ހަބަރު

އޭސީސީގެ ރިޕޯޓާއެކު ފުލުހުން ތަހުގީގެއް ފަށައިފި

Feb 16, 2019
5

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ނެރުނު ރިޕޯޓްގައިވާ ބައެއް ކަންކަމުގެ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.

އޭސީސީއިން އާންމުކުރި ރިޕޯޓުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްއަށް ޖަމާކޮށްފައިވާކަން އެނގެ އެވެ. އަދި އެ ކުންފުނީގެ އެކައުންޓުން ބައެއް އަމިއްލަ މީހުންނަށާއި ކުންފުނިތަކަށް ފައިސާ ޖަމާކޮށްފައިވެ އެވެ.

އެ މުއާމަލާތްތަކުގައި ބައެއް ފަރާތްތަކުގެ އިހުމާލު ހުރިކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޕީއެސްއެމްއަށް ދެއްވި އިންޓިވިއުއެއްގައި ވިދާޅުވީ އޭސީސީގެ ރިޕޯޓްގައި ޖިނާއީ ބައެއް ކަހަލަ ކުށްތަކަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް އެބަ ހުރި ކަމަށާއި އެކަންކަން ބަލައި ދިރާސާކުރަމުންދާ ކަމަށެވެ.

ހަމީދު ވިދާޅުވި ގޮތުގައި ރިޕޯޓްގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި މަނީލޯންޑްރިންނާއި ފްރޯޑް އަދި ފޯޖަރީ ފަދަ ކުށްތައް ހިމެނޭނަމަ އެކަން ތަހުގީގު ކުރާނެ އެވެ. ފުލުހުންނަށް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ލިބިފައިވާ ހެއްކާއި ގަރީނާ، އޭސީސީގެ ރިޕޯޓާ ގުޅޭ މިންވަރު ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ ފުލުހުން ކުރިން ވެސް ތަހުގީގު ކުރި އެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަަށް ދައުވާކުރުމަށް އެދުނެވެ.