ވިޔަފާރި

ރެމިޓެންސް ޓެކުހުން މިދިޔަ މަހު ނުވަ މިލިއަން ރުފިޔާ

Feb 17, 2019

ބިދޭސީން ބޭރަށް ފޮނުވާ ފައިސާ އިން ނަގާ ރެމިޓެންސް ޓެކުހުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި ދައުލަތަށް ނުވަ މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޓެކްސް އިދާރާ (މީރާ) އިން ބުނި ގޮތުގައި ރެމިޓެންސް ޓެކުހުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބުނީ 9,097,978 ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 9,062,521 ރުފިޔާ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މި ޓެކުހުން މިިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 101 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު މި އަދަދު އުޅެނީ 114 މިލިއަން ރުފިޔާގަ އެވެ.

ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނެސް ނަގަން ފެށި މި ޓެކުހުގައި ނަގަނީ ބިދޭސީން ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސެންޓެވެ. މި ޓެކްސް ނަގަން ފެށި ފުރަތަމަ މަހު ދައުލަތަށް 6,822,074ރ. ލިބިފައިވެ އެވެ.

މި ޓެކުން ނަގަން ފެށުމާއެކު، ބައެއް ފަރާތްތަކުން ޓެކުހުން ރެކެން ތަފާތު އުކުޅުތައް ބޭނުން ކުރި އެވެ. ނަމަވެސް މި ޓެކްސް ނުދައްކައި އެކަމުން ބަރީއަވާން މަސައްކަތް ކުރާ ފަރާތްތަކަށް ބިދޭސީ މުވައްޒިފަކު ބޭރަށް ފޮނުވި ފައިސާއާ އެއް އަދަދަކަށް ޖޫރިމަނާ ވާނެ އެވެ.

އަދި އެކަން ކުރީ ވިޔަފާރި އަކުން ނަމަ ޖޫރިމަނާގެ އިތުރުން ވިޔަފާރި ކުރުމުގެ ހުއްދަ ވެސް ވަކި ވަގުތީ ގޮތުން ނެގުމުގެ ބާރު ދައުލަތަށް ދީދައިވެ އެވެ. މީގެ އިތުރުން ބިދޭސީ މުވައްޒިފުންނަށް މުސާރަ ދިނުމަގެ އުސޫލުތަކާއި އެއާ ހިލާފުވާ ފަރާތްތަކަށް އަމަލު ކުރާނެ ގޮތްތަކެއް ވެސް މި ބިލުގައި ކަނޑައަޅައިފަވެ އެވެ. އެގޮތުން ބިލު ތަސްދީގު ކުރުމަށް ފަހު ބިދޭސީ މުވައްޒިފަކަށް މުސާރަ ދޭން ޖެހޭނީ ރަޖިސްޓްރީކޮށްފައިވާ ބޭންކެއްގައި އެ މުވަޒަފުގެ ނަމުގައި ހުޅުވިފައިވާ އެކައުންޓެއް މެދުވެރިކޮށެވެ. އެހެންނޫނީ ބެންކެއްގެ ޗެކަކުން މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށްގެންނެވެ. އަދި އެ ކަމަށް ވަޒީފާ ދޭ ފަރާތް ތަކުން ހިލާފުވެއްޖެ ނަމަ 10،000 އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ އެވެ.

އިމިގްރޭޝަން އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި 144،607 ބިދޭސީން މަސައްކަތް ކުރާއިރު، މީގެތެރެއިން 63،000 ބިދޭސީން މަސައްކަތް ކުރަނީ ގަވައިދާ ހިލާފަށެވެ. މީރާގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އަހަރެއްގެ މައްޗަށް 300 މިލިއަން ޑޮލަރު ވަރު ރާއްޖޭން ބޭރަށް ފޮނުވަ އެވެ.