ހަބަރު

އެސްއޯއެފްއިން ޑޮލަރު ގަތިން، އެއީ ސައްހަ މުއާމަލާތްތަކެއް: ގާސިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏާއެކު ދެ ފަހަރެއްގެ މަތީން ޑޮލަރު މާރުކޮށްފައިވާނެ ކަމަށާއި އެއީ ސައްހަ މުއާމަލާތެއް ކަމަށް ވިލާ ޓްރެވަލްސްގެ އިސްވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ ރިޕޯޓް އާންމުކޮށްފަ އެވެ. އެރިޕޯޓްގައިވާ ގޮތުން އެސްއޯއެފުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ވިލާ ޓްރެވަލްސްއަށް 700،000 ޑޮލަރު ދިން ކަމަށް ވެއެވެ.

ގާސިމްގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަށް އދ. ފެންފުށީގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، ގާސިމް ވިދާޅުވީ، ވިލާ ޓްރެވަލްސްއަކީ ދުނިޔޭގެ އެތަށް ބަޔަކަށް ދިވެހި ރުފިޔާއިން ޓިކެޓް ވިއްކަމުންދާ ބައެއް ކަމަށާއި އެކަމަކީ ސަރުކާރުން މަޖުބޫރު ކުރުވާފައިވާ ކަމެއް ކަމަށެވެ.

"ބޭރު ފައިސާއަކަށް ޓިކެޓެއް ނުވިއްކޭ، ދިވެހި ރުފިޔާއިން ވިއްކާ ޓިކެޓްގެ އެފައިސާ ދައްކަން ޖެހެނީ ޑޮލަރުން، އަބަދުވެސް ޑޮލަރު ގަންނަމުން މިދަނީ، އޭރުވެސް މިހާރުވެސް، އަބަދުވެސް، ބޭންކް ތަކުން ނުލިބިއްޖެނަމަ، ވިއްކި މީހެއްގެ އަތުން ގަންނަނީ، އެއީ ބޭރަށް ބާޒާރުކުރަން ދާމިހުންވެސް ބޭހަށްދާ އެންމެންވެސް އެކަން ކުރާ ގޮތް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ޑޮލަރު ގަތުމަކީ އެމްއެމްއޭގެ ގަވާއިދުގައިވާ ގޮތުން ކުށެއް ނޫން ކަމަށާއި އެކަމަކު ޑޮލަރު ގަނެ ވިއްކާ ކަމަށްވާނަމަ އެތަނުގެ ލައިސެންސް އޮންނަންޖެހޭ ކަމަށެވެ. އެކަމުގެ ލައިސެންސް ވިލާގައި އޮތް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. އެހެންނަމަވެސް އޭސީސީގެ ރިޕޯޓްގައި އަދި އެމްއެމްއޭގެ ވެބްސައިޓްގައިވާ ގޮތުން ވެސް އެސްއޯއެފްއަކީ ޑޮލަރުގެ މުއާމަލާތް ކުރުމުގެ ލައިސެންސް އޮތް ކުންފުންޏެއް ނޫނެވެ.

"އެގޮތުން އެބުނާ ކުންފުންޏަކުން ޑޮލަރު ދެ ފަހަރެއްގެ މަތިން ބެންކް ޗެކުން ލާރިތައް ލިބުނީމާ އެއަށް ދިވެހި ފައިސާ ބަރާބަރަށް ދައްކާފައި އޮންނާނީ، އެލިޔެކިޔުންތައް އެބަހުރި، އެމައްސަލާގައި އެމްއެމްޕީއާރްސީގެ ފައިސާކަމަށްވިޔަސް އަަދި އެހެން ފައިސާއެއް ކަމަށްވިޔަސް އަޅުގަނޑުމެންނަށް އިނގޭނެ އެއްވެސް ގޮތެއް އޮންނާނެތޯ، އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން ނުވަތަ ނޫންކަން، ޑޮލަރު ވިއްކަން އައި މީހަކު ޑޮލަރު ގަންނަން އައީމަ ވިއްކާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، އެސްއޯއެފުން ޑޮލަރު ގަތުމުގައި ވިލާއިން ކުށެއް ނުކުރާ ކަމަށެވެ. އެހެންނަމަވެސް އެއީ ކުށެއްގެ ގޮތުގައި ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ގާސިމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ރިޕޯޓް އެއްކޮށް ފުރިހަމަނުވާ ކަމަށާއި ހަމައެކަނި ފެންނަން އޮތީ ބޭންކް ޓްރާންސެކްޝަންތައް އެކަނި ކަމަށެވެ. އެކުންފުނިން އަތުން އަތަށް ފައިސާ ދިން އެއްވެސް ފަރާތެއްގެ ނަމެއް ނެތް ކަމަށެވެ. އަދި ފުރިހަމަ ރިޕޯޓެއް އަވަހަށް ހާމަ ކުރެއްވުމަށް ވެސް ގާސިމް ވަނީ ގޮވާލައްވާފަ އެވެ.

"ނަގުދު ފައިސާއިން ލާރި ދިން މީހުންގެ ލިސްޓް ވެސް ހާމަ ކުރެއްވީމާ އެނގޭނީ، މިހާރު އެއޮތީ އެއްބައި، އަނެއްބައި އަޅުގަނޑު އެދެން އެންޓިކޮރަޕްޝަނުން އަވަހަށް ހާމަކޮށްދެއްވުމަށް، އިންސާފުވެރި ވުމަކީ އެއީ ދެއްތޯ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ، އެސްއޯއެފާއި ވިލާޓްރެވަލްސްގެ މުއާމަލާތްތައް އޭސީސީގެ ރިޕޯޓުގައި ހިމަނާފައި ވީނަމަވެސް އެކަމާ ގުޅޭ ގޮތުން ވިލާ ޓްރެވަލްސް އަދި ވިލާގުރޫޕުގެ ފަރާތަކާވެސް އޭސީސީން ސުވާލުކޮށް މައުލޫމާތު ހޯދާފައި ނުވާކަމަށެވެ.