ހަބަރު

އަޅުގަނޑު ގޯހެއް ހަދާފާނެ ކަމަށް މީހުން ވިސްނުމަކީވެސް ގޯހެއް: ޔާމީން

އެމަނިކުފާނު ގޯހެއް ހަދާފާނެ ކަމަށް ރައްޔިތުން ގަބޫލު ކުރުމަކީވެސް ގޯހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ އެސްއޯއެފްގެ އެކައުންޓަކުން ކުރީގެ ރައީސް ޔާމީންގެއެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައަކާއި ގުޅިގެން އެމަނިކުފާނު ވަނީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

ފުލުހުންގެ އިދާރާގައި ހަތަރު ގަޑިއިރަށްވުރެ ގިނަ އިރު ހުންނެވުމަށްފަހު ގެކޮޅަށް ވަޑައިގެން، ނޫސްވެެރިންނާ ބައްދަލު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިދިޔަ އަހަރުގެ، ނޮވެމްބަރު 17އާ ހަމަޔަށްވެސް އެމަނިކުފާނަކީ ގާނޫނު ނެގެހެއްޓުމުގެ އެންމެ އިސްފަރާތުގެ ގޮތުގައި ހުންނެވި ބޭފުޅާ ކަމަށާއި، އެމަނިކުފާނު ގޯހެއް ހައްދަވާފައިވާނެ ކަމަށް ރައްޔިތުން ގަބޫލު ކުރުމަކީވެސް ގޯހެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ އެ ފައިސާތަށް އޭސީސީއާ ހަވާލުކޮށްފައިވާ މައްސަލާގައި ކަމަށާއި، އޭސީސީން ފުލުހުންގެ އިދާރާއަށް މައުލޫމާތު ދީފައިވަނީ އެފައިސާ ޖަމާކޮށްފައިވަނީ އޭސީސީން ބުނި ގޮތާއި ހިލާފަށް ކަމަށެވެ.

"އަޅުގަނޑު ބުނެފައިވާނެ އެއް މިލިއަނަށްވާ ފައިސާ އެއޮތީ ޖަމާކޮށްފަ އޭ. އެއީ އަޅުގަނޑަށް އަތްލެވޭ ގޮތަށް އޮތް އެއްޗެއް ނޫނޭ. އެކަމާއި ގުޅިގެން ފުލުހުން އަޅުގަނޑުގެ ބަޔާން ނެގީ" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިދިޔަ މާޗު މަހުގެ 25 ވީ ދުވަހު އޭސީސީއާއި އެކު އެ ފައިސާ ޖަމާކުރުމަށް އެގްރީމަންޓެއް ހެދި ކަމަށާއި، އެ އެއްބަސްވުމާއި އެއްގޮތަށް ޖޫން މަހު ފައިސާ ޖަމާކޮށްފައިޥާނެ ކަމަށެވެ. އަދި އެސްއޯއެފުގައި ހުރި ހުރިހާ ފައިސާއަކީ އެމްއެމްޕީއާރުސީ ފައިސާ ކަމަށް އެއްވެސް އިދާރާއަކުން މިހާތަނަށް އައި އިރު ކަނޑައަޅާފައިނުވާ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމުން އެމަނިކުފާނުގެ އެކައުންޓެއްގައި ހުރި އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.