމަކީ ކުއްޖާއަށް ލިބެންވާ ފަރުވާ އާއި އަޅާލުމާއި ސަމާލުކަން ލިބުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ. ނަމަވެސް ހިތާމަ ކުރަންޖެހޭ ފަދަ ގޮތެއް ރާއްޖޭގައި ދިމާވެ އެވެ. ރާއްޖޭގެ ގިނަ މަދަރުސާތަކުގައި މިފަދަ ކުދިންނަށް ދޭންވާ ސަމާލުކަން ނުދެވިދަނީ މުދައްރިސުން މިފަދަ ސިއްހީ މައްސަލަތަކަށް ހޭލުންތެރި ނުވުމާއި އެ ބޭފުޅުންނަށް އެންމެ އެދެވޭ ގޮތުގައި އެފަދަ ތަމްރީނުތައް ލިބިފައި ނުހުންނާތީ އެވެ. އެހެންވެ އޭޑީއެޗްޑީ ހުންނަ ކުއްޖެއްގެ ކުރިއެރުމުގައި މުދައްރިސުންނާއި މަދަރުސާގެ ރޯލުވެސް ވަރަށް މުހިންމު ވެއެވެ.

އޭޑީއެޗްޑީ ހުންނަ ކުދިންނަކީވެސް އެހެން ކުދިންނެކޭ އެއްގޮތަށް ކިޔެވުމަށާއި ކުޅިވަރު ކުޅުންފަދަ ކަންކަމުގައި އެހެން ކުދިންނާ އެއް ހަމައެއްގައި ވާދަކޮށް މޮޅު ވެވޭނެ ކުދިންނެވެ. ރަނގަޅު ފަރުވާ އާއި އަޅާލުން ލިބިއްޖެނަމަ އެ ކުދިންގެ އުޅުން ދުވަހުން ދުވަހަށް ރަނގަޅު ވެގެން ދިއުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ.

އެކުދިންނަށް އެންމެ މުހިންމުވާނީ އެކުދިންގެ ވަށައިގެންްވާ މީހުންގެ ލޯތްބާއި އަޅައިލުމެވެ. އެކުދިން ބާކީކޮށް ނުލުމާއި އެ ޔަގީންކަން ވެސް އޮތުމެވެ. އަދި "ތިއީ ހާދަ ހަލަނި ކުއްޖެކޭ" ނުވަތަ "ތިއީ އެއްވެސް ކަމެއް ކުރަންނޭގޭ ކުއްޖެކޭ" ފަދަ ބަސްތައް ތަކުރާރުކޮށް ރައްދުވާނަމަ އެ ކުދިންނަކީ އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ ކުދިންތަކަކަށްވެ މާޔޫސް ވެގެން ދާނެ އެވެ.

މިފަދަ ބަލިތަކާމެދު ދިވެހި އާއިލާތައް ހޭލުންތެރިވުން ވަރަށް މުހިންމެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ދެނެގަނެ، ހިނިތުންވުމާއި ލޯތްބާއެކު އަދި އެކުދިންގެ ތަފާތުތަކާއެކު އެކުދިން ބަލައިގަނެ އެކުދިންނަށް އެހީތެރިވާށެވެ.

އެޑިޓަރުގެ ނޯޓް: އާމިނަތު ނައުޝާ އަހުމަދަކީ ޒުވާން މެޑިކަލް ސުޓޫޑެންޑެކެވެ. ޖަމާލުއްދީނާއި ސީއެޗްއެސްއީގައި ތައުލީމް ހާސިލް ކުރެއްވުމަށްފަހު މެޑިކަލް ޑޮކްޓަރުކަށްވެ ވަޑައިގަތުމަށް ނައުޝާ ކިޔަވާ ވިދާޅުވަނީ މެލޭޝިޔާ އިންޓަނޭޝަލް މެޑިކަލް ޔުނިވާސިޓީގަ އެވެ. ނައުޝާއަކީ 2013 ވަނަ އަހަރު ޖަމާލުއްދީނުގެ އެންމެ މޮޅު ދަރިވަރެވެ. އޯލެވެލް އާއި އޭލެވެލްގައި ރާއްޖޭގެ އެއްވަނަ ވެސް ހޯއްދެވި ނައުޝާ ކިޔާ ވިދާޅުވަނީ ރައީސުލްޖުމްހުރިއްޔާގެ ސްކޮލާޝިޕެއްގަ އެވެ. ސްކޫލް ދައުރުގައި ވެސް ލިޔުންތެރި ކަމުގައި ފާހަގަ ކުރެވުނު ނައުޝާ ސިއްހީ ދާއިރާގެ އެކި މައްސަލަތަކާ ބަލާލައި ލިޔާ ލިޔުންތައް ކޮންމެ އާދީއްތަ ދުވަހެއްގައި ގެނެސްދޭނެ އެވެ.