ދުނިޔެ

ހަމަލާއަށްފަހު ކަޝްމީރު މުސްލިމުންނަށް ބިރުވެރިކަން

Feb 17, 2019
4

ސްރީނަގަރު (ފެބްރުއަރީ 27) - އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ބޮމެއް ގޮއްވާލައިގެން އެތަކެއް އިންޑިއާ ސިފައިންނެއް މަރާލުމާއެކު އެކަމަށް ބަދަލުހިފުމުގެ ގޮތުން ކަޝްމީރު ރައްޔިތުންނަށް ހަމަލާދޭން ފަށައިފި އެވެ.

އެ ހާދިސާގައި 42 އިންޑިއާ ސިފައިން މަރުވެފައިވާއިރު، ފަހުގެ ތާރީހެއްގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ފަހަތުގައިވާ ޖަމާއަތަށް ވާގި ދޭ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އަވަށްޓެރި ޕާކިސްތާނު "މުޅީން އެކަހެރިކޮށްލާނެ" ކަމުގެ އިންޒާރު ދީފަ އެވެ.

އިންޑިއާ ސިފައިން ގޮވައިގެން ދަތުރުކުރި ބަހަކަށް އަމާޒު ކޮށްގެން ދިން ހަމަލާގެ ޒިންމާ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ޖައިޝޭ މުހައްމަދު ވަނީ ނަގާފަ އެވެ.

ބުރާސްފަތި ދުވަހު ދިން ހަމަލާއަށްފަހު، ހިމާލަޔާ ސަރަހައްދުގައި ދިރިއުޅޭ ކަޝްމީރުގެ މުސްލިމުންނަށް އަމާޒުކޮށް ތަފާތު ހަމަލާތައް ދެމުންގެންދާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

މިގޮތުން ބޮޑު ގްރޫޕަކުން ކަޝްމީރުގެ ދެ ދަރިވަރަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ އިރު، ކޮލެޖު ތަކުގައި ކިޔަވާ ކަޝްމީރު ދަރިވަރުން ބޭރު ކުރުމަށް ގޮވާލައި މުޒާހަރާތައް ވެސް ދަނީ ކުރަމުންނެވެ.

އެ ހަމާލާގައި ބައިވެރިވި ކަމުގެ ތުހުމަތު އިންޑިއާ އިން ކުރާއިރު، ޕާކިސްތާނުން ވަނީ އެކަން ދޮގު ކޮށްފަ އެވެ. ނަމަވެސް، އެ ހަމަލާގައި ޕާކިސްތާނު ސަރުކާރުގެ އަތެއް ވާ ކަމުގެ "ސާފު ހެކި" ލިބިފައިވާ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.